ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭޢެމްގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޯސް ޕްޔޮލް ގެންނަ ގޮތަށް ހަމަޖައްސައިފިއެވެ.
މިއީ ޕްޔޮލް ރާއްޖެ އަންނަ ދެ ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ މިދިޔަ އަހަރު ބޭއްވި ނ އަތޮޅުގެ މުބާރާތް ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ.
ޕްޔޮލް އަކީ ބާސެލޯނާގެ ހަޔާތުގައި އުފެދުނު އެ ޓީމުގެ އެންމެ ކާމިޔާބު އެއް ކެޕްޓަނެވެ. އަދި އޭނާ އަކީ ސްޕެއިންގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުވެސް މެއެވެ. ދެހާސް އަށް ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ވަނަ އަހަރު ވޯލްޑްކަޕް ސްޕެއިންއަށް ހޯދައިދިނުމުގައި ޕްޔޯލް ވަނީ ސްޕެއިންގެ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ މިދިޔަ އަހަރުގެ ހަފުލާގެ ހާއްސަ މެހެމާނަކީ މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކުޅުންތެރިޔާ ޑްވައިޓް ޔޯކް އެވެ. މިއަހަރުގެ އެވޯޑް ހަފުލާގައި ޖުމުލަ ނުވަ ކެޓަގަރީ އަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:
- އެފްއޭއެމް އޮނަރަރީ އެވޯޑް
- އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ
- އެންމެ އުންމިދީ ކުޅުންތެރިޔާ
- ބެސްޓް ފޮރިން ޕްލެއާ އެވޯޑް
- އެންމެ މޮޅު ގޯލްކީޕަރު
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
- ޖޫލޭ އެވޯޑް (އެންމެ މޮޅު ގޯލްގެ އެވޯޑް)
- އެންމެ މޮޅު ކޯޗް
- ބެސްޓް ސަޕޯޓާސް އެވޯޑް
ޖޫލޭ އެވޯޑް ނުވަތަ އެންމެ މޮޅު ގޯލް އެވޯޑް ހާއްސަ ކޮށްފައިވަނީ ދިވެހި ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖެހި ކުޅުންތެރިޔާ މަރުހޫމް އަބުދުﷲ ރަޝީދު (ޖޫލޭ) އަށެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅުނު ޖޫލޭ، ގައުމީ ޓީމުގެ ފުރަތަމަ ގޯލް ޖަހާފައި ވަނީ، 1979 ވަނަ އަހަރު، ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑަކީ، އެފްއޭއެމް އާއި ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫސް މޯލްޑިވްސް ފުޓްބޯލް އާ ގުޅިގެން ބައްވާ އެވޯޑެކެވެ. މި އެވޯޑަށް ވޯޓް ދެނީ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ކުލަބުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ފުޓްބޯޅަ ނޫސްވެރިންނެވެ.