ރާއްޖެ ކުޅިވަރު

ވޯލްޑްކަޕް ތަށި އަންނަ މަހު 24ގައި ރާއްޖެއަށް

Dec 25, 2017

ފީފާ ވޯލްޑްކަޕް ތަށި އަންނަ މަހު 24 ގައި ރާއްޖެ ގެންނަ ގޮތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ތާވަލު ކޮށްފި އެވެ.

ވޯލްޑްކަޕް ތަށި ޓްއާގެ ތާވަލުން ފެންނަ ގޮތުގައި، ރާއްޖެގައި ތަށި ހުންނާނީ އަންނަ މަހު 24-25 ގަ އެވެ. އަވަށްޓެރި ލަންކާގެ ކޮލަމްބޯއަށް ފަހު ދެން ތަށި ގެންނާނީ ރާއްޖެ އަށެވެ. މިއީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ޕްރޮމޯޓް ކުރުމުގެ ގޮތުން ކޮކާކޯލާ ކުންފުންޏާ ގުޅިގެން ފީފާއިން ހިންގާ ހަރަކާތެކެވެ.

ޓްއާ ރަސްމީކޮށް އެންމެ ފުރަތަމަ ފެށީ ރަޝިއާގެ ވެރިރަށް މޮސްކޯއިންނެވެ. މޮސްކޯއިން ޓްއާ ފެށީ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. އެއަށްފަހު މި މަހުގެ ނިޔަލަށް ރަޝިއާގެ 15 ސިޓީއަކަށް ގެންދާނެ އެވެ.

ފީފާ ވޯލްޑްކަޕް ޓްރޮފީގެ ޓްއާގެ ތާވަލު

ރަޝިއާއިން ބޭރުން، ވޯލްޑްކަޕް ތަށީގެ ޓްއާ ފުރަތަމަ ފަށާނީ އިނގިރޭސި ވިލާތުގެ ލަންޑަނުންނެވެ. ލަންޑަނަށް ވޯލްޑްކަޕް ތަށި ގެންދާނީ އަންނަ މަހު 22 ގަ އެވެ. މިފަހަރުގެ ޓްއާގައި ޓްރޮފީ 50 ގައުމަކަށް ގެންދާ ގޮތަށް ފިފާއިން ވަނީ ހަމަޖައްސާފަ އެވެ.

ވޯލްޑްކަޕް ޓްރޮފީގެ އަސްލު ތަށި އާންމުގޮތެއްގައި ހުންނަނީ، ސްވިޒަލޭންޑްގެ ޒިޔްރިކްގައި ހުންނަ، ފީފާ ދާރުލްއާސާރުގަ އެވެ.

ވޯލްޑްކަޕްގެ މިހާރު ބޭނުން ކުރާ ޓްރޮފީ ތާރަފު ކުރީ 1974 ވަނަ އަހަރު އެވެ. އޭގެކުރިން ބޭނުން ކުރަމުން އަންނަނީ އެހެން ބައްޓަމަކަށް ހަދާފައިވާ ޓްރޮފީ އެކެވެ. އެ ޓްރޮފީގެ ނަން ދީފައި ވަނީ، ފީފާގެ ކުރިގެ ރައީސް ޖޫލްސް ރިމެޓްއަށް ނިސްބަތްކޮށެވެ. "ޖޫލްސް ރިމެޓް ޓްރޮފީ" ގެ ނަމުގަ އެވެ. އެންމެ ފުރަތަމަ އެ ތައްޓަށް ކިޔުނު ނަމަކީ "ވިކްޓްރީ" އެވެ.