ބޮލީވުޑް

ސަލްމާންގެ ކުރީގެ މެނޭޖަރު އަބީޝެކްގެ ކެރިއަރު ކޮޅަށް ޖަހަން

Dec 21, 2017

ވޭތުވެދިޔަ ދެ އަހަރުން ފެށިގެން އެކްޓަރު އަބީޝެކް ބައްޗަންގެ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ. މިދިޔަ އަހަރު ނިކުތް "ހައުސްފުލް 3" ގެ ފަހުން އަބީޝެކްގެ ފިލްމެއް ރިލީޒްނުވަތާ އަހަރަކަށް ވުރެން ގިނަ ދުވަސްވީ އެވެ. އަބީޝެކާ އެކު ފިލްމީ ދާއިރާ އަށް ނިކުތް ތަރިންނާއި އޭގެފަހުން އެ ދާއިރާއަށް ތައާރަފުވި އާ ތަރިން ވެސް އޭނާ އަށް ވުރެން ވަނީ ކުރިއަރާފަ އެވެ.

ފާއިތުވި ދެ އަހަރުން ފެށިގެން ފިލްމީ ކެރިއަރު ދަށަށް ދަމުން ގޮސް އަބީޝެކް ފިލްމެއް ނުކުޅޭތާ ވެސް އަހަރެއް ވަނީ ވެފަ އެވެ. ނަމަވެސް މިފަހުން އޭނާ އަށް ވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ފުރުސަތު ލިބިފަ އެވެ.

ފިލްމީ ކެރިއަރު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް އަބީޝެކް މިހާރު ވަނީ ވަރަށް ސީރިއަސްކޮށް ފަށާފަ އެވެ. އެކަމުގައި އޭނާ އަށް އެންމެ ބޮޑު ހިތްވަރެއްދެމުން އަންނަނީ އަންހެނުން އަދި ބަތަލާ އައިޝްވާރިޔާ ރާއި އެވެ.

އެގޮތުން އަބީޝެކްގެ ފިލްމީ ކެރިއަރު އަލުން ބާރު ސްޕީޑުގައި ހިނގައި ގަނެ، އޭނާ އަލުން ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ލިސްޓަށް އަރުވަން ހައި ޕްރޮފައިލް ބިޒްނަސް މެނޭޖާ ރޭޝްމާ ޝެޓީ، އައިޝްވާރިޔާ ވަނީ އަބީޝެކްގެ މެނޭޖަރަކަށް ހަމަޖައްސާފަ އެވެ.

ރޭޝްމާ އަކީ ވަޅުޖެހިފައި އޮތް ސަލްމާން ޚާންގެ ފިލްމީ ކެރިއަރު ވެސް ކޮޅަށް ޖަހައިދިން މީހާ އެވެ. ސަލްމާންގެ މެނޭޖަރެއްގެ ގޮތުގައި އެތަކެއް އަހަރެން ވަންދެން އުޅުމަށްފަހު ރޭޝްމާ މެނޭޖަރު ކަމުން ސަލްމާން ވަނީ މި އަހަރު ބޭރުކޮށްފަ އެވެ. ސަބަބެއް ކަމަށް ވަނީ ސަލްމާންގެ ކޮއްކޮ ސޮހެއިލް އާއި ރޭޝްމާއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެވެ.

ހަބަރުތައް ބުނާގޮތުން ރޭޝްމާ ވަނީ މިހާރު އަބީޝެކްގެ ކެރިއަރު މެނޭޖް ކުރުމުގެ މަސައްކަތާ ހަވާލުވެފަ އެވެ. ރޭޝްމާ އަބީޝެކްގެ މެނޭޖަރުކަމާ ހަވާލުވި ފަހުން ކުޅެން ހަމަޖެއްސި ފުރަތަމަ ފިލްމަކީ ޕޮއެޓް ލިޔުންތެރިޔާ ސާހިރް ލުދިއަންވީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެވެ.

ރޭޝްމާ އަންނަނީ އަބީޝެކްގެ ކެރިއަރު އަލުން ކޮޅަށް ޖަހައި އޭނާ ވަރުގަދަ ބްރޭންޑަކަށް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އެކްޓަރު އަކްޝޭ ކުމާރުގެ މެނޭޖަރު ކަމާ ވެސް ރޭޝްމާ މިފަހުން ހަވާލުކަމުގެ އަޑުތަކެއް އެރި އެވެ. ނަމަވެސް އެކަން އަކްޝޭ ޔަގީންކޮށް ނުދޭތީ އެއީ ތެދެއްކަން ސާފެއްނުވެ އެވެ.