ކުޅިވަރު

ދެ ޑިވިޝަންގެ ކާމިޔާބާއެކު ނާދުއަށް ހާއްސަ އުފަލެއް

Dec 25, 2017

މި އަހަރުގެ ފުޓްބޯޅަ ސީޒަނަކީ ކޯޗް އަހްމަދު ނާޝިދު (ނާދު) އަށް ވަރަށް ހާއްސަ އަހަރެކެވެ. އޭނާ ވަނީ ދެ ޑިވިޝަނެއްގެ ޗެމްޕިއަންކަން ދެ ޓީމަކަށް ހޯދައިދީފަ އެވެ.

އަހަރުގެ ކުރީ ކޮޅު އޭނާ ފެށީ، ދެ ވަނަ ޑިވިޝަނުންނެވެ. އެ މުބާރާތް ޒެފްރޯލް އަށް ކާމިޔާބު ކޮށްދިނެވެ. މިފަހަރު އޭނާ ކުރިމަތިލީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ގޮވައިގެން ތިން ވަނަ ޑިވިޝަން މުބާރާތެވެ. އިއްޔެ ކުޅުނު ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން ސީލައިފް ސްޕޯޓްސް ބަލިކޮށް، ތިން ވަނަ ޑިވިޝަން ދިވެހި ސިފައިންގެ ކުލަބަށް ހޯދައިދީ އެ ޓީމު ދެ ވަނަ ޑިވިޝަނަށް ޕްރަމޯޓް ކޮށްދީފި އެވެ.

"ތިހެން ބުނީމަ ވަރަށް ހާއްސަ، އުފަލެއް ލިބޭ، އެހެން ނަމަވެސް މިއީ އަޅުގަނޑަށް އާ ކާމިޔާބެއް ނޫން، މީގެ ކުރިންވެސް މިކަހަލަ ކާމިޔާބެއް ލިބިފައި ވަނީ،" ދެ ޓީމަކަށް ދެ ޑިވިޝަނެއްގެ މުބާރާތް ކާމިޔާބު ކޮށްދެވުމުން އޭނާ ދެކެނީ ކިހިނެތްތޯ ސުވާލު ކުރުމުން ކުރިން ވިކްޓަރީއަށް ކޯޗް ކޮށްދިން ނާދު ބުންޏެވެ.

ނާދު އަށް މިފަހަރުގެ ކާމިޔާބު އަލެއް ނޫނެވެ. އޭނާ ވަނީ އެއް އަހަރު ތެރޭ ދެ ވަނަ ޑިވިޗަންގެ ޗެމްޕިއަންކަން ރެޑްލައިން ކުލަބު (އާރްއެލްސީ) އަށް ހޯދައިދިނުމަށްފަހު، ހަމަ އެއަހަރު ބޭއްވި ޒޯން ޗެމްޕިއަންސް ލީގް މުބާރާތް ލ. ކަޅައިދޫ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.

މިއަހަރުގެ ދެ ވަނަ ޑިވިޝަން މުބާރާތް ޒެފްރޯލް އަށް ކާމިޔާބު ކޮށްދިން ނަމަވެސް ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދައިދިނުމަށް ކުރިމަތިވީ މާ ބޮޑު ހުރަހެކެވެ. އެކަމަށް ކުރިމަތިވީ އޭނާ އަށްވެސް ކޮންޓްރޯލް ނުކުރެވޭ ފަދަ ބޮޑު ހުރަހެކެވެ. ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން އޮތް ކޮލިފިކޭޝަން މުބާރާތް ކެންސަލް ވުމަކީ ،ނާދު ހިތާމަ ކުރާ ކަމެކެވެ.

އޭނާ ބޭނުންވީ ޒެފްރޯލް ފުރަތަމަ ޑިވިޝަނަށް ޕްރަމޯޓް ކޮށްދިނުމަށެވެ. ދެ ވަނަ ޑިވިޝަން މުބާރާތް ނިމުނު ނަމަވެސް މާލޭ ލީގް ނިމުން ދިގުލައިގެން ދިއުމުން، އިތުރަށް ކުރަން ޖެހޭ ހަރަދުތައް ކުރެވެން ނެތުމުން، ޒެފްރޯލް އާއި މުބާރާތުގެ ރަނަރަފް ކުޑަ ހެންވޭރު ޔުނައިޓަޑް ކޮލިފިކޭޝަން މުބާރާތުގައި ވާދަ ކުރެވެން ނެތް ކަމަށް ބުންޏެވެ.

"ޒެފްރޯލްގައި އޭރު އޮތް ރަނގަޅު ޓީމެއް، ދެ ވަނަ ޑިވިޝަން މުބާރާތް ނިންމާލި ގޮތަށް، މާލޭ ލީގް ކޮލިފިކޭޝަން މުބާރާތް ކުޅުނު ނަމަ، އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އޮތް އެ ޓީމު ފުރަތަމަ ޑިވިޝަނަށް ލައި ދެވޭނެ ކަން،" ވިކްޓަރީ އަށް ކުރިން ކުޅުނު ޑިފެންޑަރު ބުންޏެވެ.

"ނަމަވެސް އެހެނެއް ނޫން ވެގެން ދިޔައީކީ އެ ފުރުސަތު ނުލިބުނު، އެއީ ވަރަށް ކަންބޮޑުވި މައްސަލައެއް، ދެ ވަނަ ޑިވިޝަންގެ މުބާރާތް ފެށުން ލަސްކޮށްލިނަމަ ރަނގަޅުވީސް، ދެ ވަނަ ޑިވިޝަންގެ މުބާރަތް ވެސް މާލޭ ލީގް ދެ ވަނަ ބުރު ނިމޭއިރު ނިމޭގޮތަށް މުބާރާތް ތާވަލު ކުރިނަމަ މިކަހަލަ މައްސަލަތަކެއް ދިމާ ނުވާނެ."

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ ކޮލިފިކޭޝަން މުބާރާތް ކެންސަލް ވުމުގައި އެފްއޭގެވެސް ވަރަށް ބޮޑު އިހުމާލެއް އެބައޮތް ކަމަށެވެ.

"އެފްއޭގެ ޝެޑިއުލް ނުވަތަ މެޗުތައް ރޭވީއިރު ދެ ވަނަ ޑިވިޝަނާއި މާލެ ލީގް ނިމުން މި އޮތީ ވަރަށް ބޮޑު ގެޕެއް އައިސްފަ، ގާތްގަނޑަކަށް ދޮޅުމަސް ނުވަތަ ދެ މަހުގެ ގެޕެއް އައިސް އޮތް، ހަގީގަތުގައި ދެ ވަނަ ޑިވިޝަން ޓީމުތަކަށް އިތުރު ހަރަދެއް ހިނގާނެ ދެ މަހަށް ވެގެން މިދަނީ، އެބޭފުޅުންނަށް އެވަރަށް ތައްޔާރު ވެވެން ނެތުމާއެކުގައި މުބާރާތުގައި ބައިވެރި ނުވީ." އަވަސްއަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވި އެވެ.

އަންނަ އަހަރު ފުޓްބޯޅަ ކަލަންޑަރު ރާވާއިރު، އެފަދަ ކަމެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަން ބައްސާމް ވަނީ ދެއްވާފަ އެވެ.

ދެން އޮތީ އަންނަ ސީޒަނަށް ނާދުގެ ޕްލޭން ތަކެވެ. ދެ ވަނަ ޑިވިޝަންގައި ވެސް ޑީއެސްސީ އޮތީ ނާދު އާ އެކު ތައްޔާރަށެވެ. ނަމަވެސް އަދި އޭނާ ވަކި ގޮތެއް ނުންނިމަ އެވެ.

"ބައެއް އެހެން ޓީމު ތަކުގެ ހުށަހެޅުންތައްވެސް އެބަހުރި، އެހެންވެ އަދި ވަކި ގޮތެއް ނުނިންމަން، ފަހަރެއްގައި ފުރަތަމަ ޑިވިޝަނުން އަލުން ފެނިދާނެ، އެކިގޮތްގޮތުން ވިސްނާފަ ވަކި ގޮތަކަށް ނިންމާނީ."