ކުޅިވަރު

މާޒިޔާގެ އެނބުރި އައުން ނިކަން ވަރުގަދަވާނެ

Dec 14, 2017
5

މި ސީޒަން މާޒިޔާއިން ފެށީ، ސިޒަންގެ އެންމެ ފޭވަރިޓް ޓީމުގެ ގޮތުގައެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދުމަށްފަހު، މިއަހަރުގެ ސީޒަނާ މާޒިޔާއިން ކުރިމަތިލީ ޓީމަށް ބަދަލު ތަކެއް ގެނެސްގެންނެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް އެ ޓީމު ކުރިމަތިލީ އޭއެފްސީ ކަޕަށެވެ.

އޭއެފްސީ ކަޕްގައިވެސް، އެ ޓީމުގެ ޓްރެކް ރަނގަޅެވެ. ޕޮއިންޓްގެ ގޮތުން އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީއާ ހަމަހަމަ ކުރި އެވެ. ނަމަވެސް މާޒިޔާއަށް އަނެއް ބުރުގެ ދޮރު ބަންދުވީ ބެންގަލޫރު އަތުން ޕޮއިންޓެއް ނުލިބުމުންނެވެ. އޭއެއެފްސީ ކަޕުގެ ދަތުރު ނިމުމަށް ފަހު މާޒިޔާއަށް މައްސަލަ ކުރިމަތިވިކަން ފާހަގަ ކުރެވުނެވެ. މާލޭ ލީގްގެ ޗެމްޕިއަންކަންވެސް އެޓީމަށް ހޯދުނީ ހަމަ ކިރިޔާ އެވެ.

ޖުލައި ޓްރާންސްފާ ޕީރިއަޑްގައި ޓީމަށް ބައެއް ކުޅުންތެރިން އިތުރުކޮށް ޕްރިމިއާ ލީގް ރަނގަޅަށް ފެށިއެވެ. ފުރަތަމަ ބުރު ނިމެން ކައިރިވިއިރު މާޒިޔާއަށް މައްސަލަ ކުރިމަތިވެއްޖެ އެވެ. ދިވެހި ލީގް ގެއްލުމުގެ އިތުރަށް އެފްއޭ ކަޕްގައިވެސް ކާމިޔާބެއް ނުހޯދި އޭއެފްސީ ކަޕްގެ ފުރުސަތުވެސް އެ ޓީމަށް ގެއްލުނީ އެވެ. މިއީ ފަސް އަހަރު ފަހުން މާޒިޔާއަށް އޭއެފްސީ ކަޕް ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ.

މާޒިޔާއަށް އެންމެ ބޮޑު މައްސަލަ ދިމާވުމުގެ މަރުހަލާ ފެށުނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވި ފަހުންނެވެ. ބައެއް މެޗުތަކުގައި އަސަދުﷲ ގެ ފަރާތުން މެޗުގެ ފަހު ކޮޅުގައި ވަރުބަލިކަން ފެނުނެވެ. އޭނާ ބަދަލު ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭރު މާޒިޔާގެ ކޯޗަކަށް ހުރި މެސަޑޯނިއާގެ މަރުޔާން ސެކްލޮސްކީ ބުނީ މިހެންނެވެ.

"އަހަރެން ފުރަތަމަ މާޒިޔާގެ ކޯޗް ކަމާ ހަވަލުވިތާ ކުރީ ކޮޅު އަހަރެންގެ ނޯޓް ފޮތުގައި އަހަރެން ލިޔުނިން އަސައްކޮ ބަދަލު ކުރާނީ އޭނާ އަމިއްލައަށް އެދުމުންނޭ،" ސެކްލޮސްކީ ބުނެފައި ވެއެވެ. "އެއީ އޭނާ އަކީ ފޯވަޑެއް އަދި ޑިފެންސްވެސް ކުރަން މޮޅު ކުޅުންތެރިޔެއް."

އަވަސް އާ ވާހަކަ ދެއްކި ފުޓްބޯޅައިގެ ތަޖުރިބާ ކާރަކު ބުނީ ސެކްލޮސްކީގެ ގޭމް ޕޭލޭން ރަނގަޅު ކަމަށާއި ނަމަވެސް، އެޓޭކްތައް އޭނާ ބިނާ ކޮށްފައި ވަނީ ވަރަށް ބޮޑަށް އަސަދުﷲ ގެ މައްޗަށް ބަރާސޯ ވެގެން ކަމަށެވެ.

"އަސައްކޮ އަކީ އިތުބާރު ފޯވަޑެއް، ފިނިޝިން ރަނގަޅު ސްޓައިކަރެއް، އެހެން ކުޅުންތެރިންނަށް ނަމޫނާ ލީޑާޝިޕް ކޮލިޓީ ހުރި ކުޅުންތެރިޔެއް، ޓީމުގައި އެކަހަލަ ކުޅުންތެރިޔަކު ހުރުމަކީ ކޮންމެ ކޯޗަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ބުންޏެވެ. "އެކަހަލަ ކުޅުންތެރިޔަކަށް އަނިޔާ ވީމަ ފޫބައްދާނެ އެހެން ގޮތެއް ނެތިއްޔާ ކިތަންމެ މޮޅު ކޯޗަކަށްވެސް އުނދަގޫ ވާނެ އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއީ މާޒިޔާއަށް މައްސަލަ ދިމާވި ގޮތަކީ."

ޕްރެޒިޑެންޓް ކަޕްގެ ތިން ވަނަ ސެމީ ފައިނަލު މެޗުން ޓީސީ އަތުން ބަލިވެ އެ ޓީމަށް ސީޒަން ނިމުނީ އެވެ. ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ނިކުތް ޓީމަށް ހޯދުނީ މާލޭ ލީގް އެކަންޏެވެ.

މެޗަށް ފަހު، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) ފޭސްބުކް ގައި ޝެއާކޮށްފައިވާ ފޮޓޯއިން ދޭހަ ވަނީ މާޒިޔާ އަލުން ބިނާކޮށް ވަރުގަދަ ޓީމެއް ގެ ގޮތުގައި އަންނާނެ ވާހަކަ އެވެ.

މާޒިޔާގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ވެސް ކުރިން ބުނެފައި ވަނީ މާޒިޔާ އަބަދުވެސް އޮންނާނީ ތައްޓަށް ވާދަ ކުރާ ޓީމެއްގެ ގޮތުގައި ކަމަށާއި އެކަމަށްޓަކައި އަންނަ އަހަރުވެސް ވަރުދަދަ ޓީމެއް ބިނާ ކުރާނެ ކަމަށެވެ.

މާޒިޔާގެ އަކީ ވޭތުވެދިޔަ 10 އަހަރު ތެރޭ ރައްޖޭގެ ފުޓްބޯޅައިގައި އެންމެ ދެމެހެއްޓެނިވި ގޮތުގައި ފެނުނު ޓީމެވެ. މާލީ ގޮތުން ދަށްވެ ބައެއް ޓީމުތައް ދިޔައީ އެއް އަހަރު ވެއްޓި އަނެއް އަހަރު ކޮޅަޖެހި އަޑިގަނޑަކަށް ފަހު އުސްގަނޑެއް އައުމުގެ މިސާލު ގައެވެ. ނަމަވެސް މާޒިޔާއިން ވަނީ ވޭތުވެދިޔަ 10 އަހަރުވެސް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންގޮސްފަ އެވެ. އެއީ އެހެން ކުލަބުތަކަށް ނަމުނާ ފިލޯސަފީ އެވެ.

ކޮންމެ ކުލަބެއްގެ ހަޔާތުގައިވެސް ކާމިޔާބު ނުލިބޭ އަހަރުތަކެއް ފާއިތުވާނެ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުގެވެސް ތާރިހުން ދައްކާ ހަގީގަތެވެ. ނަމަވެސް މެނޭޖްމެންޓް ފިލޯސަފީ ރަނގަޅު ނަމަ އެކަން ހައްލު ކުރެވޭނެ ސްޓްރެޓެޖީތައް އެ ކުލަބުތަކުގައި ހުރެ އެވެ.

މާޒިޔާގައި ހަރުދަނާ ސިސްޓަމެއް އެބައޮތް

ރައްޖޭގެ ކުލަބުތައް އެހަ ފުޅާ ނޫން ނަމަވެސް މާޒިޔާ އަކީ ރަނގަޅު ސްޓޭރެޓަޖީއެއް އޮތް ކުލަބެކެވެ. އެކުލަބު ދަމައްހައްޓާ ފިލޯސަފީތަކުން އަލުން ވަރުގަދަކޮށް އާދެވޭނެ ކަމަށް ގަބޫލު ކުރެވެ އެވެ. އެ ސްޓްރެޓެޖީ އެކުލަބުގެ ކިބައި އެބައޮތެވެ. ޓީމު އަލުން ކޮޅަށް ޖެހުމުގައި އެ ޓީމަށް ކާމިޔާބު ހޯދޭނެ ކަމަށް ގަބޫލު ކުރެވެއެވެ. މާޒިޔާގެ ފެހި ފިލޯސަފީން ބުނެދެނީ އެވާހަކައެވެ.