ކުޅިވަރު

ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް

Dec 16, 2017
1

ޓީސީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ރައީސްލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތް ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ހޯދައިފި އެވެ.

މިއީ މި އަހަރުގައި، މިދެ ޓީމު ބައްދަލު ކުރި ދެ ވަނަ ފައިނަލެވެ. އެންމެ ފުރަތަމަ ފައިނަލު ކުޅުނީވެސް މިމަހު ކުރީ ކޮޅު އެވެ. އެއީ އެފްއޭ ކަޕް ފައިނަލުގައެވެ. އެފްއޭ ކަޕް ނިއު ކާމިޔާބު ކުރީ މެޗު 2-2 ން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 6-4 ންނެވެ.

އެފްއޭކަޕް ފައިނަލާ ހިލާފަށް، ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި ދެ ޓީމުގެ ފަރާތުންވެސް މެޗު ފެށީ ލަސް ގޭމެކެވެ. އެދެވޭ ގޮތަކަށް އުފެއްދުނު ފުރަތަމަ ހަމަލާ ފެނުނީވެސް ފަސް ވަރަކަށް މިނެޓް ކުޅެވުނު ފަހުންނެވެ. އެއީ ހިލޭ ޖެހުމެއްގައި ނިއު އަށް ލިބުނު ފުރުސަތެއްގަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓީސީ އަށެވެ. މެޗުގެ 12 ވަނަ މިނެޓްގައި ޓީސިން އުފެއްދި ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ނިއުގެ ޑިފެންސަށް ޖެހުނީ އަމިއްލަ އޭރިއާ ތެރެއިން ފައުލު ކުރާށެވެ. ޓީސީ އަށް ޕެނަލްޓީ އެއް ލިބުނީ އެވެ. ނަމަވެސް އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަލީލް ފޮނުވާލި ޕެނަލްޓީ ނިއުގެ ކީޕަރު އިމްރާން މުހައްމަދު ދިފާއު ކުރި އެވެ.

ޓީސީން މެޗު ފެށީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. އެހެންވެ ނިއުގެ ފޯވަޑްލައިނަށް ޓީސީގެ ފަހަތުން މާރަނގަޅު ފުރުސަތެއް ނުލިބުނެވެ. ފުރަތަމަ ހާފު ފަހު ކޮޅުގައި އަލީ އަޝްފާގް (ދަގަނޑޭ) ވެސް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ހާފުގެ މެދެއްހާ ހިސާބުން ޑީއޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ޓީސީގެ ގޯލްގެ މަތީ ކަނާދިމާލުން ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި ޓީސީންވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިލި އެވެ. ނަތީޖާ އަކަށްވީ ޓީސިގެ ޑިފެންސްގެ ތެރެއިން ނިއުގެ ފޯވަޑުންނަށް ފުރުސަތު ލިބިގެން ދިއުމެވެ. ނިއުގެ ފުރަތަމަ ލަނޑު އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައެވެ.

އޭގެ ފަހުން، އަޝްފާގް ޓީސީގެ ކީޕަރު ކިރަން ކުމާރު ކައިރިން ނައްޓާލުމަށްފަހު ލިބުނު ފުރުސަތަށް ހުރަސް އެޅުނީ އޭނާ އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެ ބޯޅަ ހޯދުމުންނެވެ. ލަނޑަށް ފަހު ސެންޓޭ ވަނީ، ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އަޝްފާގަށް ރީތި ފުރުސަތެއް ދީފަ އެވެ. ނަމަވެސް އާންމުކޮށް ވާތު ފަޔަށް ފަރިތަ އަޝްފާގް އެ ބޯޅަ ފޮނުވާލި ކަނާތު ފައިންނެވެ. އެހެންވެ އެ ބޯޅަ ގޯލަޔާ އަމާޒުވާ ގޮތެއް ނުވި އެވެ.

މެޗުގައި ނިއުގެ ތަފާތަކަށް ފެނުނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ނިއު އަނެއް ދެ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އޭރިއާ ތެރެއިން ސެންޓޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ތިން ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ ކާމިޔާބު ލިބުނީ މުޅި ޓީމު އެކުގައި ކުރި މަސައްކަތުން ކަމަށެވެ.

ފޮޓޯ: ވީނިއުސް