ކުޅިވަރު

ނޮމިނޭޝަންގައި ޑޮމިނޭޓް ކުރަނީ ނިއުރޭޑިއަންޓް

Dec 13, 2017

ހޮނިހިރު ދުވަހުގެ ރޭ ބާއްވާ މޯލްޑްވިސް ފުޓްބޯލް އެވޯޑްގެ އެކި ކެޓަގަރީ ތަކުގެ ނޮމިނޭޝަންގައި ޑޮމިނޭޓް ކުރަނީ ނިއުރޭޑިއަންޓެވެ. ނޮމިނޭޝަން އިއުލާން ކުރި ކެޓަގަރީޓަކުން ނިއުއިން އަށް ކެނޑޭޓުން ވަނީ ނޮމިނޭޓް ވެފަ އެވެ.

އެވޯޑް ހަފުލާގައި އެންމެ މުހިންމު އެވޯޑަކީ، މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. އެ އެވޯޑަށް ހަ ކުޅުންތެރިން ނޮމިނެޓް ވެފައިވާއިރު އޭގެ ތެރެއިން ތިން ކުޅުންތެރިންނަކީ ނިއުގެ ކުޅުންތެރިން ނެވެ. އެއީ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަލީ ފާސިރު (ސެންޓޭ) އާއި ސީޒަންގެ މެދު ތެރެއިން ނިއުއާ ގުޅި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގް (ދަގަނޑޭ) އަދި ހަމްޒާ މުހައްމަދެވެ.

އެންމެ މޮޅު ގޯލްކީޕަރުންގެ އެވޯޑްގައި ނޮމިނޭޓް ފަސް ނަމުގެ ތެރެއިން ދެ ނަމެއް ފިޔަވައި ދެން ތިބީ ބިދޭސީ ކީޕަރުންނެވެ. އެ ދެ ކޯޕަރުންނަކީ ނިއުގެ ދެ ކީޕަރުން ކަަމަށްވާ ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބިދޭސީ ކުޅުންތެރިޔަކު އެންމެ ފަހުން ހޯދީވެސް ނިއު އަށް ކުޅުނު ކުޅުންތެރިޔެކެވެ. އެއީ 90 ގެ ކުރީކޮޅު ނިއު އަށް ކުޅުނު ކޮންގޯގެ ޕެޓްރިކް ޗިކާޔާ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖެ އަށް މިހާތަނަށް އައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ޗިކާޔާ އެވެ. އޭނާގެ ފަހުން ބިދޭސީ ކުޅުންތެރިޔަކަށް ރާއްޖޭގެ ފުޓްބޯޅައިގެ އެވޯޑެއް ދިފައެއް ނުވެ އެވެ.

މިފަހަރުގެ އެވޯޑް ހަފުލާގައި، އެފްއޭއެމުން ވަނީ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހިމަނާފަ އެވެ. ބިދޭސީ ކުޅުންތެރިންގެ ނޮމިނޭޝަންގެ ފަސް ނަމުގެ ތެރެއިން ދެ ނަމަކީ ނިއުގެ ކުޅުންތެރިންނެވެ. އެއީ ސީޒަންގައި ގިނަ ލަނޑުތަކެއް ވެސް ޖެހި ސްޕެއިންގެ އެޑްރިއަން ގަލާޑޯ އާއި އަދި ސީޒަންގެ މެދުތެރެއިން ނިއު އާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންގެ އަންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑެލާ) އެވެ. އޭނާ އަކީ ނިއުގެ ކޯޗް ކުޅުވަން ބޭނުންވާ ގޭމް ސްޓައިލްގައި ޓީމުގެ އެންމެ މުހިންމު ޓޫލް އެވެ.

އެންމެ މޮޅު ކޯޗްގެ އެވޯޑްގައި ނޮމިނޭޝަންގައި އެންމެ ކުރީގައި އުޅޭނެ ނަމަކަށްވާނީ ނިއުގެ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް އެވެ. ނިއު އާ އޭނާ ހަވާލުވީ މާލޭ ލީގްގެ ވަކި ހިސާބަކުން ނެވެ. ނިއުގެ ކުޅުމުގެ ސްޓައިލް އޭނާ ބަދަލު ކުރި އެވެ. އަދި ނިއު އަކީ ހުރިހާ މުބާރާތެއްގައިވެސް އެންމެ ވާދަވެރި ކުލަބު ކަމުގައި ހަދާނެ ކަމަށް އޭނާ ބުނި ބުނުން ސާބިތު ކޮށްދިނެވެ.

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑްގައިވެސް ކުރީގައި އުޅޭނީ މިދިޔަ އަހަރުވެސް ރަން ބޫޓް އެވޯޑް ގެންދިޔަ އަލީ ފާސިރެވެ.