ހަބަރު

އައިލޭންޑް އޭވިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ

އެލައިޑް އިންޝްއަރެންސްގެ ޗެއާމަން، ހިޔަލީ މުހައްމަދު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް، އައިލެންޑް އޭވިއޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ތަނެއް ކުއްޔަށް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފި އެވެ.

"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭސީސީން ބަލަމުން އަންނަ މައްސަލަ އަކީ ހިޔަލީގެ މަސްލަހަތު އޮންނަ އޯލް އެޗް ޕްރައިވެޓް ލިމިޓަޑް ކިޔާ ކުންފުންޏަކަށް ޓިކެޓިން އޮފީހެއް ހިންގުމަށް މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ހިންގާ އައިފާން ބިލްޑިންގްގެ ގްރައުންޑް ފްލޯގައި ހުރި ތަނެއް ދީފައިވާ މައްސަލަ އެކެވެ. އަދި އެތަން ދީފައި ވަނީ އައިލެންޑް އޭވިއޭޝަނަށް ލިބެން ހުރި އާމްދަނީއެއް ގެއްލޭ ގޮތަށް ކަމަށް އެ މައްސަލައިގައި ވަނީ ތުހުމަތުކޮށްފައި ކަމަށް އެނގިފައިވެ އެވެ.

އެ މައްސަލައިގައި އައިލެންޑް އޭވިއޭޝަންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯގެ މައްޗަށް ތުުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.