ކުޅިވަރު

ތިންވަނަ ޑިވިޝަން "ގުއިދަރި" އަށްވުރެ ސީރިއަސް

Dec 26, 2017

ކުރީގެ މުސްކުޅި ބަހެއްގައި "ގުއިދަރި" ބޭނުން ކުރެވެނީ، އާއިލާގައި ހުންނަ އެންމެ އަޅާލުން ކުޑަ ނުވަތަ އެންމެ އަަޅާ ނުލެވޭ ދަރިއަށް ނިސްބަތް ކޮށެވެ. ދޫކޮށްލެވެން ނެތަތީވެ ގެންގުޅެނީ އެވެ. ރާއްޖޭގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތައް ވެސް ވަނީ އެކަހަލަ ގޮތެކޭ ހިތައް އެރަ އެވެ.

ބާއްވަން ޖެހޭތީ ބާއްވަނީ އެވެ. ނަމަވެސް މިއީ އަޅާ ނުލާ ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް މުބާރާތެކެވެ. ރަނގަޅު އިންތިޒާމުތަކާއެކު ބާއްވައިފިނަމަ، ފުޓްބޯޅައިގައި "ކްރީމް ޕްރޮޑެކްޓެއް" ނެރެވިދާނެ މުބާރާތެކެވެ. މުބާރަތަށް ތައްޔާރު ވުމަށް، ފަރިތަ ކުރުންތައް ކުރިއަށް ގެންދަނީ 10 ވަރަކަށް ޓީމު ކަމަށް ވެދާނެ އެވެ. އެހެން ޓީމުތައް މުބާރާތުގައި ވާދަ ކުރަނީ އެންޖޯއިމެންޓަށް ކުރާ ކަމެއްގެ ގޮތުގައި ވެދާނެ އެވެ. އެހެންނަމަވެސް، މި މުބާރާތުން ފާހަގަ ކުރެވުނު ބައެއް ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަންގައި ވެސް އެވްރެޖް ފެންވަރެއްގައި ކުޅެވޭނެ ކުޅުންތެރިންތަކެކެވެ.

"އެންމެ މަތީފެންވަރުގެ މޮޅު ކުޅުންތެރިޔެއް މި ޑިވިޝަނުން ނުފެނިދާނެ، ނަމަވެސް މިފަހަރު މުބާރާތުގައިވެސް ކުޅުނު މިއަހަރު ސްކޫލް ނިންމާފައި އައި ކުޅުންތެރިން، އެ ކުޅުންތެރިން ރިކްއެސްޓް ކުރީވެސް މި މުބާރާތުން ތިމަންނަމެންނަށް ފުރުސަތު ދީފިޔާ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ކުޅެން ފުރުސަތެއް ލިބިދާނެޔޭ، އެހެންވެ އެ ކުޅުންތެރިންގެ ފެންވަރު ދައްކާލަން ބޭނުންވެގެން މި މުބާރާތުގައި ވާދަ ކުރީ ވެސް،" މުބާރާތުގެ ފައިނަލުގައި ކުޅުނު ސީލައިފްގެ ކޯޗް އިސްމާއީލް އާސިފް (ކުޑަހީނާ) ބުންޏެވެ.

މިފަހަރުގެ މުބާރާތުގެ ޓީމުތައް ގިނަވުމުން މުބާރާތް ކުރިއަށް ގެންދިޔައީ 10 ގުރޫޕަށް ބަހާލައިގެނެވެ. އޭގެ ސަބަބުން މުބާރާތުގެ ކޮލިޓީ ދަށްވި އެވެ. މިކަމަށް ހައްލެއް ހޯދުމަށް ހަތަރު ވަނަ ޑިވިޝަނެއް ތާރަފު ކުރެވިދާނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޑިވިޝަންތައް ހަތަރެއް ފަހެއް ވެސް ހިމެނެއެވެ. ލީގް ސިސްޓަމްުގައި އެންމެ ކުރިއަރާފައިވާ މަޝްހޫރު އިންގްލެންޑްގައި ވެސް ހަ ޑިވީޝަނެއް އޮވެއެވެ. ހަ ވަނަ ޑިވިޝަން ގައި އިތުރު ލެވަލްތައް ނުވަތަ ޒޯންތައް ވެސް ހިމެނެއެވެ. އަދި ސަރަހައްދީ ޑިވިޝަންތަކެއް ވެސް އެބަހުއްޓެވެ.

ރާއްޖޭގެ ޑިވިޝަންތަކުގައި ވެސް ސަރަހައްދީ ޑިވިޝަންތައް ހިމަނައިފިނަމަ މައި ޑިވިޝަންތަކުގެ ފެންވަރު ރަނގަޅު ކުރެވިދާނެ އެވެ. މައި ޑިވިޝަނަށް އަންނާނީ ކޮންމެ ޑިވިޝަނަކުން ވެސް ގަދަ ފަސް ޓީމެވެ. މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވެސް އަތޮޅު ތެރެއަށް ނިސްބަތްވާ ބައެއް ޓީމުތައް ވާދަ ކުރި އެވެ. ސަރަހައްދީ ޑިވިޝަންތައް ބަހާލައި އެ ޓީމުތަކަށް ވެސް، އެ ސަރަހައްދެއްގައި ވާދަ ކުރާގޮތް ހެދިއްޖެނަމަ، ރަށުގައި ތިބެގެން ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ސަރަހައްދުތަކުގެ ޓީމުތަކުގެ މެދުގައި ކުޅޭނަމަ މާ ބޮޑަށް ވާދަވެރިވެ ފޯރި ގަދަ ވެސް ވާނެ އެވެ.

އޮކްޓޫބަރު މަސްތެރޭ ނޫސްވެރިންނާއެކު، ނުރަސްމީކޮށް ބޭއްވި ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވަނީ، އޭނާގެ ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައި، ސަރަހައްދީ ޑިވިޝަންތައް ކުރިއަށް ގެންދެވިދާނެ ގޮތުގެ އޭނާގެ އަމިއްލަ ހިޔާލެއް ހިއްސާކޮށްފަ އެވެ.

އެފްއޭއެމްގައި ދެން އޮންނަ ކޮންގްރެސްއެއްގައި އަތޮޅުތެރޭ ޓީމުތަކަށް، ކޮންގްރެސްގައި ބަސް ކިޔައި ވޯޓް ދިނުމުގެ ފުރުސަތު ލިބެ އެވެ. އެ ފުރުސަތު ވެސް އޮތުމާއެކު މިހާރުން ފެށިގެން އަތޮޅު ތެރޭގެ ޓީމުތަކަށް އެސަހައްދުގައި ތިބެގެން، ރާއްޖޭގެ ރަސްމީ ޑިވިޝަންތަކުގައި، ފުރުސަތު ތަނަވަސް ވާނެ ގޮތަކަށް އިންތިޒާމު ކުރުމަކީ މުހިންމު ކަމެކެވެ.

ފޮޓޯ: އެފްއޭއެމް