ދުނިޔެ

ފަލަސްތީނާ އެއްކޮޅަށް ވޯޓު ދޭނަމަ އެހީ ކަނޑާލާނަން: ޓްރަމްޕް

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ގަބޫލުކުރުމުން އަރަބި ގައުމުތަކުން އދ.އަށް ވައްދާފައިވާ މައްސަލަގައި އެމެރިކާއާ ދެކޮޅަށް ވޯޓު ދޭ ގައުމުތަކަށް އެމެރިކާއިން ދޭ އެހީ ކަނޑައިލާނެ ކަަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އިންޒާރުު ކުރައްވައިފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއާ ދެކޮޅަށް އެ މައްސަލައިގައި ވޯޓުދޭން އުޅޭ ގައުމުތަކަކީ އެހީގެ ގޮތުގައި އެތައް ބިލިޔަން ޑޮލަރެއް ހޯދާ ގައުމުތަކެއް ކަމަށެވެ.

" އެމީހުން އެތައް މިލިޔަންް ޑޮލަރެއް، އެތައް ބިލިޔަން ޑޮލަރެއް ވެސް ނަގާ. އަދި އެމީހުން އަހަރެންނާ ދެކޮޅަށް ވޯޓުދޭނެ. އެމީހުން އަހަރެމެންނާ ދެކޮޅަށް ވޯޓު ލިޔަދީ. އަހަރެމެންނަށް ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ. އަހަރެމެން އަޅައެއް ނުލާނަން،" ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ޓްރަމްޕްގެ އިންޒާރު އައިސްފައި މިވަނީ ގުދުސަކީ އިޒްރޭލުގެ ވެރިކަމަށް ބަލައިގަންނަ ކޮންމެ ބަޔަކާ ދެކޮޅު ހެދުމަށް އަރަބި ގައުމުތަކުން އދ.ގެ އާއްމު މަޖިލީހަށް ވައްދާފައިވާ ގަރާރަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށެވެ. އެގަރާރުގެ ދެލިކޮޕީގައި އެމެރިކާގެ ނަން ވަކިން ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނެފައި ވަނީ "ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަ ކޮންމެ ފަރާތެއް" ކަމަށެވެ.

ހަމަ އެފަދަ ގަރާރެއް މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހަށް ވެސް ވެއްދިއެވެ. އެމަޖިލީހުގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރުންް އެ ގަރާރާ އެއްކޮޅަށް ވޯޓު ދިން ނަމަވެސް އެމެރިކާއިން ވަނީ އެގަރާރު ވީޓޯކޮށް ބޭކާރުކޮށްލާފައެވެ.

އދ.ގެ އުސޫލުތައް ރާވާފައި އޮންނަނީ އެ ޖަމާއަތުގައި ބައިވެރިވާ އެންމެންގެ މައްޗަށް ދާއިމީ ފަސް މެމްބަރުން ކަމަށްވާ އެމެރިކާ، ޗައިނާ، ޔޫކޭ، ފްރާންސް އަދި ރަޝިޔާގެ ބަސް ގަދަވާ ގޮތަށެވެ. ދެން ތިބި އެންމެން ކަމަކާ އެއްކޮޅަށް ވޯޓު ދިނަސް މީގެ ތެރެއިން ގައުމަކުން އެކަމަކާ ދެކޮޅު ހެދިޔަސް އެކަން ބޭކާރުކޮށްލެވެއެވެ.