ކުޅިވަރު

އޮނަރަރަރީ އެވޯޑް ބޮޑު ތިން ކުލަބުގެ ހިއްސާދާރުންނަށް

Dec 17, 2017

ދިވެހި ފުޓްބޯޅައަށް ފާހަގަ ކުރެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވަ ފަރާތްކަށް ދޭ، އެފްއޭއެމް އޮނަރަރީ އެވޯޑް ނުވަތަ ފުޓްބޯޅައިގެ ޝަރަފުވެރި ކަމުގެ އެވޯޑް ރާއްޖޭގެ ތާރީހްގައި އެންމެ ކާމިޔާބު ތިން ކުލަބު ކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިސް މަސްއޫލުވެރިންނަށް ދީފި އެވެ.

ކްއީން އަހްމަދު ވަހީދު އަކީ ނިއު ރޭޑިއަންޓް ހިންގެވުމުގެ އެންމެ އިސް ބާނީ އެވެ. ނިއު ރޭޑިއަންޓްގެ ހަޔާތުގައި ހޯދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވަހީދުގެ ހިއްސާ އޮންނާނެއެވެ. މިހާރުވެސް ކުލަބުން ހޯދާ ތަށިތައް ގެންދަނީ އޭނާގެ ގެއަށެވެ. ނިއު ރޭޑިއަންޓްގައި ވަހީދުގެ އެންމެ ހާއްސަ ހަނދާނަކީ 1997 ވަނަ އަހަރު ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމެވެ. އަދި 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓް ދަތުރު ކުރުމެވެ.

އެއިން ކޮންމެ ކާމިޔާބެއްގައި ވަހީދުގެ ހިއްސާ އެބައޮތެވެ. އޭއްފްސީ ކަޕް ސެމީ ފައިނަލަށް ދަތުރު ކުރި އަހަރު ނިއުގެ ޓީމާއެކު އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަނެވެ. މެޗުގެ ކުރިން ކުޅުންތެރިންނަށް ހިތްވަރު ދެއްވަ އެވެ.

ކުލަބު ވެލެންސިއާ އުފެއްދީ، ގ. ފަހިވާގެ ތެރެއިންނެވެ. އެއީ ވެލެންސިއާގެ މިހާރުގެ ޗެއާމަން އަދީލް ޖަލީލްގެ ގެއެވެ. ވެލެންސިއާގެ ހަޔާތުގައި އެކުލަބުގެ ޗެއާމަން ކުރެއްވި އެންމެ ކާމިޔަބު ޗެއާމަނަކީވެސް އަދީލް އެވެ. ވެލެންސިއާގެ ރަން ޒަމާނުގައި އޭނާ ވަނީ އަމިއްލަ އަތުން ކުޅުންތެރިންނަށް ހަރަދު ކޮށްފަ އެވެ.

ކުޅުންތެރިންނަށް މުސާރަ ދީގެން ރާއްޖޭގައި ކުޅުވަން ފެށި ކުލަބަކީވެސް ވެލެންސިއާ އެވެ. މިއީ ވެސް އަދީލްގެ އިސްނެންގެވުމެކެވެ. އެއީ ރައްޖޭގެ ފުޓްބޯޅަ ސެމީ ޕްރޮފިޝަނަލް ވުމުގެ ފެށުމެވެ. އެންމެ ފަހުން އެހެން ކުލަބުތަކުންވެސް އެ އުސޫލު ބަލައިގަތެވެ.

އަހްމަދު ނާސިރު (ރިނބިދޫ ނާސިރު) އަކީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިސް ހިނގުންތެރިޔެކެވެ. ހިންގުމުގެ އިތުރަށް ރިނބިދޫ ނާސިރު ވަނީ މުބާރާތްތަކަށް ޓީމު ތައްޔާރު ކުރުމުގައި އިސްދައުރެއް އަދާ ކުރައްވާފަ އެވެ. މިވަގުތު އޭނާ އެންމެ އިސްދައުރެއް އަދާ ކުރައްވަނީ މާލޭ ސްޕޯޓްސް ހިންގެވުމުގައެވެ. ކްރިކެޓް މުބާރާތްތަކަށް މާލޭ ސްޕޯޓްސް ތައްޔާރު ކުރެއްވުމުގެ މަސައްކަތް އޭނާ ކުރެއްވި ނަމަވެސް ވިކްޓަރީ އެދިއްޖެނަމަ ނަސިރު ހިދުމަތް ކޮށްދެއްވައެވެ. ވިކްޓަރީގެ ޚަބަރުތައް ބައްލަވައެވެ.