ދުނިޔެ

ތޫފާނުގައި ފިލިޕީންސުން މަރުވިމީހުންގެ އަދަދު 230 އަށް އަރައިފި

ތޫފާން ޓެމްބިންގެ ސަބަބުން ފިލިޕީންސަށް ކުރި ވިއްސާރައިގައި މަރުވިމީހުންގެ އަދަދު 230 އަށް އަރައިފިއެވެ.

ތޫފާނުގައި ފިލިޕީންސް އިން މީހުން މަރުވީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައެވެ.
ފިލިޕީންސްގެ އިދާރާތަކާ ހަވާލާދީ އޭބީސީ ނޫހުން ބުނީ މަރުވިމީހުންގެ އިތުރުން އެތައް ބަޔަކަށް ވީނުވީއެެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. ގެއްލުނު މީހުން ހޯދަން، މީހުން ހޯދައި ސަލާމަތްކުރާ މީހުން އަދިވެސް އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ތޫފާނުގައި ފިލިޕީންސަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ރަނގަޅަށް ސާފުވާނީ މީހުން ހޯދާ ސަލާމަތްކުރާ މީހުންނަށް އެގައުމުގެ އެންމެ އެކަހެރި ހިސާބުތަކަށް ވާސިލުވެވުމުންނެވެ. އެފަދަ ބައެއް ސަރަހައްދުތައް އަދިވެސް ނުބެލި ވާތީ މަރުވިމީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަަމަށް ވަނީ ބެލެވިފައެވެ.

ފިލިޕީންސަށް ފަހު ތޫފާން ޓެމްބިން މިހާރު ދަތުރުުކުރަމުން ދަނީ ވިއެޓްނާމާ ދިމާލަށެވެ. އެގައުމަށް މިއަދުގެ ވަގުތެއްގައި ތޫފާން އަރާނެ ކަަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ.

ތޫފާނުން ލިބިދާނެ ގެއްލުން ކުޑަކުރެވޭތޯ ވިއެޓްނާމުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެންމެ ބޮޑަށް އަސަރުކުރާނެ ކަަމަށް ބެލެވޭ ސަރަހައްދުތަކުން 74000 މީހުން މިހާރު ވަނީ އެހެން ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި އެގައުމުގެ 15 ޕްރޮވިންސެއްގެ އޮފިޝަލުން ވަނީ މިލިޔަނެއްހާ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ތައްޔާރުވެފައެވެ.