ބޮލީވުޑް

މިފަހަރު އުފަންދުވަހަށް ސަލްމާން ބްރޭކެއް ނުނަގާނެ

Dec 25, 2017

ސުޕަސްޓާ ސަލްމާން ޚާން ކޮންމެ އަހަރަކު ވެސް އޭނާ އުފަންދުވަސް އާއިލާ މެމްބަރުންނާއެކު ފާހަގަކުރުމަށް އެ ދުވަހަކަށް ފިލްމުތަކުގެ މަސައްކަތުން ބްރޭކް ނަގަ އެވެ.

ޑިސެމްބަރު 27 ވަނަ ދުވަހު 52 ވަނަ އުފަންދުވަސް ފާހަގަކުރާ ސަލްމާނަށް މި އަހަރު އުފަންދުވަސް ފާހަގަކުރަން ޗުއްޓީއެއް ނެގޭކަށް ނެތެވެ.

"ރޭސް 3" ގެ ޝޫޓިން ފެށުމާ ގުޅިގެން ސަލްމާނަށް އުފަންދުވަސް ފާހަގަކުރަން ޗުއްޓީއެއް ނެގެން ނެތްއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އޭނާ ބުރަކޮށް އުޅޭނީ ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް ނެގުމުގަ އެވެ.

އިއްޔެއިން ފެށިގެން ސަލްމާން އަންނަނީ މުމްބައިގެ ސްޓޫޑިއޯއެއްގައި އެ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ. މުހިންމު އެކްޝަން މަންޒަރުތަކެއް މި ޝެޑިއުލްގައި ނެގުމަށް ހަމަޖެހިފައިވާއިރު ޝޫޓިން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

އެހެން އަހަރުތަކުގައި އުފަންދުވަސް ފާހަގަކުރުމަށް ޗުއްޓީ ނަގައި އާއިލާ އާއެކު ކުލަގަދަ ޕާޓީ ބާއްވަ އެވެ. އާއިލާގެ ފާމްހައުސްގައި ކޮންމެ އަހަރަކު ބާއްވާ ބޮޑު ޕާޓީއަށް ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިން ވެސް ބައިވެރިވެ އެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ "ރޭސް 3" ގެ ލީޑްރޯލުން ސަލްމާން ފެނިގެންދާއިރު، އަނިލް ކަޕޫރު ފިޔަވައި އެ ފިލްމުގައި މުޅިން ވެސް ފެނިގެންދާނީ އެ ސިިލްސިލާގެ ފިލްމުތަކުގެ ފެނިގެން ގޮސްފައިނުވާ ތަރިންނެވެ.

ސަލްމާނާ އެކު ބަތަލާގެ ރޯލުން ޖެކުއަލީން ފާނެންޑޭޒް ފެނިގެންދާއިރު، މުހިންމު ރޯލުތަކުން ބޮބީ ޑިއޯލް އާއި ސާގިބް ސަލީމް އަދި ޑެއިޒީ ޝާހް ފެނިގެންދާނެ އެވެ.