ކުޅިވަރު

ޓީސީއިން ސައްޓްގެ ސޮއި ހޯދައިފި

Dec 25, 2017

ނިމިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ށ. މިލަންދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު) ޓީސީއަށް ސޮއި ކޮށްފި އެވެ.

ޓީސީގެ ފޭސްބުކްގައި އެ ޓީމުން ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. ށ. މިލަންދޫ ޓީމުގައި ސައްޓު ކުޅުނީ މަދު ޕްރެކްޓިސްތަކާއެކު އެވެ. ނަމަވެސް ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް އޭނާ ތަފާތު ދައްކަ އެވެ.

ށ. މިލަންދޫއަށް ކޯޗް ކޮށްދިން، ކުރީގެ އެއްވަނަ ޑިފެންޑަރު މުހައްމަދު ނާސިރު ފާހަގަކުރާ ގޮތުގައި، ސައްޓު އަކީ މާގިނަ ޕްރެކްޓިސްތަކެއް ނެތިވެސް މެޗަށް ނެރެފިނަމަ ތަފާތު ދައްކާ ކުޅުންތެރިޔެކެވެ.

ޕްރިމިއާ ލީގްގައި ސައްޓުގެ އެންމެ ހާއްސަ މެޗަކަށް ވާނީ، މިލަންދޫގެ އެންމެފަހު މެޗުގައި ގދ. ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ސައްޓު ހެޓްރިކުން މިލަންދޫ މޮޅުވީ 3-2 ންނެވެ.

"ބައެއް ފަހަރު ސައްޓްއަށް މާލެ އާދެވެނީ މެޗަށް، އެ އަންނަ މެޗުތަކުގައިވެސް، އޭނާ ދަނޑަށް ނެރެފިއްޔާ އަބަދުވެސް އުންމީދު ކުރެވޭ ކޮންމެވެސް ޕޮޒެޓިވް ކަމެއް ވާނެ ކަމަށް، އަޅުގަނޑުމެންގެ ޓީމަށް ވެސް ވަރަށް ބޮޑު އިތުބާރަކަށްވޭ ސައްޓު ޓީމުގައި ހުރުމުން." ދިވެހި ޕްރިމިއާ ލީގް ތެރޭ މީޑިއާ ވާހަކަ ދައްކަމުން ނާސިރު ބުނެފައި ވެއެވެ.

މިދިޔަ މަހު ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި، ސައްޓުއަށް ގައުމީ ޓީމުން ފުރުސަތު ނުލިބުމުން ގިނަ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ.