މި ރާއްޖޭގައި މޭ ޑޭ އަކަށް އެންމެ ފުރަތަމަ ފުރުސަތު ދެއްވައި ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވީ ކުރީގެ ރައީސް އަދި މިއަދު މޭ ޑޭގެ ނަމުގައި ބާއްވާ ބޮޑު ސިޔާސީ އެއްވުމުގެ ފަހަތުގައި އޮތް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ނަޝީދު 2011 ވަނަ އަހަރު މި ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައި ފާހަގަކުރެއްވީ މަސައްކަތްތެރިންގެ ހައްގުތައް މި ރާއްޖޭގައި ހިމާޔަތްކޮށް ދިނުމަށް ސަރުކާރު އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުންނެވެ.
މިއީ ނަޝީދު އާއި އެ ބޭފުޅާގެ ސިޔާސީ ޕާޓީ އިން ދިވެހިންނަށް މޭ ޑޭ ތައާރަފްކޮށް ކުރިން އެ ދުވަސް ފާހަގަކުރި ގޮތެވެ. ނަމަވެސް މޭ ޑޭ ގެ ނަމުގައި އެ ބޭފުޅާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެމީހުންނާ ގުޅިފައިވާ އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކުން މޭ ޑޭގެ ނަމުގައި މާލެ "ހިސޯރުކުރަން" ނުކުންނައިރު މި އެއްވުމުގައި ޖެހިފައި ވަނީ މުޅިން އެހެން ކުލައެކެވެ.
ސަރުކާރެއް ވައްޓާލަން ކެތްމަދުވެފައި އޮތް ސިޔާސީ ބައިގަނޑެއްގެ ކުލަ އެވެ.
އެހެންވީމަ، އަސްލު މޭ ޑޭ އަކީ ކޮބައި ހެއްޔެވެ؟ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށް ގެންދާ މުޒާހަރާތަކާ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާއާ ތަފާތުވާ ސަބަބުތަކަކީ ކޮބައިތޯ އެވެ؟
ވަޒީފާ އަދާކުރަން ޖެހޭ ރަސްމީ ގަޑިއަކީ އަށް ގަޑިއިރު ކަމުގައި މިހާރުގެ ގާނޫނާއި ގަވާއިދުތަކުގައި އޮތް ނަމަވެސް ކުރިން މިކަން އޮތީ މިހެންނެއް ނޫނެވެ. އަށް ގަޑިއިރު މަސައްކަތްކުރުމަށް ފަހު ދެން އޮންނަ އަށް ގަޑިއިރު ވަރުބަލި ފިލުވުމަކަށް ނުލިބެ އެވެ.
އޭރު އޮންނަ ގޮތުން އާންމު މީހާ އަށް ޖެހެނީ 10 ގަޑިއިރު ވަންދެން ވެސް ރަސްމީ ވަޒީފާގައި އުޅޭށެވެ. އަދި 12 ގަޑިއިރު ވިޔަސް ނުވަތަ 14 ގަޑިއިރު ވެގެންދާއިރު ވެސް ވަޒީފާގައި ތާށިވެފައި ތިބި އެތައް ބަޔަކު ތިއްބެވެ.
މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ "މޭ ޑޭ" އެއް އުފަން ވުމުގެ އަސްލު ގުޅިފައި ވަނީ މި ދެންނެވި ގޮތަށް ވަޒީފާ އަދާކުރަން ޖެހޭ ރަސްމީ ގަޑިއާ މެދު މަސައްކަތްތެރިންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމެއްގެ ތެރެއިންނެވެ. ނަމަވެސް 1880ގެ އަހަރުތަކުގައި ދުނިޔެ ގަބޫލުކުރި ސިޔާސަތާއި ވިސްނުމުގެ ތެރެއިން މަސައްކަތްތެރިންނަށް އަށް ގަޑިއިރުގެ ވަޒީފާއެއް ދީފައި ދެން އޮތް އަށް ގަޑިއިރު، އެމީހުން އަރާމުކުރާ ވަގުތުތަކެއްގެ ގޮތުގައި ކަނޑައެޅުން ވެގެން ދިޔައީ ވަރަށް ވެސް ދަތި އުނދަގޫ ކަމަކަށެވެ.
ގާނޫނީ މަގުތަކުން ކުރި ދަތުރު ބަންދުވުމުން މަސައްކަތްތެރިން އެ މަގު ދޫކޮށް މަގުތަކަށް ނުކުމެ ހަޅުތާލުކުރާ ހިސާބަށް މައްސަލަ ހޫނުވީ އެހެންވެ އެވެ.
ނަމަވެސް މަގުތަކަށް ނުކުމެގެން ވެސް މަސައްކަތްތެރިންނަށް އެމީހުންގެ ހައްގުތައް ލިބޭ ގޮތެއް ނުވި އެވެ. މަސައްކަތްތެރިން އެމީހުންގެ ހައްގުތައް ހޯދުމަށް ފެށި މު މުޒާހަރާތަކުގެ މައި ރަށަކީ އެމެރިކާގެ ޝިކާގޯ އެވެ.
ވިޔަފާރިވެރިންގެ އެއްބާރުލުމާ އެކު މަގުތަކަށް ނުކުތް ގިނަ އަދަދެއްގެ ބަޔަކު މައިތިރިކުރަން ޖެހުނީ ފުލުހުން ނެރެ އެމީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެންނެވެ. ކުރިމަތިލުންތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށް ބަޑި ޖަހައި ހަތަރު މީހަކު މަރާލި އެވެ.
އެ ހިސާބުން މަސައްކަތްތެރިންގެ ހަޅުތާލު އިތުރަށް ހޫނުވެ ވަރުގަދަވީ އެވެ. ހަތިޔާރު އެޅި މީހުން މުޒާހަރާގެ ބައިވެރިންނާ ގުޅި ފުލުހުންނަށް ބޮމުގެ ހަމަލާއެއް ދީ ގިނަ އަދަދެއްގެ ފުލުހުންތަކެއް ޒަޚަމްކޮށްލީ އެމީހުންގެ ދެ ވަނަ ބޮޑު ހަޅުތާލަށް ތައްޔާރުވަމުން ދަނިކޮށް އެކަން ހުއްޓުވުމަށް ފުލުހުން ވަދެގަތުމުންނެވެ.
ދެން ފެނިގެން ދިޔައީ މަސައްކަތްތެރިންގެ ބާރު ނައްތާލުމަށް ފުލުހުން ފެށި ނިކަން ވަރުގަދަ ހަރަކާތެކެވެ. އެ ހަރަކާތުގައި މަސައްކަތްތެރިންގެ ޕާޓީތަކުގެ ވެރިން ހައްޔަރުކޮށް އެމީހުންގެ މައްޗަށް މަރުގެ ހުކުމް ވެސް އިއްވި އެވެ.
މަސައްކަތްތެރިންގެ ނަމުގައި ދުނިޔޭގައި ކޮންމެ އަހަރަކު މިހާރު ފާހަގަކުރާ "އެކެއް މެއި" ނުވަތަ "މޭ ޑޭ" ގެ އަސްލު ފެށުމަކީ މިއީ އެވެ.