ކުޅިވަރު

ޕީޑީ ސިރިސޭނާގެ ވަކިވެދިޔުމާ އެކު ދިވެހި ފުޓްބޯޅަ އާއިލާ ހިތާމައިގައި

Dec 18, 2017

އަވަށްޓެރި ޝްރީ ލަންކާގެ ފުޓްބޯޅައިގެ ތަޖުރިބާއިން ދިވެހި ފުޓްބޯޅަ އަށް ގިނަ ފައިދާތަކެއް ކުރި އެވެ. ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވީ، ރާއްޖޭގެ ޓީމުތަކުގައި ލަންކާގެ ތަޖުރިބާކާރުން އައިސް ކުރި މަސައްކަތުންނެވެ. އޭގެތެރެއިން އެއްބޭފުޅަކީ މިއަދު ނިޔާވި، ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ކުރީގެ ކޯޗް ޕަތިނިޔާ ޑްރޭގް (ޕީޑީ) ސިރިސޭނާ އެވެ.

އުމުރުން 77 އަހަރުގައި ޕީޑީ ސިރިސޭނާ މިއަދު ހެނދުނު ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލި ކޮށް އުޅުމަށްފަހު އެވެ. އޭނާ ވަނީ ނިއު ރޭޑިއަންޓަށް 1987 ވަނަ އަހަރު ކޯޗް ކޮށްދީފަ އެވެ. އަދި 88 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗްކަންވެސް އޭނާ ކުރި އެވެ.

ނިއު ރޭޑިއަޓަަށް ޕީޑީ ސިރިސޭނާ ގެނައީ، ކުރިން ނިއުގެ މެނޭޖަރުކަން ކުރި މިހާރު މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ގެ ރައީސް ކާމިނީޕޫލް ހަސަން މަނިކު އެވެ. ހަސަން މަނިކު އާއި ޕީޑީ ސިރިސޭނާ އަކީ ދެ ރައްޓެހިންނެވެ.

"ޕާކިސްތާންގެ ޕިޝާވަރުގައި ފީފާއިން 80 ކުރީ ކޮޅު ބޭއްވި ފީފާގެ ޓްރެއިނިން ޕްރޮގްރާމެއްގައި އަޅުގަނޑަށް ޕީޑީ ސިރިސޭނާ ބައްދަލު ވަނީ، އެ ޓްރެއިނިން ޕްރޮގްރާމުން އަޅުގަނޑުމެންގެ ދެ މީހުންގެ ދެމެދުގައި ރައްޓެހިކަން އުފެއްދިއްޖެ،" ހަސަން މަނިކު "އަވަސް"އަށް ވިދާޅުވި އެވެ.

ޕީޑީ ސިރިސޭނޭގެ ޖާދޫ ދިވެހިންގެ މެދުގައި މަގުބޫލު ވާން ފެށީ ކުލަބުތަކުން އިސްނަގައިގެން ތައާރަފު ކުރި ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތުންނެވެ. ބޭރުގެ ކުލަބުތަކަށް ދައުވަތު ދީގެން ބޭއްވި މުބާރާތުގައި ޕީޑީ ސިރިސޭނޭ އޭރު ކޯޗް ކޮށްދެމުން ގެންދިޔަ ސުންޑާސް ސްޕޯޓްސް ކުލަބުން ވާދަ ކޮށް ތަފާތު ދެއްކި އެވެ.

"ސުންޑާސް އެސްސީން ޕޮމިސް ކަޕަށް އައިސް އަޅުގަނޑުމެން ދިވެހި ޓީމުތައް ކޮޅަށް އޭރު ހަތަރު ލަނޑު ނުވަތަ ފަސް ލަނޑު ޖަހާލާނެ، އެމުބާރާތުން ދިބެހިންގެ މެދުގައި އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރު ވެގެން ދިޔަ،" ޕީޑީ ސިރިސޭނާގެ ހިދުމަތްތައް ފާހަގަ ކުރައްވަމުން، ހަސަން މަނިކު ވިދާޅުވި އެވެ.

ނިއުގެ ކޯޗަކަށް ގެނައި ލަންކާގެ ސްމިތު ވަލަޕޮލެ ގެނައީވެސް ސިރިސޭނާގެ ލަފާގެ މަތިންނެވެ. ރާއްޖޭގެ ފުޓްބޯޅަ ކުރި އަރާނީ ބޭރުން ރަނގަޅު ކޯޗެއް ގެނެސްގެން ކަމަށް ހަސަން މަނިކު އާއި ނިއުގެ މަސްއޫލުވެރިޔާ ކުއީން ވަހީދު އަށް ވިސްނުނު ހިނދު ބޭރު ކޯޗެއް ހޯއްދުމުގެ މަސައްކަތް ފެއްޓެވި އެވެ. ހަސަން މަނިކު ހުށަހެޅުއްވީ ޕީޑީ ސިރިސޭނާ ނިއުގެ ކޯޗް ކަމަށް ގެނައުމަށެވެ.

ނިއުގެ ކޯޗަކަށް ޕީޑީ ސިރިސޭނާ ގެނައުމަށް، ލަންކާ އަށް ވަޑައިގެންނެވީ ހަސަން މަނިކު އަމިލަ ފުޅަށެވެ. ނަމަވެސް އޭރު ސިރިސޭނާގެ ވަގުތު ހުރި ގޮތުން އާދެވެން ނެތުމުން އޭނާ ލަފާ ދިނީ ސްމިތު ވަލަޕޮލެ ހަމަޖެއްސުމަށެވެ.

"އަޅުގަނޑު ދިޔައީ ނިއުގެ ކޯޗަކަށް ސިރިސޭނާ ގެންނަން ލަންކާ އަށް، ނަމަވެސް އޭނާ ބުނި ތިމަންނަ އަށް މި ވަގުތު ދާން އެހާ ފަސޭހައެއް ނުނޭ، ތިމަންނަ އަމިއްލަ އަށް ހިންގާ ކުލަބެއް ހެންނޭ ސްުންޑާސް އެސްސީ މިގެންގުޅެނީ، އެ ޓީމު ދޫކޮށްލާފަ ދާން އެހާ ފަސޭހައެއް ނޫނޭ،" ހަސަން މަނިކު އޭރުގެ ހަނދާންތަކާ އެކު ވާހަކަ ކުރިއަށް ގެންދެވި އެވެ.

"އޭނަ ރެކޮމެންޑް ކުރީ ނިއު ރޭޑިއަންޓަށް ސްމިތު ވަލަޕޮލެ ގެންދިއުމަށް، އެ ވާހަކަ ސްމިތު އަރިހުގައި ދައްކަވަން އަޅުގަނޑު ގޮވައިގެން ގޮސް އެކަން ސްމިތަށް ވިސްނައި ދެއްވީ ހުދު ސިރިސޭނޭ، ފަސޭހަ ވަގުތެއްގައި ފަހުން ނަމަވެސް ތިމަންނަ ނިއު ރޭޑިއަންޓާ ހަވާލުވެ ދާނެ ވާހަކަ ސިރިސޭނާ އޭރުވެސް ވިދާޅުވި."

ސުންޑާސް އެސްސީގެ މަސައްކަތްތަކުން އަމަލީ ގޮތުން ދުރައްޖެހި ވަޑައިގަތުމުން، ހަސަން މަނިކު އަލުން ލަންކާ އަށް ވަޑައިގެން ސިރިސޭނާ އަށް ނިއުގެ ކޯޗް ކަން ހުށަހެޅުއްވި އެވެ. އެފަހަރު ހުށަހެޅުއްވުން ގަބޫލު ކުރައްވައި އޭނާ ރާއްޖެ އައިސް ނިއު އާ ހަވާލުވި އެވެ. އޭނާ ވަނީ އެ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތް ނިއު އަށް ކާމިޔާބު ކޮށްދީފަ އެވެ.

ނިއުގެ ކުރީގެ ގޯލްކީޕަރު އަދި މިހާރުގެ ވައިސް ޗެއާމަން ސައްޔިދު އަލީ ވިދާޅުވީ، ޕީޑީ ސިރިސޭނާ އަކީ ރާއްޖޭގެ ފުޓްބޯޅަ އަށާއި ނިއު އަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެވި ބޭފުޅެއް ކަމަށެވެ.

"އެ އަހަރު ގައުމީ ތަށި އަޅުގަނޑުމެން ޓީމަށް ހޯދައިދިން، މަސައްކަތް ކުރެއްވުމުގައި ރަނގަޅު އާދަތަކެއް ގެންގުޅުއްވި ބޭފުޅެއް" ސައްޔިދު އަލީ ވިދާޅުވި އެވެ. "ސްމިތު ވަލަޕޮލެ ނިއުގެ ކޯޗަކަށް ހުންނެވި އިރު އޭނާ އަށްވެސް ގިނަ އިރުޝާދު ތަކެއް ދެއްވާނެ، ކުލަބުގެ ކޯޗްކަން ދޫކޮށްލެވި ފަހުން ވެސް ނިއުގެ ޚަބަރުތައް ބައްލަވާނެ، ނިއު އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް އެއީ."

ނިއުގެ ދޮރުން ގައުމީ ޓީމަށް

ސިރިސޭނާ އަކީ ލަންކާގެ ފުޓްބޯޅަ ހަޔާތުގައި، ބޭރު ގައުމެއްގެ ގައުމީ ޓީމަށް ކޯޗް ކޮށްުދިން ފުރަތަމަ ކޯޗެވެ.

ނިއުގައި، ޕީޑީ ސިރިސޭނާ ދެއްކި ތަފާތާއެކު އޭނާގެ ހިދުމަތައް ދިވެހި ގައުމީ ޓީމުން އެދުނެވެ. އެފްއޭއެމްގައި އޭރު ހިންގަވަން ތިއްބެވީ ބަންދު ސަލީމުމެން އެކަން ހަސަން މަނިކަށް ހުށަހެޅުއްވި އެވެ. އެއީ ބޭރުގެ މުބާރާތަކަށް ދާން ވަގުތު ކައިރިވެފައި އޮތުމުން ކޯޗެއް ގެންނަން އެކަށީގެންވާ ވަގުތު ނެތުމުންނެވެ.

"އޭރު އެފްއޭއެމްގައި ތިއްބެވި ބޭފުޅުން އަޅުގަނޑަށް ހުށަހެޅުއްވި، ބޭރުގެ މުބާރާތެއް ކައިރިވެފައި އޮތީމަ ޕީޑީ ސިރިސޭނާ ގައުމީ ކޯޗަކަށް ހަމަޖެއްސުމަށް،" ގައުމީ ޓީމުގެ ކޯޗަކަށް ޕީޑީ ސިރިސޭނާ ހަމަޖެހިގެން ދިޔަ ގޮތް ހަސަން މަނިކު ވިދާޅުވި އެވެ.

"އަޅުގަނޑު ބުނިން އޭނާ އާ އަޅުގަނޑު ވާހަކަ ދައްކާނަމޭ، އެވާހަކަ ސިރިސޭނާ އާ ދެއްކުމުން އޭނާ އެކަމަށް އެއްބަސްވެއްޖެ، އަދި ކުލަބުން ވެސް އެ ވަގުތަށް އޭނާ ގައުމީ ޓީމަށް ދޫކުރުމަށް އެއްބަސްވި."

ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަަމަށްވާ އަލީ ސުޒޭން ބުނީ ދިވެހި ފުޓްބޯޅަ ކުރި އަރައިގެން ދިއުމުގައި ލަންކާގެ ކޯޗުންގެ ވަރަށް ބޮޑު ހިއްސާއެއް އޮންނާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ބޭފުޅަކީ ޕީޑީ ސިރިސޭނާ ކަމަށް ސުޒޭން ބުންޏެވެ.

"އަޅުގަނޑުމެންގެ ކެރިއަރުގެވެސް ކުރީ ކޮޅު އެއީ އޭނާ [ޕީޑީ ސިރިސޭނާ] އާ އައިސް ކުރި މަސައްކަތް އަޅުގަނޑަށްވެސް ވަނީ ފެނިފަ ކޯޗިން ޓްރެއިނިން ހަދައިގެން ކޯޗް ކަމަށް ނިކުތުމުގެ ހިތްވަރު ދިވެހިންނަށް ދެއްވި ބޭފުޅުންގެ ތެރޭގައި ސިރިސޭނާ ހިމެނޭނެ،" ސުޒޭން ބުންޏެވެ.

"އޭރު އެންމެ މޮޅު ދިވެހި ކޯޗަކަށް ހުންނާނީ އަބްޖީ [އަބްދުލް ޖަލީލް] އަބްޖީ އަކީވެސް ކޯޗިންގެ މާބޮޑު ޓްރެއިނިން ތަކެއް ހެއްދެވި ބޭފުޅެއް ނޫން އަމިއްލަ އަށް ގިނަ ކަންކަން ދަސް ކޮށްގެން ކޯޗް ކަން ކުރެއްވީ، ނަމަވެސް ސިރިސޭނާ ވާނެ ކޯޗިންގެ ޓްރެއިނިންތައް ފުރިހަމަ ކޮށްގެން ރައްޖޭގައި މަސައްކަތް ކުރެވި މޮޅު ކޯޗަކަށް ދިވެހިންނަށް އޭގެ ފައިދާވެސް ލިބުނު، 90 ގެ ކުރީކޮޅު ގައުމީ ޓީމު ހޯދި ކާމިޔާބުތަކުގައި ލަންކާގެ ކޯޗުންގެ ހިއްސާ އޮންނާނެ އޭގެއިން އެންމެ ހާއްސަ ބޭފުޅަކީ ސިރިސޭނާ."

ކާމިނީޕޫލް ހަސަން މަނިކު ވިދާޅުވީ ސިރިސޭނާ ނެތުމަކީ ލަންކާގެ ފުޓްބޯޅަ އަށްވެސް ފޫބައްދަން އުނދަގޫ ވާނެ ކަމެއް ކަމަށެވެ. ލަންކާގެ ނޫސްތަކުން ބުނެފައި ވަނީ ލަންކާގެ ފުޓްބޯޅައިގައި އެންމެ ރަން ޒަމާން ފެނުނީ ޕީޑީ ސިރިސޭނާގެ ދުވަސް ވަރު ކަަމަށެވެ.

ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކެރިއާ ފެއްޓެވީ އުމުރުން 16 އަހަރު އެވެ. ސުންޑާސް އެސްސީގެ ޖޯޒީގައި ފުރަތަމަ މެޗު ކުޅުނު އިރު، އެނާ އަކީ ސްކޫލް ދަރިވަރެކެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ އެންމެ ރަން ދުވަސް ވަރު ސުންޑާސް އެސްސީ ވަރަގަދަ އަށް ވިދާލި އެވެ. އަދި ލަންކާގެ ފުޓްބޯޅައިގައި އެ ކުލަބުގެ އަޑު ގަދަވި އެވެ. އެއީ 1956 ން 1972 ވަނަ އަހަރާ ހަމަޔަށެވެ. ލަންކާގެ ފުޓްބޯޅައިގައި އޭނާ އަކީ "ފުޓްބޮޅައިގެ ބައްޕަ" އެވެ. އެ ގައުމުގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާގެ އަތް ޕުޅުން ސިރިސޭނާ އަށް ވަނީ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އަރުވާފަ އެވެ.

ލަންކާގެ ފެޑްރޭޝަން ކަޕްގެ ފައިނަލުގައި އޮތް ރެކޯޑް އަދިވެސް އޮތީ ސިރިސޭނާގެ ނަމުގަ އެވެ. އެއީ 1960 ވަަނަ އަހަރު ލަންކާގެ އެފްއޭ ކަޕް ފައިނަލު މެޗު ގައި ހަ ލަނޑު ޖަހައިގެން އޭނާ ހެދި ރެކޯޑެވެ. އެ ރެކޯޑް މިހާތަނަށް އެއްވެސް ކުޅުންތެރިޔަކަށް މުގުރާލެވިފައެއް ނުވެ އެވެ.

ލަންކާގެ ފުޓްބޯޅައިގެ "ބައްޕަ" ގެ ގޮތުގައި ސިފަ ކުރާ ސިރިސޭނާއަށް ބޮޑު އެހެން ޝަރަފެއްވެސް އެބައޮތެވެ. އެއީ ދުނިޔޭގައި ހުންނަވަނިކޮށް ކުޅިވަރު ދަނޑަކަށް ނަން ނިސްބަތް ކުރެވުނު ފުރަތަމަ އެތުލިޓެވެ. ލަންކާގެ ބޮޑު ވަޒީރު ކަމާއި އެގައުމުގެ ރައީސް ކަން ވެސް ކުރިން ކުރެއްވި ރަނިޝިންގީ ޕްރެމަޑާޝާ ދައުރުގައި 1987 ވަނަ އަހަރު އޭނާ ވަނީ ކޮލަމްބޯގެ މަލަގަވައްޓޭގައި ދަނޑެއް އިމާރާތް ކުރައްވާ ޕީޑީ ސިރިސޭނާގެ ނަމުން ނަން ދީފަ އެވެ.

މިއަދު ޕީޑީ ސިރިސޭނާއެއް ނެތެވެ. ނަމަވެސް 63 އަހަރުވީ އޭނާގެ ހިދުމަތް ލަންކާ އާއި ދިވެހި ފުޓްބޯޅައިގައި އަބަދަށް ދެމި އޮންނާނެ އެވެ.