ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމް: ބޭރުގެ ގިނަ ބޭންކްތަކެއް ބައިވެރިވާނެ

ދުބާއީގައި ހޯމަ ދުވަހު ފަށާ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް 2018) ގައި ގިނަ ބޭންކްތަކެއް ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި ޖުމްލަ 350 މީހުން ބައިވެރިވާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ރާއްޖޭން ބައިވެރިވާނީ 80 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަހަރުގެ ފޯރަމްގައި ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާއި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ. މީގެ އިތުރުންވެސް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ވެސް ދޭނެ،" އާދަމް ވިދާޅުވި އެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިހް މަހްތޫމް ހޯލްގައި ބާއްވާ ފޯރަމްގައި ރާއްޖޭގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވަޑައިގަންނަވާނީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. މީގެއިތުރުން މި ފޯރަމްގައި ކީނޯޓް ސްޕީކާސްގެ ގޮތުގައި ނައިބު ރައީސް ވާހަކަފުޅު ވެސް ދައްކަވާނެ އެވެ.

މީގެއިތުރުން ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްތާން ބިން ސައީދު އަލް މަންސޫރާއި ދުބާއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ޗެއާމަން މާޖިދު އަލް ޝަމްސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ޔޫއޭއީ ނޫން އެހެން ގައުމަކުން ކީނޯޓް ދެއްވާ ބޭފުޅެއްގެ ގޮތުގައި ވާހަކަ ދައްކަވާނީ އެނބޫދޫފަޅު ތަރައްގީ ކުރާ ތައިލެންޑުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސިންގަ އެސްޓޭޓްގެ ވެރިޔާ ޗުތްނަން ހިރޮމްހާޑީ އެވެ.