ކުޅިވަރު

އެފްއޭއެމްއަށް އޮތީ ސިޔާސީ ރަނގަޅު ނުފޫޒު: ބައްސާމް

އެފްއޭއެމްއަށް އޮތީ ސިޔާސީ ރަނގަޅު ނުފޫޒު ކަމަށާއި އެފްއޭއެމްއަށް ކުރިމަތިވާ ޕްރެޝަރަކީ ވެސް ރަނގަޅު ޕްރެޝާ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެ، ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.

ރޭ ބޭއްވި މޯލްޑްވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގާ ވާހަކަ ދެއްކުމުން ހައިރާން ނުވާ ކަމަށެވެ. އެފްއޭއެމް އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ސިޔާސަތު ކަނޑައަޅާ ތަން ކަމަށާއި އެތަނުގައި ސިޔާސީ ކަންކަން އޮންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި އެފްއޭއެމްއަކީ ސިޔާސީ ތަނެއް، އެފްއޭއެމް އަކީ ރާއްޖޭގައި އޮތް ފުޓްބޮޅައިގެ މައި އިދާރާ އެފްއޭއެމް އަކީ ފުޓްބޯޅައިގެ ސިޔާސަތުތައް ކަނޑައަޅާ ތަން، އެފްއޭއެމް ތެރޭގައި އަބަދުވެސް ސިޔާސަތުތައް ގާއިމު ކުރެވިގެން ދާނެ،" ބައްސާމް ވިދާޅުވި އެވެ. "އެހެންވީމަ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ކުރިއަށްދާ ވާހަކަ ދެންނެވުމަކީ އަޅުގަނޑުމެންނަށް މާ ބޮޑު ޖޯކަކަށް ނުވޭ އެއީ އެތާންގެ ތެރޭގައި ހަމަ ހަގީގަތު ގައިވެސް ހިނގަމުންދާ ކަންކަން."

އެފްއޭއެމް އަށް ވަކި ފަރާތްކަަކުން ޕްރެޝަރުތައް ކުރިމަތި ކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ބައްސާމް ވިދާޅުވީ އެފްއޭއެމް އަށް ކުރިމަތިވަނީ ބިނާ ކުރުވަނިވި ރަނގަޅު ޕްރެޝަރު ކަމަށެވެ.

"އަޅުގަނޑުމެންނަށް ވާ ޕްރެޝާ އަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އަންނަ ޕްރެޝާ، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުކޮށް ދިނުމަށް އަންނަ ޕްރެޝާ، އަތޮޅު ތެރޭގެ ޓީމުތަކަށް އެކި ފަންތީގައި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ޕްރެޝާ، ޒުވާން ޖީލެއް ފުޓްބޯޅައިގައި ބިނާ ކުރުމުގެ ޕްރެޝާ، އަޅުގަނޑުމެންގެ ފުޓްބޯޅަ އެކެޑެމީއެއް ގާއިމު ކުރުމުގެ ޕްރެޝާ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ފަރުދެއްގެ ފަރާތުންނާއި ވަކި ފަރާތްތަކަކުން އެކަންކަން ތަންފީޒު ކުރުމަށް ޕެރެޝާ ކުރިމަތިވާ ކަމަށާއި އެޕްރެޝަރުތައް އޭނާ ބަލައިގަންނަ ކަމަށެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމް އަށް އަންނަ އެފަދަ ސިޔާސީ ނުފޫޒާއި ޕްރެޝަރުގެ ސަބަބުން، ފީފާއިން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޝަން ނާންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށެވެ.

ރާއްޖޭގެ ސީނިއާ ޓީމާއި ޒުވާން ޓީމުތަކުގެ ގޯލަށް މިއަހަރު އެކި މުބާރާތްކުން 26 ލަނޑު ވަނެވެ. ބައްސާމް ވިދާޅުވީ އެކަން އޭނާ އަށް ފެންނަނީ ޕޮޒެޓިވް ކަމެއްގެ ގޮތުގައި ކަމަށާއި އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ބިނާ ކުރަން ހުޅުވުނު ދޮރެއް ކަމަށެވެ.

"މި 26 ލަނޑުގެ ފައިދާ އަޅުގަނޑުމެން ނަގާނީ ކުރިމަގު ބައްޓަން ކުރުމަށްޓަކައި،" ބައްސާމް ވިދާޅުވި އެވެ. އެގޮތުން އަތޮޅު ތެރޭގައި ޒުވާން ކުޅުންތެރިން އުފެއްދުމަށް އެފްއޭއެމުން ފަށާފައިވާ ޕްރޮގްރާމް "ޓްވޯޑްސް ފިއުޗާ" ގެ ވާހަކަ ބައްސާމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ކޮޅަށް ވަން 26 ލަނޑަކީ، މި ސާކު ސަރަހައްދާއި އަދި އޭޝިއާ ބައްރުގައި އަޅުގަނޑުމެން ޒުވާން ޓީމުގެ ފެންވަރު ވަޒަން ކުރެވިގެން ދިޔަ 26 ލަނޑު،" ބައްސާމް ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެންގެ ކުރިމަގު ބިނާ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ފުރުސަތެއް."