ބޮލީވުޑް

ބަތަލާ އިލިއާނާ ސިއްރުން ކައިވެެނިކުރީތަ؟

Dec 26, 2017
1

ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީގެ ކައިވެނީގެ ވާހަކަތައް ނުހުއްޓެނީސް ބޮލީވުޑްގެ ކާމިޔާބު އެހެން ބަތަލާއެއް ސިއްރުން ކައިވެނިކޮށްގެން އުޅޭ ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ.

"ބަރްފީ" އިން ބޮލީވުޑަށް ނިކުތް ބަތަލާ އިލިއާނާ ޑިކްރޫޒް އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އޮސްޓްރޭލިޔާ އަށް ނިސްބަތްވާ ފޮޓޯގްރާފަރު އެންޑްރޫ ނީބޯންއާ ދެމީހުން ސިއްރުން ކައިވެނިކޮށްގެން އުޅޭ ކަމުގެ ވާހަކަތައް އިއްޔެއިން ފެށިގެން ދެކެވެމުން އަންނަނީ އިލިއާނާ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކާ ގުޅިގެންނެވެ.

ކްރިމަސް ފާހަގަކުރުމުގެ ތެރެއިން ނަގާފައިވާ އޭނާގެ ފޮޓޯއެއް ޝެއާ ކުރަމުން ކެޕްޝަންގައި ފޮޓޯ ކްރެޑިސްޓް އެންޑްރޫ އަށް ދީފައިވަނީ ފިރިމީހާގެ ގޮތުގަ އެވެ.

އިލިއާނާގެ އެ ޕޯސްޓާ އެކު އޭނާ ސިއްރުން ކައިވެނިކޮށްގެން އުޅޭ ކަމުގެ ވާހަކަދެކެވެން ވަނީ ފަށާފަ އެވެ. އެކަމާ ގުޅިގެން އިލިއާނާ އެއްވެސް ކޮމެންޓެއް ނުކުރާއިރު އޭނާގެ ފޭނުން އަންނަނީ ކައިވެނީގެ މަރުހަބާގެ މެސެޖުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވަމުންނެވެ.

އެންމެފަހުން "ބާދްޝާހޯ" އިން ފެނިގެންދިޔަ އިލިއާނާ ބޮލީވުޑަށް ނިކުތްއިރު ވެސް އޭނާ އާއި އެންޑްރޫ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށްވެ އެވެ. ނަމަވެސް އޭނާގެ މެނޭޖަރުގެ ލަފަޔަށް އެ ގުޅުން ސިއްރުކޮށްގެން ދުވަސްތަކެއް ވަންދެން އުޅުމަށްފަހު ޖެހިގެން އައި އަހަރުގެ ތެރޭގައި ވަނީ އެންޑްރޫ އާއެކު ބޮލީވުޑްގެ އެކި ހަފްލާތަކުގައި ބައިވެރިވެފަ އެވެ.

އަދި އޭގެފަހުން އެދެމީހުން އަންނަނީ ސޯޝަލް މީޑިއާގައި ވެސް އެކުގައި ނަގާފައިވާ ފޮޓޯތަކާއި ލޯބީގެ މެސެޖުތައް އެކަކު އަނެކަކަށް ހިއްސާކުރަމުންނެވެ.

ބޮލީވުޑަށް ނިކުތުމުގެ ކުރިން އިލިއާނާ ވަނީ ހަ އަހަރު ވަންދެން ތެލުގު ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކޮށްފަ އެވެ.

މިއަހަރު ބޮލީވުޑްގެ އެންމެ ބޮޑު ކައިވެނީގެ ގޮތުގައި ސިފަކުރާ ބަތަލާ އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ވާހަކަތައް ހުއްޓުމެއްނެތި ދެކެވެމުން ދަނިކޮށް މީޑިއާތަކަށް ވަރަށް ސިއްރުން ވަނީ މި މަހުގެ 11 ވަނަ ދުވަހު އިޓަލީގެ ޓަސްކަނީގައި ކައިވެނިކޮށްފަ އެވެ. ކައިވެނިކުރިކަން އެ ދެތަރިން ހާމަކުރީ ކުރި ޓްވީޓެއްގަ އެވެ.

އިލިއާނާ އާއި އެންޑްރޫ މިހާރު ކައިވެނިކޮށްގެން އުޅޭނަމަ އޭނާ އަކީ ސިއްރުން ކައިވެނިކުރި ބަތަލާއިންގެ ލިސްޓަށް އިތުރިވި ނަމެކެވެ.