ކުޅިވަރު

ސިޔާމް މައުރޫފް ކަޕް ޗެމްޕިއަންކަން މިލަދޫއަށް

Dec 18, 2017

ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންކަން މިލަދޫ ހޯދައިފި އެވެ. މިލަދޫ ކާމިޔާބު ހޯދީ ފައިނަލުގައި 1-0 ން ލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މުބާރާތް ކާމިޔާބު ކުރުމުން، މިލަދޫ ޓީމަށް ވަނީ 500000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. މި އަންނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 600000 ރުފިޔާ ދޭނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްއަށް ނިސްބަތްކޮށް ބާއްވާ މުބާރާތެކެވެ.

މާޅެންދޫގައި މި އަހަރު ބޭއްވި މުބާރާތުގެ ފައިނަލު މެޗުގައި މިލަދޫގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކުރިން ވެލެންސިއާ އާއި ވިކްޓަރީއަށްވެސް ކުޅުނު މުހައްމަދު ލިޔާހް އެވެ.

ކޮންމެ އަހަރަކުވެސް ބޮޑު ޗުއްޓިތެރޭގައި ބައްވާ، މުބާރާތުގެ ފޯރި ނ. އަތޮޅުގައި ގަދަ އެވެ. މުބާރާތް ފޯރިގަދަވާ އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރުން ފެށިގެން، ދުނިޔޭގެ މަޝްހޫރު ތަރިއަކު މުބާރާތުގެ ފައިނަލް މެޗަށް ގެނެއެވެ. މިއަހަރުގެ މުބާރާތުގެ ހާއްސަ މެހެމާނަކަށް ގެނައީ ޗެލްސީގެ ފުޓްބޯޅަ ލެޖެންޑް އައިވަރީ ކޯސްޓްގެ ޑިޑިއޭ ޑްރޮގްބާ އެވެ.

މިދިޔަ އަހަރު ގެނައީ، ބަސެލޯނާ އާއި ސްޕެއިންގެ ލެޖެންޑް ކާލޯސް ޕްޔޮލް އެވެ.