ކުޅިވަރު

މުލަކޭ، ސަމޫހް، ޔާމްބެ މާޒިޔާގެ އެއްބަސްވުން އާކޮށްފި

Dec 31, 2017

މާޒިޔާގެ މިޑްފީލްޑަރުން ކަމަށްވާ، ޔަޝްފާދު ހަބީބު (މުލަކޭ) އާއި މޫސާ ޔާމީން (ޔާމްބެ) އަދި ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އަންނަ އަހަރަށް އެ ޓީމުގެ ކޮންްޓްރެކްޓް އާ ކޮށްފި އެވެ.

މީގެ ކުރިން މާޒިޔާގެ ކޮންްޓްރެކްޓް އާ ކުރި ކުޅުންތެރިޔަކީ، މުހައްމަދު އިރުފާން (އިރޭ) އެވެ.

މުލަކޭ ވަނީ ވޭތުވެދިޔަ، ދެ ސީޒަންގައި މާޒިޔާގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މި ސީޒަންގައި މާޒިޔާގެ ގޭމް ޕްލޭން ކުޅުވުމުގައި މާޒިޔާގެ ކުރީގެ ކޯޗް މަރުޔާން ސެކްލޮސްކީގެ އެންމެ ކީ ކުޅުންތެރިޔަކީ މުލަކޭ އެވެ.

ސަމޫހް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އުފަން ރަށް އދ. މަހިބަދޫގެ މަހިބަދޫ ސްޕޯޓްސް ކުލަބުންނެވެ. ގައުމީ ޓީމުން އޭނާ ޖާގަ ހޯދީ، މަހިބަދޫއަށް ކުޅެމުންނެވެ. ވޯލްޑްކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗަށް ސަމޫހްއަށް ގައުމީ ޓީމުން ފުރުސަތު ލިބުނެވެ. ފިޓްކޮށް ހުރެއްޖަނަމަ އޭގެ ފަހުން އޭނާ ދަނީ ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުންނެވެ.

ނިމި ދިޔަ ސީޒަންގައި ކުރީ ކޮޅު ޔާމްބެ އަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުޅުމާ ދުރުގައި އޭނާ ދުވަސްތަކެއް ހޭދަ ކުރި އެވެ. މިދިޔަ ސީޒަންގެ ކުރި ކޮޅު، ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން، މާޒިޔާގެ އޭރުގެ ކޯޗް ސެކްލޮސްކީ ވަނީ ޔާމްބެ ނެތް ތަން ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ.

ފުރަތަަމަ ޑިވިޝަންގައި، ޔާމްބެ ވަނީ އޯލް ޔޫތު ލިންކޭޖް އަދި ނިއު ރޭޑިއަންޓަށް ކުޅެފަ އެވެ. އަންނަ ސީޒަނަށް މާޒިޔާ ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން އެންމެ ފުރަތަމަ އިސް ކަމެއް ދިނީ ޓީމުގައި ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށެވެ.

މާޒީޔާއަށް އަންނަ އަހަރު އޭއެފްސީ ކަޕުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ނަމަވެސް މާޒިޔާގެ ކޯޗް އިސްމާއީލް މަހްފޫޒު ބުނެފައި ވަނީ އަބަދުވެސް މާޒިޔާ ނުކުންނާނީ ތަށި ހޯދޭ ޓީމަކާ އެކުގައި ކަމަށާއި އަންނަ އަހަރަށް ވެސް ވަރުގަދަ ސްކޮޑެއް އެކުލަވާލާނެ ކަމަށެވެ. އަންނަ ސީޒަނަށް މާޒިޔާ ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ވަނީ، މިދިޔަ ތިން ސީޒަންގައި ޓީސީއަށް ކުޅުނު، ފޯވަޑް ނާއިޒު ހަސަން (ދާދު) އެ ޓީމަށް ގެންގޮސްފަ އެވެ.

މާޒިޔާގެ ސީނިއާ ޓީމު ދޫކޮށް މިހާތަނަށް ދިޔައީ އެންމެ ކުޅުންތެރިޔެކެވެ. އެއީ ފޯވަޑް މުހައްމަދު އުމޭރު އެވެ. އޭނާ ވަނީ އަންނަ އަހަރު ނިއު އަށް ކުޅުމަށް އެ ޓީމަށް ސޮއި ކޮށްފަ އެވެ.