މާރުކޭޓް ގޮޅިތަކާއި ގާޑިއާތައް ކުއްޔަށް ދިނުމާ ގުޅޭ މުޅިން އާ ގަވާއިދެއް ހައުސިން މިނިސްޓްރީން ތައާރަފްކޮށް އެ ގަވާއިދުގެ ދަށުން އެ ތަންތަން އާ ބަޔަކަށް ދިނުމަށް މިނިސްޓްރީ އިން މިހާރު ވަނީ ނިންމައި، އެ ގޮޅިތައް ލިބޭނެ ފަރާތްތައް ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ޕޮއިންޓް އެ ދިން އާ އުސޫލެއްގެ ތެރެއިން ގޮޅި ލިބޭނެ ފަރާތްތައް މިހާރު ހޮވާފައިވާ އިރު، މި މަހުގެ 31 ގެ ކުރިން ގޮޅިތައް ހުސްކުރަން މިހާރު ވަނީ މިނިސްޓްރީ އިން ނޯޓިސް ވެސް ދީފަ އެވެ. އެކަމާ ގުޅިގެން މިހާރު ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޝަކުވާތައް ބަންޑުން ކުރަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެތަނުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ވަނީ ގޮޅި ގެއްލުމުގެ ބިރާ ކުރިމަތިވެފަ އެވެ.
ބައެއް ފަރާތްތަކުގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ އެތަނުން ލިބޭ އާންމުދަނީ އަކަށެވެ. ދިރިއުޅުމުގެ ގިނަ ދުވަސްތަކެއް ހޭދަކުރީ އެ މާރުކޭޓް ގޮޅީގެ ވިޔަފާރީގައި އެވެ. އެކަމަކީ އެމީހުންގެ ދިރިއުޅުމުގެ އެއް ބައެވެ. އެ މީހުންނަކީ އެ މަސައްކަތް ހުއްޓާލަން ޖެހިއްޖެ ނަމަ އަލުން ކުރާނެ މަސައްކަތެއް ވެސް ނޭނގޭ ބައެކެވެ. މުޅި ދިރިއުޅުން އެކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ވިޔަފާރި ހުއްޓާލަން ޖެހުމުގެ ބިރު ހީވުމުން އެފަރާތްތައް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައި އެވެ.
ވަޅޯމަސް މާރުކޭޓްގައި ގިނަ ދުވަސްތަކެއް ވަންދެއް ވިޔަފާރި ކުރަމުންދާ ފަރާތަކުން ބުނީ، ވަޅޯމަސް މާރުކޭޓްގައި ވިޔަފާރި ކުރާތާ 40 އަހަރު ވެފައިވާ ކަމަށެވެ. މުޅި ދިރިއުޅުން ބިނާވެފައިވަނީ އެ މަސައްކަތައް ކަމަށެވެ. އަނބިދަރީން ބެލުމުގައި ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރަނީ އެ މަސައްކަތުން ލިބޭ އާންމުދަނީ އަކުން ކަމަށެވެ. އިތުރު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ. ދެން އެ މަސައްކަތް ހުއްޓާލަން ޖެހިއްޖެ ނަމަ ހަނދާނެ ގޮތެއް އޭނާ އަކަށް ވެސް ނޭނގެ އެވެ.
"40 އަހަރު ވެއްޖެ މަސައްކަތް ކުރާތާ، މުޅި ދިރިއުޅުން ބިނާވެފައިވަނީ މި މަސައްކަތައް، އުމުރުން މިހާރު 65 އަހަރަށްވުރެ މަތިވީ، އިތުރު މަސައްކަތެއް މިއުމުރުގައި އަލުން ފަށާނީ ކިހިނެތް؟ އިތުރު މަސައްކަތެއް ފަށަން އެވަރަށް ސޭވިން ވެސް ކުރެވިފަ އެއް ނެތް، ކުއްލި އަކަށް މަސައްކަތް ހުއްޓާލަން ޖެހޭނެ ކަމަކަށް ދުވަހަކުވެސް ހިޔެތް ނުކުރަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ، މަސައްކަތުގައި ތިން ދިވެހިންނާއި ތިން ބިދޭސީން ގެންގުޅޭ ކަމަށެވެ. އެފަރާތްތަކަށް ވެސް މަހު މުސާރައިގެ ގޮތުގައި 12،000 ނުވަތަ 10،000 ރުފިޔާގެ މުސާރައެއް ދެމުންދާ ކަމަށް ބުންޏެވެ. ނަމަވެސް ގޮޅި ގެއްލިއްޖެ ނަމަ އެފަރާތްތަކުގެ ވަޒީފާވެސް ގެއްލި ބިކަވާނެ އެވެ. އެ މަސައްކަތް ގުޅިފައިވަނީ އެންމެ މީހަކާ ނޫން ކަމަށާއި އެކަމުގެ ސަބަބުން ގިނަ އާއިލާތަކެއްގެ ދިރިއުޅުމަށް އަސަރުކުރާނެ ކަން އޭނާ ފާހަގަ ކުރި އެވެ.
"ބެލުމުގެ ދަށުން ތިން ދިވެހިން ގެންގުޅެއް، މަހަކު 12،000 10،000 އަދި 8،000 ރުފިޔާގެ މުސާރައަކާއެކު، ތިން ބިދޭސީންވެސް ގެންގުޅެން، މިކަމުގެ ސަބަބުން އަޅުގަނޑުގެ އާއިލާ އެއް ނޫން ބިކަ ވާނީ، އެފަރާތްތަކަށް ވެސް ނުހަނު ބޮޑު ދެރައެއް ލިބިގެން އެދަނީ،" އޭނާ ބުންޏެވެ.
އެތަނުގައި ވިޔަފާރި ކުރާ އިތުރު ފަރާތަކުން ބުނީ، މަސް ކައްކަނީ ވިލިމާލޭގައި ކަމަށާއި އެތަނުން ބިމެއްވެސް ނަގާފައިވާ ކަމަށެވެ. އަދި އެތަންވެސް ހަދާ ނިމިފައިވާ ކަމަށާއި މިކަން ހުއްޓާލަން ޖެހުމުން ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ. މަސް ވިއްކާނެ އިތުރު ގޮތެއް ނެތް ކަމަށާއި މިކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށެވެ. ނަމަވެސް ގެއްލުމަށްވުރެ ބޮޑަށް އުމުރުގެ ބޮޑު ބައެއްގައި ކުރި މަސައްކަތް ހުއްޓާލަން ޖެހުމުން މާ ބޮޑަށް ދެރަވާ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ދަތިވާނެ މިކަން ހުއްޓާލަން ޖެހުމުން، ވަރަށް ބައިވަރު އެއްޗެހި އުކާލަން ޖެހޭނެ، ވަރަށް ބޮޑު ގެއްލުމެއް، ވިލިނގިލީގައި ބިމެއް ދިނުމުން އެތަންވެސް ވަނީ ހަދާ ނިންމާފަ، އެވެސް ގެއްލުމެއް، އެކަމަށްވުރެ ބޮޑަށް، ދިރިއުޅުމަށް މިހާ ދުވަސްވަންދެއް ކުރި މަސައްކަތެއް ހުއްޓާލަން ޖެހުނީމަ މާ ދެރަވެ، ވަރަށް ދިގު މުއްދަތެއް ވަންދެއް ކުރި މަަސައްކަތް މިއީ، ހުއްޓާލަން ޖެހޭތީ ވަރަށް އަސަރުކުރޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ، ވަޅޯމަސް މާރުކޭޓް ހުސްކުރަން އަންގާފައިވަނީ މިމަހު ހަތްވަނަ ދުވަހު ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ގޮޅި ހުސްކުރަން ނާންގާ ކަމަށާއި އެފަރާތްތަކަށް އަންގާފައި ނުވަނީ މާކުހަށް ބަލާފައި ގޮޅި ލިބޭތީ ކަމަށެވެ. ނަމަވެސް ޕޮއިންޓް ދެނީ ކިހިނެތް ކަން ސުވާލު ކުރުމުން މިނިސްޓްރީން ކިޔާދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"މިހާރު ފޯމް ވާނީ ހުށަހަޅާފައި، ކުރިން ވިއްޔާ އެގްރީމެންޓް އާ ކޮށްފަ އެބޭފުޅުން ސޮއި ކުރަން ގުޅާނެ، މިފަހަރު ބުނީ ކުލި ނުދައްކާތީ އެގްރީމެންޓް ހަމަވެފައިވާތީވެ ތަން ހުސްކުރަން ޖެހޭ ކަމަށް، މިތަނުގެ ހަތަރު ގޮޅިއެއް ފިޔަވާ ހުރިހާ ގޮޅިއެއް ހުސްކުރަން އަންގާފައިވަނީ، އެމީހުންގެ ގޮޅިތައް ހުސްކުރަން އަންގާފައިނުވަނީ ޕޮއިންޓަށް ބަލައިގެން. ޕޮއިންޓް ދޭ ގޮތެއް ނުއެއް ބުނޭ، އިނގޭހާވެސް އެއްޗަކީ ޕޮއިންޓް ދޭކަން،" އޭނާ ބުންޏެވެ.
ވަޅޯމަސް މާރުކޭޓްގެ ގޮޅިތައް ހުސްކުރަން އެތަނުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އަންގާފައިވަނީ މިދިޔަ މަހު ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެފަރާތްތަކަށް އިއްޔެ 2:00 ގެ ނިޔަލަށް އެތަން ހުސްކުރަން ކުރިން އަންގާފައިވީ ނަމަވެސް އެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ. ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާރުކޭޓު ގޮޅިތަކާއި ގާޑިޔާތައް ހުސް ކުރުމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މިހާރު ތިބި ފަރާތްތަކަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގޮޅިތަކާއި ގާޑިޔާތަކަށް ކުރިމަތިލާން އަލުން ހުޅުވާލި އިރު އެތަންތަނުގައި މިހާރު ތިބި މީހުންނަށް އެ ތަންތަން ލިބޭ ގޮތަށް ހެދުމަށް އިސްކަން ދީފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަށް މާކްސް މަދުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"މިނިސްޓްރީން އިސްކަން ދީގެން މަސައްކަތް ކުރީ އެތާ ތިބި މީހުންނަށް ފުރުސަތު ދޭން، ނަމަވެސް ބައެއް މީހުންގެ މާކްސް ދަށްވޭ، ދަށްވީ ދެ ސަބަބަކާ ހެދި އެއީ ބިދޭސީން ގެންގުޅުން، އަނެއް ކަމަކީ ދައުލަތަށް ދައްކަން ޖެހޭ ލާރި ބަރާބަރަށް ދައްކަމުން ނުދިޔުން،" އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މާރުކޭޓު ގޮޅިތަކާއި ގާޑިޔާތައް ހިންގުމުގެ އާ އުސޫލުގެ ދަށުން އެތަންތަން އަލަށް ލިބުނު ފަރާތްތަކަށް ހަވާލު ކުރުން އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފަށައިގެން ކުރިޔަށް ދާނެ ކަމަށެވެ.