ވިޔަފާރި

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 5.01 ޕަސެންޓްގައި ކުރިއަރާނެ: އެމްއެމްއޭ

އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ 10.5 ޕަސެންޓްގައި ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ. މިއީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރި އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރި 8.5 ޕަސެންޓަށް ވުރެ، ދެ ޕަސެންޓް ކުރިއެރުމެކެވެ.

ގައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނޫނީ ޖީޑީޕީއަކީ ގައުމެއްގެ އިގްތިސާދީ ދުވެލި މިނެ، ކިރުމަށް ގެންގުޅޭ މިންގަނޑެކެވެ.

އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ އިގްތިސާދީ ރިވިއުގެ ނޮވެމްބަރު މަހުގެ ރިޕޯޓްގައި ބުނެފައި ވަނީ އިގްތިސާދީ ދުވެލި އަންނަ އަހަރުގެ ތެރޭގައި ކުރިއަރާނެ ސަބަބެއް ކަމުގައި ބެލެވެނީ އެކަމުގެ ސަބަބުން ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައިގެން ދާނެތީ އެވެ. އެގޮތުން ޓޫރިޒަމްގެ ދާއިރާ އަންނަ މަހު 8.3 ޕަސެންޓްގައި ކުރިއަރާނެ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާއަށް ދިމާވި ދަތިތަކަށް ފަހު އެ ދާއިރާ އަށް މިހާރު ދިރުން ލިބެމުން އަންނަ އިރު އަންނަ އަހަރުގެ ތެރޭގައި އެ ދާއިރާ ގާތްގަނޑަކަށް 20 ޕަސެންޓް ގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިގްތިސާދީ އެހެން މިންގަނޑުތައް ކަމަށްވާ، އިންފްލޭޝަނާއި ދައުލަތުގެ ދަރަނީގެ ހާލަތަށް ވަކި ކުރިއެރުމެއް މިއަހަރުގެ ތެރޭގައި އައިސްފައެއް ނުވެ އެވެ. އެގޮތުން މާލޭގައި ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނިސްބަތް އިންފްލޭޝަން ވަނީ 2.2 ޕަސެންޓަށް މައްޗަށް އުފުލިފަ އެވެ. އަދި ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް ހަރަދުތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގިޮތުން މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދު ދެ ޕަސެންޓް މައްޗަށް ވަނީ ގޮސްފަ އެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 554.1 ޑޮލަރަށް އިތުރުވެފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 62 ޕަސެންޓް އިތުރު އަދަދެއް ކަމަށް ހިސާބުތަކުން ދައްކަ އެވެ. ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނަނީ ވިޔަފާރި ބޭންކްތަކުން އެމްއެމްއޭގައި ބަހައްޓާ ބޭރު ފައިސާ އިތުރުވުމެވެ. މިހާރު ރިޒާވް ހުރި މިންގަނޑަކީ 3.4 މަސްދުވަހުގެ ތަކެތި ރާއްޖެ އެތެރެ ކުރެވޭނެ މިންވަރެކެވެ.