ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ކައިވެނިކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އިޓަލީގެ ޓަސްކަނީގަ އެވެ. އިޓަލީ އާއި ފިންލޭންޑްގައި ހަނީމޫން ހޭދަކުުރުމަށްފަހު އަނުޝްކާ އާއި ވިރާޓް ވަނީ އެނބުރި އިންޑިއާ އަށް އަންގާރަ ދުވަހު އައިސްފަ އެވެ.
ކައިވެނީގެ އުފަލުގައި އާއިލާ އާއި ގާތް އެކުވެރިންނަށް ދޭ ހާއްސަ ޕާޓީ މިރޭ ދިއްލީގެ ފައިވް ސްޓާ ހޮޓަލެއްގައި އޮންނައިރު، އެ ޕާޓީގެ ދައުވަތު އަނުޝްކާ އާއި ވިރާޓް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް އަރުވާފަ އެވެ.
އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ޕާޓީ އަށް މޯދީ ވަޑައިގަންނަވާނެ ކަމަށް ލަފަކުރެވޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އެ ދެތަރިންނާ އެކު ކުރިއަށް ދިޔަ ބައްދަލުވުމަށްފަހު އެމީހުންނާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރަމުން ކުރި ޓްވީޓެއްގައި މޯދީ ވަނީ އެ ދެތަރިންގެ ކައިވެންޏަށް މަރުހަބާ ދަންނަވާފަ އެވެ.
ބޮލީވުޑްގެ ތަރިންނާއި ކްރިކެޓް ތަރިންނަށް ހާއްސަކޮށްގެން ބާއްވާ ޕާޓީ މި މަހުގެ 26 ވަނަ ދުވަހު މުމްބައިގައި އޮންނާނެ އެވެ.
އާއިލާ އާއި ގާތްއެކުވެރިންގެ ހާޒިރުގައި ވަަރަށް ސިއްރުން އަނުޝްކާ އާއި ވިރާޓް ކައިވެނިކުރިކަން އެ ދެތަރިން ކުރި ޓްވީޓްތަކެއްގައި ހާމަކުރަންދެން މީޑިއާތަކަށް އެކަން އޮތީ ސިއްރުވެފަ އެވެ.
މުމްބައިގައި ބޮލީވުޑާއި ކްރިކެޓްގެ ތަރިންނަށް ދޭ ޕާޓީ އަށް ފަހު ސައުތް އެފްރިކާގައި އޮންނަ ކްރިކެޓް މެޗްތަކަކަށް ވިރާޓާ އެކު އަނުޝްކާ ވެސް ދާނެ އެވެ. އެކުގައި އާ އަހަރު ސައުތް އެފްރިކާގައި ފާހަގަކުރުމަށްފަހު އަނުޝްކާ އެނބުރި އިންޑިއާ އަށް އަންނާނެ ކަމަށް ބެެލެވެނީ ޖެނުއަރީ ފުރަތަމަ ހަފްތާ އަށް ފަހު އެވެ.
އެނބުރި އިންޑިއާ އަށް އައިސް އަނުޝްކާ އާނަންދް އެލް ރާއި އުފައްދާ ޑްވާފް ފިލްމުގެ ޝޫޓިން އަލުން ފަށާނެ އެވެ.