ކުޅިވަރު

އަންހެން ފުޓްބޯޅައިގެ ވައުދު ވީ ބިލާހަކަށް

Dec 15, 2017
2

މިދިޔަ އަހަރު ނޮވެމްބަރު މަހު އެފްއޭއެމްގެ މިހާރުގެ އެކްސްކޯ އިންތިހާބުވުމުން، ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ފޯރި ގަދަ ކޮށްލާނެ ކަމަށް ބެލވުނެވެ. އެކަމަށް އުންމީދު ކުރެވުނީވެސް، އެފްއޭމްގެ ނައިބު ރައީސް އަކަށް އަންހެން ބޭފުޅަކު ވަޑައިގެން އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ވައުދު ވެވަޑައިގަތުމުން އެވެ.

މިހާރުގެ އެކްސްކޯގެ ފުރަތަމަ ބަޖެޓް ކޮންގްރެސްގައިވެސް އެފްއޭއެމްގެ ނައިބު ރައީސް އައިޝަތު ނާޒިމާ އަށް އިޝާރާތް ކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވީ އަންހެން ފުޓްބޯޅަ ކުރިއެރުވުމުގެ ހަކަތަ މިހާރުގެ އެކްސްކޯގައި އެބަހުރި ކަމަށެވެ. ބަޖެޓް ފާސް ކުރީ އެކަމަށް ހިނގާނެ ހަރަދުތައްވެސް އަންދާޒާ ކޮށްފަ އެވެ. އެ އަދަދަތައް ތަފްސީލާއެކު ބަޖެޓް ރިޕޯޓްގައި ހުއްޓެވެ.

"ވަރަށް ބާރު ސްޕީޑެއްގައި އަންހެން ފުޓްބޯޅަ އަށް މަޝްވަރާ ކުރެވި ޕްލޭންތައް ހެދިގެން މިދަނީ. ވަކިން ހާއްސަ ކޮށް އަންހެން ފުޓްބޯޅަ އަށް އަމާޒު ކުރެވިގެން އެފްއޭއެމްގެ ނައިބު ރައީސާ ނާޒިމާގެ މަސައްކަތް އެދަނީ، އަޅުގަނޑުމެން ތާވަލު ކުރވިފައި އޮތް އަންހެން ފުޓްބޯޅަ މުބާރާތް އިރާދަ ކުރެއްވިއްޔާ މިއަހަރު ބޭއްވިގެންދާނެ،" ބަޖެޓް ފާސް ކުރުމަށް ބޭއްވި ކޮންގެރެސްއަށް ފަހު ނޫސްވެރިނާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވެފައި ވެއެވެ.

އެފްއޭއެމްގެ ބަޖެޓްގައި، އަންހެން ފުޓްބޯޅަ އަށް 1.7 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެއީ ބައެއް އަތޮޅުތަކަށް ހާއްސަ ކޮށްގެން އަތޮޅު މުބާރާތް ބޭއްވުމުގެ ހަރަދުތައްވެސް ހިމަނައިގެންނެވެ. ބައްސާމް އޭރު ވިދާޅުވީ، އަތޮޅު މުބާރާތުގެ ބޭނުމަކީ، އަންހެން ގައުމީ ޓީމަށް، އަތޮޅު ތެރެއިން ކުޅުންތެރިން އުފެއްދުން ކަަމަށެވެ. މީގެ އިތުރުން އަންހެން ފުޓްބޯޅައަށް ކުޅުންތެރިން އުފެއްދުމަށް ހޭލުންތެރި ކުރުމުގެ ކެމްޕޭން ތަކެއް ކުރިއަށް ގެންދިއުމުގެ ވިސްނުންވެސް ގެންގުޅޭކަމަށް ބައްސާމް އޭރު ހާމަކުރެއްވި އެވެ.

އެފްއޭއެމްގެ މޮޅުވާހަކަތަކާއި ކުރެއްސި މަންޒަރުން ހީވީ އަންހެން ފުޓްބޯޅައަށް އާ ދިރުމެއް ލިބުނީހެން އެވެ. "އަންހެން ފުޓްބޯޅަ ބިލާހަކަށް ނުވާނެ" ކަމަށް ހީކުރެވުނީ ވެސް އެހެންވެ އެވެ. އެކަމަކު އޭގެ ފަހުން އަހަރެއްހާ ދުވަސްވީ އިރު އެ މަންޒަރެއް ފެނުނު ހެއްޔެވެ؟ ކަންކަން މި ދަނީ ހީކުރި ގޮތާއި ދެއްކި ވާހަކަތަކާ އެއްގޮތައް ހެއްޔެވެ؟

އަންހެން ފުޓްބޯޅަ އާމެދު އުންމީދު ކުރި ގޮތަށް ކަންތަކެއް ނުދިޔަ

ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގައި، ރާއްޖޭގެ ގައުމީ ޓީމު ވާދަ ކޮށް ނިސްބަތުން ރަނގަޅު ކާމިޔާބެއް ހޯދި އެވެ. ސެމީ ފައިނަލަށް ދެވުމަކީ ރާއްޖޭގެ ނިސްބަތުން އެޅުނު ބޮޑު ފިޔަވަޅެކެވެ. ދިވެހި އަންހެން ޓީމަށް ސާބަހާއި އައްސަރިބަހެވެ.

ރާއްޖޭގައި އަންހެން ފުޓްބޯޅައިގެ ފޯރި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ގަދަ އެވެ. އެވާހަކަ ދެއްކީ އިންޑިއާގެ ގައުމީ އަންހެން ޓީމުގެ ކުރީގެ ކެޕްޓަން އޮއިނަމް ބެމްބެމް ޑޭވީ އެވެ. މިއަހަރު ޖަނަވަރީ މަހު އޭނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އިންޑިއާއަށްވުރެ ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅައިގެ ފޯރިގަދަ ކަމަށެވެ.

އޭނާ ވަނީ 2015 ވަނަ އަހަރު ބޭއްވި އެފްއޭއެމް ވިމޭން ޗެމްޕިއަންޝިޕް ނިއު ރޭޑިއަންޓަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

"އަހަންނަށް އިހްސާސް ކުރެވުނު ރާއްޖެ ކަހަލަ ގައުމެއްގައި ވެސް އަންހެން ފުޓްބޯޅަ ކީހާ މަޝްހޫރު ކަން، އެމީހުންގެ މެޗް ކުޅޭ ދަނޑު އެހާ ބޮޑެއް ވެސް ނޫން، ނަމަވެސް ވަރަށް ގިނަ މީހުން ދޭ މެޗްތައް ބަލަން، ބޭރު ގައުމުތަކުގެ އެހެން ކުޅުންތެރިން ވެސް ކުޅޭ، ސަޕޯޓް ވެސް ލިބޭ." ރާއްޖޭގައި ކުޅުނު މުބާރާތުގެ ތަޖުރިބާ ހިއްސާ ކުރަމުން ޑޭވީ ބުންޏެވެ.

ނަމަވެސް، އަހަރު ނިމިގެން ދަނީ އެވެ. ރެކްރިއޭޝަނަލް މުބާރާތެއްގެ ގޮތުގައި ބޭއްވި އަންހެން މުބާރާތް ފިޔަވައި، ރާއްޖޭގެ އެފްއޭއިން އަންހެން ފުޓްބޯޅައަށް ކުރި ކަމެއް އަދި ފެންނާކަށް ނެތެވެ. މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ އެފްއޭއެމްގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްގައި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު އަންހެން ޓީމުގެ ކޯޗަށް އެވޯޑް ދޭނެ ކަމަށް މިދިޔަ އަހަރުގެ އެވޯޑް ހަފުލާގައި އިއުލާން ކުރި އެވެ.

ނަމަަވެސް އެވޯޑްގެ ތާރީހް އިއުލާން ކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަންހެން ފުޓްބޯޅަ އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ސުވާލު ކުރުމުން ޖަވާބަކަށްވީ، މިއަހަރުގެ އެވޯޑް ނައިޓްގައިވެސް އަންހެން ކެޓަގަރީގެ އެވޯޑްތަކެއް ނެތް ކަމެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ އެވޯޑް ނައިޓެވެ. ދިވެހި ފުޓްބޯޅައިގެ މައި އިދާރާ ޝާމިލު ވެގެން ބާއްވާ އެވޯޑް ނައިޓެވެ. އަންހެން ފުޓްބޯޅައިގެ އެވޯޑް މި އަހަރަށްވެސް އެއްފަރާތްވީ އެވެ. ކުރެވުނު ވައުދު ބިލާހަކަށް ނުވާނެ ބާވައެވެ.

މިފަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި އަންހެން ފުޓްބޯޅައިގެ އިވެންޓްތައް ދިޔައީ ފަނޑު ކޮށެވެ. އަވަސް އަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަހަރު ފުޓްބޯޅަ ކަލަންޑަރު ދިމާވި ގޮތުން ދަނޑުގެ ދަތިކަމާ ހެދި އަންހެން ފުޓްބޯޅައިގެ ހަރަކާތްތަކަށް ބުރު އެރި ކަމަށެވެ.

ނަމަވެސް އަންނަ އަހަރު ފުޓްބޯޅަ ކަލަންޑަރު އާންމު ކުރާއިރު އަންހެން ފުޓްބޯޅަ މުބާރާތްތަކަށް ހުރަސްތައް ކުރިމަތި ނުވާނެ ގޮތަށް ރާވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެކަމަކު މިއީވެސް އަނެއްކާ ވާހަކަ އެކެވެ. އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އަމަލީ ގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތައް ފެންނަނީ ވަރަށް މަދުކޮށެވެ. އެކަމަކު އަންހެން ފުޓްބޯޅައިގައި ވެސް ރާއްޖެއަށް ފުރުސަތު އެބަ އޮތެވެ. އަންހެން ޓީމް މިހާތަނަށް ދައްކަމުން އަންނަ ކުރިއެރުމާއި ނަތީޖާއިން އެކަން އެ އޮތީ ފެންނާށެވެ. އެކަމަކު ބޭނުން ވަނީ، އެ މީހުންނަށް އަޅާލުމާއި އިތުރު ތަޖުރިބާ އާއި ހުނަރެވެ. އެފްއޭއިން މިހާރަށް ވުރެ ބޮޑަށް ދިވެހި ފުޓްބޯޅައަށް ވެސް އަޅާލަން ވެއްޖެ އެވެ. ބަހާއި އަމަލާ ދިމާކުރަން ވެއްޖެ އެވެ.