ދުނިޔެ

ސީރިޔާގައި މަރުވި ދިވެހި މީހާއަކީ ކޮމާންޑަރެއް

ސީރިޔާ ސަރުކާރުގެ ސިފައިންނާ ހަނގުރާ މަކުރަނިކޮށް މަރުވި ދިވެހި މީހާއަކީ އަލްގައިދާގެ ސީރިޔާ ގޮފީގެ އިސް ކޮމާންޑަރެއް ކަަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސީރިޔާ ސަރުކާރާ ގުޅިފައިވާ އަލް މަސްދަރު ނޫހުން ބުނީ ސީރިޔާއާ އިޒްރޭލާ ގުޅޭ ސަރަހައްދީ ރޮނގާ ކައިރީގައިވާ ބައިތު ޖިން ނަމަކަށް ކިޔާ ސަރަހައްދުގައި ކުރި ހަނގުރާމާގައި މަރައިލެވުނު "ސައުދު އަލް މާލްދީފީ" އަކީ އަލްގައިދާއާ ގުޅިފައިވާ "ހައިއާތު ތަހުރީރުއް ޝާމް" (އެޗްޓީއެސް) ގެ އިސް ކޮމާންޑަރެއް ކަމަށެވެ.

އަދި ބުނީ ބައިތު ޖިން ނަމަކަށް ކިޔާ ސަރަހައްދުގައި އޭނާގެ އިތުރުން އޭޝިއާގެ އެހެން ބައެއް ގައުމުތަކުން އައިސް ތިބި ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ސީރިޔާ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކަށް އިޒްރޭލުން މަދަދުކުރާ ކަމަށް ސަރުކާރުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުންް ހަނގުރާމަވެރިންނަށް ބޭސް ފަރުވާއާއި އެނޫން ތަކެތި ވެސް އިޒްރޭލުން ފޯރުކޮށްދޭ ކަމަށް ސީރިޔާ ސަރުކާރުން ތުހުމަތު ކުރެއެވެ.

ބޭރު ގައުމުތަކުގެ ހަނގުރާމަވެރިން ބައިތު ޖިންއަށް ވާސިލުވީ އުރުދުން މަގުން ކަމަށް ނުވަތަ އިޒްރޭލުމަގުން ކަމާމެދު ސީރިޔާ ސަރުކާރުން ވަނީ ސުވާލު އުފައްދާފަ އެވެ.

ސީރިޔާ ހަނގުރާމައަށް ހަ އަހަރު ވެފައި ވާއިރު އެ ހަނގުރާމައިގައި ބައި މިލިޔަނަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިޔަން ބައެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ. އަހުލީ ހަނގުރާމައެއްގެ ގޮތުގައި ފެށުނު އެ ހަނގުރާމައިގައި މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއް ވަނީ ޝާމިލުވެފަ އެވެ. އެގޮތުން އެހަނގުރާމައިފައި ސީދާ ގޮތުން ޝާމިލުވެފަައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާއައި ރަޝިޔާ އާއި ތުރުކީއާއި އީރާނު ހިމެނެއެވެ.