ރާއްޖެ ކުޅިވަރު

މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ކުޅުންތެރިން އިއުލާން ކޮށްފި

އޮންލައިން ނޫސް، މޯލްޑިވްސް ފުޓްބޯލް އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ބާއްވާ 'މޯލްޑްވްސް ފުޓްބޯލް އެވޯޑްސް' އަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ މުހައްމަދު އުމެއިރު، ނިއު ރޭޑިއަންޓުގެ އަލީ އަޝްފާގް (ދަގަނޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ ފާސިރު (ސެންޓޭ) އެވެ. ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) އެވެ.

މުހައްމަދު އުމައިރު - މާޒިޔާ ސ.ރ

މާޒިޔާއަށް މާލޭ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އުމެއިރު ވަނީ މިސާޒަނުގައި ކްލަބާއި ގައުމީ ޓީމަށް 15 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވި ހިސާބުން ފެށިގެން ނަތީޖާތަށް ދައްވެފައިވާ މާޒިޔާ އަށް އުމެއިރު ވަނީ ދިވެހި ލީގުގައި މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފަ އެވެ. ލީގުގެ ތިންވަނަ މަގާމުގައި މާޒިޔާ ނިންމާލިމުގައި އުމެއިރުގެ ދައުރު ވަރަށް ބޮޑެވެ. އޭނާ އަކީ މިވަގުތ ރާއްޖޭގައި ހުރި އެންމެ އިތުބާރު އެޓޭކިން މިޑްފިލްޑަރެވެ.

އަލީ އަޝްފާގް (ދަގަނޑޭ) - ނިއު ރޭޑިއަންޓް

އަނިޔާ އަށް ފަހު ނިއު އާއި ދިވެހި ލީގަށް ގުޅުނު ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ލީގުގައި ގިނަ ލަނޑުތަކެއް ކާމިޔާބުކުރި ދަގަނޑޭ ނިއުގެ ފޯވާޑް ލައިނުގައި އެޑްރިއަން ގަލާޑޯ އަދި ސެންޓޭ އާއި އެކު ފެނުނީ ވަރަށްވެސް ތަފާތުކޮށެވެ. ދަގަނޑޭ ވަނީ ނިއު އާއެކު ލީގުގެ އިތުރުން އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

އަލީ ފާސިރު (ސެންޓޭ) - ނިއު ރޭޑިއަންޓް

މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ސެންޓޭ ވަނީ ނިއު އަށް 23 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މާލޭ ލީގުގައި ސެންޓޭގެ އެންމެ މޮޅު ކުޅުން ނުފެނުނު ނަމަވެސް ނިއުގެ ކޯޗު އޮސްކާ ބްރުޒޯން ޓީމާ ހަވާލުވިފަހުން ސެންޓޭގެ މޮޅު ކުޅުން އަލުން ފެނިގެން އެބަދެ އެވެ. ހިތް ގައިމު އެތަކެއް ހިލޭ ޖެހުމާކާއި މުހިންމު އެތަކެއް ލަނޑުތަކެއް ކާމިޔާބުކޮށްފައިވާ ސެންޓޭ އަކީ މިއަހަރުގެ އެވޯޑްގެ ވެސް ފެވަރިޓް ކުޅުންތެރިޔާ އެވެ.

ހަމްޒާ މުހައްމަދު (ހަމްޕު) - ނިއު ރޭޑިއަންޓު

މަސައްކަތު ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ހަމްޕު އަކީ ނިއު މެދުތެރެ އާއި ފޯވާޑް ލައިން ގުޅުވައިދޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ހަމްޕު އަކީ މިހާރު ގައުމީ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ އުޖާލާ މުސްތަގްބަލެއް އޮތް އެއް ކުޅުންތެރިޔާވެސް މެއެވެ. ކެރިޔަރުގެ މިހާތަނަށް ނިއު އަށް އެކަނި ކުޅެފައިވާ ހަމްޕި އަކީ ނިއު ސަޕޯޓަރުންގެ މެދުގައިވެސް އެންމެ މަގްބޯލް އެއް ކުޅުންތެރިޔާ އެވެ.

އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) - ޓީސީ

ސ. ފޭދޫ ޓީމުން މިނިވަން 50 މުބާރާތުގައި ވިދާލި އިއްބެ ފުރަތަމަ ޑިވިޝަނަށް ނިކުތީ މިސީޒަން ގައެވެ. އިއްބެ ވަނީ މިހާތަނަށް 17 ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ މިއަހަރު ގައުމީ ޓީމުންވެސް ޖާގަ ހޯދާފަ އެވެ. ޓީސީ ލީގުގެ ދެވަނަ މަގާމު އަދި އެފްއޭ ކަޕް ފައިނަލަށް ގެންގޮސް ދިނުމުގައި އިއްބެ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ނާއިޒް ހަސަން (ދާދު) - ޓީސީ

ދާދު އަކީ ޓީސީގައި މިހާރު ހުރި އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ސީޒަން ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދާދު އަކީ މިއަންނަ ސީޒަނަށް އެންމެ ގިނަ ކްލަބް ތަކުން އެކުޅުންތެރިއެއްގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިޔާ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ކޯޗުންވެސް ވަނީ އިއުލާން ކޮށްފަ އެވެ. މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ނިއު ރޭޑިއަންޓަށް ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްދިން އޮސްކާ ބްރުޒޯން، ޓީސީ އާށް ލީގުގެ ދެވަނަ މަގާމު އަދި އެފްއޭ ކަޕް ފައިނަލަށް ގެންގޮސްދިން މުހައްމަދު ނިޒާމް އަދި މާޒިޔާއަށް މާލޭ ލީގު ކާމިޔާބުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ އެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި އަހަރު އަލަށް ހޮވާ އެންމެ ރީތި ގޯލު (ޖޫލޭ އެވޯޑް)ގެ އިތުރުން ފޭން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އެންމެ މޮޅު ކީޕަރު ހޮވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.