ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ ދިފާއު ކޮށްފި

Dec 17, 2017

މި އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މިދިޔަ އަހަރުވެސް އެވޯޑް ގެންދިޔަ ނިއު ރޭޑިއަންޓްގެ އަލީ ފާސރު (ސެންޓޭ) ހޯދައިފި އެވެ.

މިދިޔަ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ ހޯދީ، ޓީސީގައެވެ. އެނބުރި ނިއު ރޭޑިއަންޓަށް އައިސް އޭނާގެ ޖާދޫ ތަކުރާރު ކުރިއެވެ. މިދިޔަ އަހަރުވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި ސެންޓޭ ވަނީ މިއަހަރުވެސް އެވޯޑް ހޯދާފަ އެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ސެންޓޭ އާ ވާދަ ކުރީ ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި ޓީސީގެ އިބްރާހިމް މަހްދީ ހުސައިން އެވެ.

ސެންޓޭ ވަނީ، މި ސީޒަންގައި ނިއުގެ ކާމިޔާބުތަކުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ނިއު އިން ސީޒަންގެ ތިން މުބާރާތް ހޯދިއިރުވެސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ސެންޓޭ އެވެ.

ސެންޓޭ ބުނީ ކާމިޔާބުން އަންނަ އަހަރުވެސް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށާއި އަންނަ އަހަރުވެސް ތާފަތު ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަންނަ އަހަރަކީ އޭއެފްސީ ކަޕްވެސް ކުޅޭނެ އަހަރު، އިރާދަ ކުރެއްވިއްޔާ އަންނަ އަހަރަށް ވަރަށް ރަނގަޅަށް ތައްޔާރު ވާނަން، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އެވޯޑް ލިބުމުން ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ،" އެވޯޑް ރަސްމިއްޔާތަށް ފަހު ސެންޓޭ ބުންޏެވެ.

"މިރޭ އެވޯޑް އަޅުގަނޑު ގެންދިޔަސް މިއީ އަޅުގަނޑުގެ އެކަނި މަސައްކަތެއް ނޫން، ޓީމުގެ އެހެން ކުޅުންތެރިންގެ މަސައްކަތްވެސް މީގައި ހިމެނިގެން، އަޅުގަނޑަށް އެވޯޑާ ހަމަޔަށް އާދެވުނީ، އަދި އޭގެ ފަހަތުގައި ނިއުގެ ކޯޗް [އޮސްކާ ބުރުޒޮން ބަރޭރަސް] އާއި ނިއުގެ ކޯޗުން ސްޓާފުންނާއި، ނިއުގެ ޗެއާމަން [މުހައްމަދު ޒިޔާދު] އަދި ނިއުގެ މެނޭޖެމެންޓާއި ސަޕޯޓަރުންގެ ބޮޑު ހިއްސާއެއް އަލުގަނޑުގެ މި އެވޯޑްގައި ހިމެނޭނެ"

އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ ތިން ވަނައިގައި ހިމެނުނު ދާދު އެވެ. ޖޫލޭ އެވޯޑް ނުވަތަ އަހަރުގެ މޮޅު ގޯލްގެ އެވޯޑް ގެންދިޔައީ ޓީސީގެ އިބްރާހިމް މަހްދީ ހުސައިންއެވެ. އެންމެ މޮޅު ގޯލަކަށް ހޮވުނީ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި މާޒިޔާގެ ހަތަރު ޑިފެންޑަރުން ކައިރިން ނައްޓާ ލުމަށްފަހު އެ ޓީމު ކޮޅަށް އޭނާ ޖެހި ގޯލެވެ.

އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ނިއު ރޭޑިއަންޓްގެ އިމްރާން މުހައްމަދެވެ. ނަމަވެސް ރަށުގައި ނެތުމުން އޭނާގެ އެވޯޑާ ހަވާލުވީ، ނިއުގެ ދެ ވަނަ ކީޕަރު މުހައްމަދު ފައިސަލް އެވެ. އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑްގައި، އިމްރާން އާއި ވާދަ ކުރީ ބިދޭސީ ދެ ކީޕަރުންނެވެ. އެއީ މާޒިޔާގެ ސީރިޔާގެ ގައުމީ ޓީމުގެ ކީޕަރު މަހްމޫދު އަލް ޔޫސުފް އާއި ޓީސީގެ ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ކުމާރު ލިމްބޫ އެވެ.

އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ނިއު އަށް ކުޅުނު އެޑްރިއަން ގަލާޑާ އެވެ. ސީޒަން ނިމުމުގެ ކުރިން ގަލާޑޯ ވަނީ އަމިއްލަ ސަބަބަކާ ހެދި އޭނާގެ ގައުމު ސްޕޭން އަށް އެނބުރި ގޮސްފަ އެވެ. އެވޯޑްގައި އޭނާ އާ ވާދަ ކުރީ ނިއުގެ ސްޕެއިންގެ ޑިފެންސިވް މިޑްފީލްޑާ ކަންޑެލާ އާއި ޓީސީގެ ސެއިންޓް ވިންސެންޓްގެ ކޯނޭލިއަސް ސްޓެވާޓެވެ.

އަހަރުގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދީ، ނިއު ރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް އެވެ. އޭނާ ނިއު އާ ހަވާލުވީ މާލޭ ލީގްގެ ވަކި ހިސާބަކުންނެވެ. ނިއު އާ ގުޅި އަހަރުގެ ދެން ޖެހިގެން އައި ތިން މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕާއި، ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން އެ ޓީމަށް އޭނާ ހޯދައިދިނެވެ.

އެންމެ ރަނގަޅު ސަޕޯޓެއް ކުރި ޓީމުގެ އެވޯޑް ނުވަތަ ބެސްޓް ސަޕޯޓާސް އެވޯޑް ހޯދީ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރި އއ. މާޅޮސްގެ ޓީމެވެ.