"ޑޮން" ސިލްސިލާގެ ތިން ވަނަ ފިލްމު އުފައްދަން ތައްޔާރުވުމުގެ މަސައްކަތް ފަށައިފި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނެފި އެވެ.
ސުޕަސްޓާ ޝާހްރުކް ޚާން ލީޑްރޯލުން ފެނިގެންދާ "ޑޮން 3" އުފައްދަން ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވޭތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
"ޑޮން 2" ރިލީޒްކުރިތާ ހަ އަހަރު ފަހުން އުފައްދާ އެ ސިލްސިލާގެ ތިން ވަނަ ފިލްމާ ގުޅޭގޮތުން ރިތޭޝް ބުނެފައިވަނީ މިހާރު ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"ކުރީ ދެ ފިލްމަށް ވުރެން ހުރިހާ ގޮތަކުން ވެސް ތިން ވަނަ ފިލްމު ރަނގަޅުވާން ޖެހޭނެ. އެހެންވެ އެހާ ވަގުތު ނެގީ. އެކަމަކު މި ސިލްސިލާގެ ހަތަރު ވަނަ ފިލްމު އުފައްދާކަށް އެހާ ގިނަ އަހަރެއް ނުނަގާނަން،" ރިތޭޝް ބުނެފައިވެ އެވެ.
މި ފިލްމު އުފައްދާ ޕްރޮޑަކްޝަން ކުންފުނި އެކްސެލް އެންޓަޓެއިންމަންޓުން ފިލްމު އަންނަ އަހަރުގެ ކުރީކޮޅު އިއުލާންކުރާނެ ކަމަށް ވެސް ރިތޭޝް ވަނީ ބުނެފަ އެވެ.
ނަވާރަސަތޭކަ ހަތްދިހަ އަށެއްގައި އަމީތާބް ބައްޗަން ލީޑްރޯލުން ފެނިގެންދިޔަ "ޑޮން" ގެ ސިލްސިލާ ފިލްމުތައް އުފެއްދުމުގެ ރައިޓްސް އޮންނަނީ "ޑޮން" ސިލްސިލާގެ ފިލްމުތައް އުފައްދަަމުން އަންނަ ރިތޭޝް އާއި އެކްޓަރު ފަރްހާން އަހްތަރު އަތުގަ އެވެ.
ދެހާސް ހަވަނަ އަހަރު އަދި 2011 ވަނަ އަހަރު ނިކުތް "ޑޮން" އާއި "ޑޮން 2" ގައި ޝާހްރުކާ އެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.
ނަމަވެސް ޕްރިޔަންކާ ތިން ވަނަ ފިލްމުގައި ފެނިގެންނުދާނެ ކަމުގެ ވާހަކަތަކެއް މިފަހުން ވަނީ ދެކެވިފަ އެވެ. އެކަމާ ގުޅޭގޮތުން ރިތޭޝް ބުނެފައިވަނީ ފިލްމުގެ ކެރެކްޓާތަކުގެ ވާހަކަތައް ދައްކަން އަދި މާ އަވަސް ކަމަށެވެ.
ޕްރިޔަންކާ ކުރީ ދެ ފިލްމުގައި ކުޅެފައިވާ ރޯމާގެ ރޯލުން ތިން ވަނަ ފިލްމުގައި ފެނިގެންދާނީ ދިޕިކާ ޕަދުކޯން ކަމުގެ އަޑުތައް ވެސް ވަނީ އަރާފަ އެވެ.
"ޑޮން" ގެ ދެ ފިލްމުގެ ވެސް ލީޑްރޯލުން ފެނިގެން ގޮސްފައިވާ ޝާހްރުކް މިހާރު ކުޅެމުން އަންނަ ޑްވާފް ފިލްމު ފިޔަވައި އޭނާ ކުޅެން ސޮއިކޮށްފައިވާ ފިލްމެއް އަދި ނެތެވެ. އެހެން ކަމުން އަންނަ އަހަރުގެ ކުރީކޮޅުގައި "ޑޮން 3" ގެ ޝޫޓިން އޭނާ ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.
ސިލްސިލާގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވެސް ފަރްހާން އެވެ. މިހާރު އޭނާ ތިން ވަނަ ފިލްމުގެ ވާހަކަ ލިޔަމުން އަންނައިރު އަދި ފިލްމު ޑައިރެކްޓްކުރާނީ އަމިއްލަ އަށް ކަން ނިންމާފައެއްނުވެ އެވެ.