ދުނިޔެ

ސައުދީން ޔަމަނުގެ ހިސާރު އަދިވެސް ނައްތާ ނުލާ: ޔޫއެސް އެއިޑް

ހަނގުރާމައާއި ހިސާރުގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ބަނޑަށް ޖެހިފައިވާ ޔަމަނަށް އެހީފޯރުކޮށްދޭން އެގައުމަށް ވާސިލުވާން ހުރި ބަނދަރުތައް ސައުދީ އިއްތިހާދުން އަދިވެސް ހުޅުވައިނުލާ ކަމަށް އެމެރިކާ ސަރުކާރުގެ އެހީދޭ އެޖެންސީ ޔޫއެސް އެއިޑް އިން ބުނެފިއެވެ.

ޔަމަނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ލުއިކޮށްފައިވާ ކަަމަށް ސައުދީން ވަނީ ކުރިން ބުނެފައެވެ. ނަވެސް ޔޫއެސް އެއިޑްގެ ޗީފް އެޑްމިނިސްޓްރޭޓާ މާކް ގްރީން އިއްޔެ ވިދާޅުވީ ލުޔެއް ދިން ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ. ހިސާރު ނައްތައިލުމަށް އޭނާ ވަނީ ސައުދީ އިއްތިހާދަށް ގޮވައިލައްވާފައެވެ. އަދި އެހީގެ ތަކެތި އެތެރެކުރުމަށް ޖާގަ ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓައިލަން އޭނާ ވަނީ ޔަމަނުގެ ހޫސީ ހަނގުރާމަވެރިންނަށް ވެސް ގޮވައިލައްވާފައެވެ.

ގްރީން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޔަމަނު މީހުންނަށް އިތުރު 130 މިލިޔަން ޑޮލަރުގެ އެހީ އެމެރިކާއިން ދޭނެކަން އިއުލާނު ކުރެއްވުމަށް ފަހުގައެވެ. މިފަހަރު ދޭން ކަނޑައެޅި އެހީއާ އެކު 2016 ވަނަ އަހަރުންް ފެށިގެން އެމެރިކާއިން ޔަމަނު މީހުންނަށް އެހީވުމަށް ހަރަދު ކުރި ފައިސާގެ އަދަދު 768 މިލިޔަނަށް އަރާނެއެވެ. އެމެެރިކާއިން މިފަހަރު ދޭން ނިންމި އެހީގެ ތެރޭގައި ހިމެނެނީ ކާބޯތަކެއްޗަށް 84 މިލިޔަން ޑޮލަރު އަދި ކުއްލި ހާލަތްތަކާއި ބޭސްފަރުވާއަށް 46 މިލިޔަން ޑޮލަރެވެ.

" ނަސީބު ދެރަކަމުން، އަހަރެންނަކަށް ނެތް ބުނެވޭކަށް ހިސާރަށް ލުއިކޮށްފައިވާ ކަމަކަށް. މިއެހީއާ އެކު އަހަރެމެން މިދޭ ސިގްނަލަކީ ( ޔަމަނުގައި ) މިހާރު އޮތް އިންސާނީ ކާރިސާއަށް އިޖާބަދޭން އަހަރެެމެން ތައްޔާރުވެފައިވާކަމުގެ ސިގްނަލް،" ގްރީން ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.


ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ދެ އަހަރު ވީ އިރު، އާއްމުންގެ 10000 މީހުން މަރުވެ އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފައެވެ. އަދި ބޭރަށް ހިންގުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ކޮލެރާ ފެތުރި އެ ބަލި މިހާރު ވަނީ އަށް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އެހުރިހާ ކަމަކާ އެކު ޔަމަނުގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ކާނާ ފޯރުކޮށްދެނީ އެހީދޭ ޖަމާއަތްތަކުންނެވެ.