ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އާންމު އިންތިޚާބުގައި ވާދަކުރި، ފޮރިން މިނިސްޓްރީގެ މިހާރުގެ އެގްޒެކަޓިވް ކޯޑިނޭޓަރޔ ނަހުލާ އަލީ އާއި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ސިއްރު ކައިވެންޏަކީ" އަހަރުގެ އެންމެ ބޮޑު ކައިވެނިކަން ޔަގީނެވެ.
ކައިވެނިކުރި ކަމަށް މީޑިއާގައި އަޑު އެރުން ފިޔަވައި އެ ދެ މީހުންގެ ފަރާތުން އެކަމާ އާންމުކޮށް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ އެކަން ހިނގި ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ދެން މި އޮތީ އަނެއް ބޮޑު ވާހަކަ އެވެ. ދެ މީހުން "ވަރިވެއްޖެ ކަމަށް ބުނާ ވާހަކަ" އެވެ.
ޔޫއްޕެއާ ނިކަން ގާތް، އިތުބާރުކުރެވޭ ފަރާތަކުން "އަވަސް" އަށް މި ވާހަކަ ކަށަވަރުކޮށް ދެމުން ބުނީ އެ ދެ މީހުންގެ "ގުޅުން" ނިމުމަކަށް އައިކަން ކަށަވަރުކޮށްދިނީ ސީދާ ޔޫއްޕެ ކަމަށެވެ.
"ނަހުލާ ވަރިކޮށްފަ އެ ވާހަކަ ބުނީ ޔޫއްޕެ،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން މީހާ ބުންޏެވެ.
"އެއީ ގާތްގަނޑަކަށް މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން. އަޅުގަނޑަށް އެނގިފައިވާ ގޮތުން މިހާރު ޔޫއްޕެ ނަހުލާއާ އެކު އުޅެމުން ދިޔަ ގެއިން ވެސް ނުކުމެއްޖެ. އެ ވާހަކަ ވެސް ބުނީ ޔޫއްޕެ."
ޔޫއްޕެ އަށް ކުރީގެ ދެ ކައިވެނިން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާއިރު ކުރީގެ ކައިވެންޏަކުން ނަހުލާ އަށް ވެސް ކުއްޖަކު ލިބިފައިވެ އެވެ.
އަޑު އަރާފައިވާ ގޮތުން ޔޫއްޕެ އާއި ނަހުލާ "ކައިވެނިކޮށްފައި" ވަނީ ނަހުލާގެ އާއިލާގެ މީހުންގެ ނުރުހުމުގައި "ފިލައިގެން ގޮސް" މިދިޔަ ހައްޖު ދުވަހު އަވަށްޓެރި ސްރީ ލަންކާގަ އެވެ. ދެ މީހުންގެ މި "ކައިވެނި" ރޫޅިގެން ދިޔައިރު ރާއްޖޭގައި މި ދެ މީހުންގެ "ކައިވެނި" ރަޖިސްޓްރީވި ކަމެއް ވެސް ނޭނގެ އެވެ.
އަނެއްކޮޅުން ކައިވެނިކޮށްގެން އުޅޭ ކަމުގެ ޚަބަރު ފެތުރިފައިވިޔަސް ޔޫއްޕެ އަދި ނަހުލާ ވެސް އެކަން އެއްވެސް މީޑިއާ އަކަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެހެން ނަމަވެސް ދެ މީހުން އެކުގައި ހުޅުމާލޭގައި ދިރިއުޅެމުންދިޔަކަން ވެސް އިތުބާރު ހުރި ގޮތަކަށް ވަނީ ޔަގީންވެފަ އެވެ.
މިހާ ހިސާބުން ޔޫއްޕެ އާއި ނަހުލާގެ ވާހަކަ އަދި ނިމުނީކީއެއް ނޫނެވެ. ތުންތުންމަތިން އިވޭ އަޑުތަކަށް ބަލާއިރު ޔޫއްޕެ އާއި ނަހުލާގެ "ރަޖިސްޓްރީ ނުކޮށް އޮތް ކައިވެނި" ރޫޅިގެންދިޔައިރު ޔޫއްޕެގެ "ހަމަލާތަކެއް" ނަހުލާ އަށް އަމާޒުވެ މައްސަލަ ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.
އެކަމަކު އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައި ވޭތޯ ބަލަން ފުލުހުންނަށް ދެ ފަހަރަށް ގުޅުމުން ވެސް އެކަން ކަށަވަރުކޮށެއް ނުދިނެވެ. ދޮގެއް ވެސް ނުކުރެ އެވެ. ނަހުލާ މައްސަލަ ހުށަހެޅިތޯ ބަލަން އޭނާއަށް ފޯނުން ގުޅައި ސުވާލު ކުރުމުން ފޯނު ވެސް ކަނޑާލީ އެވެ. ސުވާލަށް ޖަވާބެއް ނުދިނެވެ.
މައުލޫމާތު ހިއްސާކުރި ޔޫއްޕެގެ ގާތް މީހާ ބުނެފައި ވަނީ ނަހުލާ އަށް ޔޫއްޕެ އަނިޔާކުރި ކަމަށް ބުނާ ވާހަކައިގައި ވެސް ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެބަހުރި ކަމަށެވެ.
އެހެންވީމަ ޔޫއްޕެ އާއި ނަހުލާގެ "ސިއްރު ގުޅުން" ކުއްލިއަކަށް ނިމިގެން ދިއުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ޔޫއްޕެ އޭނާ އަށް އަނިޔާކުރަނީ ހެއްޔެވެ؟
"ނަހުލާގެ ވަރަށް ގާތް މީހެއް ގާތު އޭނާ ބުނެފައި ވަނީ ޔޫއްޕެ ވަރަށް ބޮޑަށް އޭނާ ހިފަހައްޓައިގެން ގެންގުޅޭ ވާހަކަ. އޮފީހަކަށް ވެސް ނުފޮނުވަޔޯ. އެ ވާހަކަ އަކީ ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ވާހަކައެއް،" އަވަސް އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މިހާ ހިސާބުން މި ވާހަކަ އަށް މި އަންނަނީ އަނެއް ޓްވިސްޓެވެ.
ޚަބަރު ލިބޭ ގޮތުން ޔޫއްޕެ އާއި ނަހުލާގެ ފަހު ތަޅާލުންގަނޑުގެ ތެރެއިން ވަނީ "ބްލެކްމެއިލްކުރުމުގެ" މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ. ޕޮލިހަށް ހުށަހެޅީ އެ މައްސަލަ ކަމަށްވެ އެވެ.
ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް ވެސް ނަހުލާ ޖަވާބެއް ނުދިނެވެ. ސުވާލު ރަނގަޅަށް ދޭހަނުވާ ކަހަލަ ރާގަކަށް އެއްޗެއް ބުނެލުމަށް ފަހު ފޯނު ކަނޑާލީ އެވެ.