ކުޅިވަރު

ކެރަމް އެކްސްކޯގެ ގާނޫނީ ސައްހަކަން ގެއްލިފައި؟!

Dec 18, 2017
3

ރާއްޖޭގެ ކެރަމް އެސިއޭޝަން (ސީއޭއެމް)ގެ އެކްސްކޯގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ މަގާމު ހުސްވުވުމުން، އެކްސްކޯގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އެކްސްކޯގެ މެންބަރުންގެ ތެރެއިން ހަތަރު މަގާމެއް ހުސްވުމުން މިހާރު އެކްސްކޯގައި ތިއްބަވަނީ ތިން މެންބަރުންނެވެ. އެއީ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ނަދީމް އާއި ނައިބު ޗެއާގެ ގޮތުގައި ޢަލީ މާހިރުގެ އިތުރުން ކޮމިޓީގެ މެންބަރު އަހްމަދު އާޒިމް އެވެ.

މި ކަމާ ގުޅޭގޮތުން ނައިބު ޗެއާ އަލީ މާހިރުއަށް ގުޅުމުން އޭނާ ވިދާޅުވީ ހިންގާ ކޮމިޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާދެއްވާފައިވާ ހާލަތެއް ހިންގާ ކޮމިޓީއަށް ދިމާވެފައިވާ ކަމަށާއި ނަމަވެސް މިވަގުތު މައްސަލައިފައި އިތުރު ކޮމެންޓެއް ދެއްވެން ބޭނުން ނޫން ކަމަށެވެ.

ކެރަމް އެސޯސިއޭޝަނުން އެންމެ ފަހުން އިސްތިއުފާ ދެއްވި އިސްމާއީލް ސަލީމް އިސްތިއުފާ އަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހުގައިކަން އޭނާ ވަނީ 'އަވަސް' އަށް ޔަގީންކަންދީފަ އެވެ.

ކެރަމް އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެކްސްކޯގެ ކޯރަމް އަކީ ހަތަރެކެވެ. މިހާރު ތިން މެންބަރުން އެކްސްކޯގައި ތިއްބެވުމުން އެކްސްކޯގެ ގާނޫނީ އަދަދު ފުރިހަމަ ނުވެ އެވެ. އެހެންވެ، އެކްސްކޯއިން ނިންމަން ޖެހޭ ނިންމުންތައް ނުނިންމި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ނަމަވެސް މިހާލަތު ދިމާވެފައިވަނިކޮށްވެސް ސެކެޓްރީ ޖެނަރަލްގެ މަގާމު ހުސްވެފައި ވުމުން، އެމަގާމަށް ކުރިމަތި ލުމަށާއި، އަހަރީ އާންމު ބައްދަލުވުން ބޭއްވުމަށް އިއުލާންކުރި އެވެ.

ސެކެޓްރީ ޖެނަރަލް މަގާމަށް ކުރިމަތި ލުމަށް އިއުލާން ކުރީ މި މަހު 11 ވަނަ ދުވަހު އެވެ. އެ މަގާމަށް ކުރިމަތި ލުމަށް ދީފައި ވަނީ ދެ ދުވަހުގެ މުއްދަތެއް ކަން ވަނީ އެނގިފަ އެވެ. އަދި 13 ޑިސެމްބަރު 2017 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ގަޑި ހަމަވާ ގޮތަށް އޮތް މި އިއުލާނަށްފަހު ހަމަ އެދުވަހުގެ އިރުއޮއްސި 6:30 ގައި އެކްސޯ ބައްދަލުވުމެއް އޮންނާނެކަމަށް އެސޯސިއޭޝަންގެ އެކްސްކޯގެ ވައިބާ ގުރޫޕްގައި، އިއުލާން ކުރި ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް ކޯރަމް ހަމަނުވާތީ ފަހުން އެ ޖަލްސާވަނީ ކެންސަލްކޮށްފަ އެވެ.

މީގެ އިތުރުން މި މަހު 12 ވަނަ ދުވަހު ކުރި އިއުލާނެއްގައި ހިންގާ ކޮމިޓީގެ ހާއްސަ އާންމު ޖަލްސާ އެއް 22 ޑިސެމްބަރުގައި ބާއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ. ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ ހަޒާންދާރު ކަމުގެ އިތުރުން ހުސްވެފައިވާ މެންބަރު ކަމުގެެ މަގާމަށް މީހުން އިންތިހާބު ކުރުމަށެވެ.

އެ އިއުލާނުން ފާހަގަ ކުރެވުނު ކަމަކީ ހަޒާންދާރު ކަމަށް، އެސޯސިއޭޝަންގެ މެންބާޝިޕް ނެތް ފަރާތްކަށްވެސް ކުރިމަތި ލުމުގެ ފުރުސަތު އޮތް ކަމެވެ. ހަޒާންދާރު ކަމަށް ކުރިމަތި ލުމަށް ސިޓީ ހުށަހަޅާއިރު މެންބާޝިޕް ފޯމު ހުށަހެޅުއްވުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އިއުލާނުގައި ވެއެވެ. ނަމަވެސް ހަމަ އެ އިއުލާނުގައިވާ ހިންގާކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަށް މި ފުރުސަތެއް ނެތެވެ.

ނަމަވެސް އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައިވެސް އަދި ކުޅިވަރުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގައިވެސް ބުނަނީ އެސޯސިއޭޝަނެއްގެ ހިންގާކޮމިޓީއަށް ކުރިމަތިލެވޭނީ އެ އެސޯސިއޭޝަނުގެ މެންބަރަކަށްވުމަށް ފަހުގައިކަމަށެވެ. އެ އެސޯސިއޭޝަނުގެ ގަވާއިދަށް ބަލާއިރުވެސް ހުށަހެޅޭ މެންބާޝިޕް ފޯމްތައް އެޕްރޫވް ކުރެވޭނީވެސް އެކްސްކޯއިން ފާސްކޮށްގެން ކަމަށެވެ. ނަމަވެސް އެކްސްކޯގެ ގާނޫނީ އަދަދު ހަމަ ނުވާތީ، އެކްސްކޯގެ އެއްވެސް ނިންމުމެއް ސައްހަ ނުވާނެ ކަން ޖަމްއިއްޔާތަކާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކުން ސާފުކޮށް އެނގެއެވެ. އަދި ކެރަމް އެސޯސިއޭޝަނުގެ ހިންގާ ގަވައިދު ބުނާގޮތުން ހިންގާ ކޮމިޓީއެއްގެ ގާނޫނީ އަދަދު ހަމަނުވާނަމަ ހިންގާ ކޮމިޓީގެ ޖަލްސާއެއް ނުބޭއްވޭނެއެވެ.

ކެރަމް އެސޯސިއެޝަން ހިންގުން ހުއްޓި މީގެ ކުރިންވެސް މައްސަލަ ދިމާވި އެވެ. އެންމެ ފަހުން މިފަދަ ހާލަތެއް ދިމާވެގެން އިންޓަނޭޝަނަލް ކެރަމް ފެޑްރޭޝަން (އައިސީއެފް) އިން ވަނީ އިންޓެރިމް ކޮމިޓީއަކާ ހަވާލުކޮށް އިންތިހާބެއް ބާއްވާފައެވެ. އެ އިންތިހާބުން ހޮވުނު ހިންގާ ކޮމިޓީއަކީ ވެސް މި ކޮމިޓީ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ޖަމްއިއްޔާތަކުގެ ގަވާއިދުގައިވެސް ބުނެފައި ވަނީ ކުޅިވަރު އެސޯސިއޭޝަނެއްގެ އެކްސްކޯގެ ގާނޫނީ ސައްހަކަން ގެއްލިއްޖެނަމަ، އެ އެސޯސިއޭޝަނެއް އެފްލިއޭޓް ވެފައިވާ ބައިނަލްއަގްވާމީ އެސޯސިއޭޝަނެއްގެ ލަފާ ހޯދުމުގެ އިހްތިޔާރު އެބައޮތް ކަމަށެވެ.