ވިޔަފާރި

ދިރާގުން ކޭބަލާ ނުލާ ހައި ސްޕީޑް އިންޓަނެޓް ދެނީ

ރައުޓަރެއް މެދުވެރިކޮށް ކޭބަލަކާ ނުލައި ދޭ ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިރާގުން މިއަދު ތައާރަފްކޮށްފިއެވެ.

މިއަދު ތައާރަފްކުރި އެލްޓީއީ ބްރޯޑްބޭންޑަކީ ވަރަށް ފަސޭހަކަމާއެކު އިންޓަނެޓްގެ ހިދުމަތް ލިބިގަނެވޭ ވަސީލަތެކެވެ.

އެލްޓީއީ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފް ކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، އެލްޓީއީ ރައުޓަރެއް ހޯދުމުން ވަގުތުން އިންޓަނެޓް ލިބޭނެ ކަމަށެވެ.

ކޭބަލް މެދުވެރިކޮށް ދޭ ހިދުމަތް ގުޅުމަށް ހަފުތާއެއްހާ ދުވަސް ހޭދަވެއެވެ.

"މި ޚިދުމަތް ބޮޑަށް ފައްކާ ކޮށްފައި މިވަނީ ބޭނުންތަކަށް ގެންދެވޭނެ ހިދުމަތެއްގެ ގޮތުގައި. އެއީ ގެ ބަދަލުވާން ޖެހުނު ނަމަވެސް މި ޚިދުމަތް ދަތިތަކަމަކާ ނުލައި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެލްޓީއީ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފް ކުރީ ހަތަރު ޕެކޭޖަކާ އެކުގައެވެ.

ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ، އެލްޓީއީ ބްރޯޑްބޭންޑާއެކު 499ރ. އިން ފެށިގެން 1،499ރ. އާ ދެމެދުގެ ޕެކޭޖްތަކެއް ހުންނާނެ ކަމަށެވެ. އަދި އެއިން ކޮންމެ ޕެކެޖެއް ވެސް ހަދާފައި ވަނީ އިތުރަށް ބިލް ބޮޑު ނުވާ ގޮތަށް ފެއާ ޔޫޒޭޖް އެލަވަންސާ އެކީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.