ޔޫއެން

އދ. ގެ ބަޖެޓް ކުޑަކޮށް އެމެރިކާއިން ދޭ އެހީ މަދުކުރަނީ

އދ. އިން 2018 އަދި 2019 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުން 285 މިލިޔަން ޑޮލަރު މަދު ކުރަން އެއްބަސްވެއްޖެ އެވެ.

އދ. އިން ކުރިއަށް އޮތް ދެ އަހަރަށް ކަނޑައެޅި 5.396 ބިލިޔަން ޑޮލަރުގެ ބަޖެޓުން އެ މިންވަރު މަދުކުރަން ގައުމުތަކުން އެއްބަސްވީ އެމެރިކާއިން އެގޮތަށް ހުށަހަޅައިގެން ކަމަށް އެ ގައުުމުން ބުންޏެވެ. އެ މިންވަރު މަދު ކުރާނެކަން އިއުލާނު ކުރީވެސް އދ. އަށް އެމެރިކާއިން ކަނޑައަޅާފައިވާ މިޝަނުންނެވެ.

އދ.ގައި އިންނަވާ އެމެރިކާގެ ސަފީރު ނިކި ހާލޭ ވިދާޅުވީ ބޭކާރު ގޮތުގައި ފައިސާ ހަރަދުކުރުމުގެ ކަންތައް އދ.ގައި އޮތް މިންވަރަކީ އެންމެނަށް އިނގޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާ ރައްޔިތުންގެ ދީލަތިކަމުގެ ފައިދާ ނުނެނޭގެ ކަމަށެވެ.

އދ.ގެ ބަޖެޓާއި މެދު ކުރި މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށް ވެސް ނިކިހާލޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ އދ. ގެ ގާބިލުކަން އިތުރުކުރުމަށް އެމެރިކާއިން އިތުރު މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ.

އދ.ގެ ބަޖެޓުން 285 މިލިޔަން ޑޮލަރު މަދު ކުރުމުން އެޖަމާއަތަށް އެމެރިކާއިން ދޭ ފައިސާގެ ތެރެއިން މަދުވާނީ ކިހާވަރެއްކަން އެމެރިކާ ސަފީރު ސާފުކޮށް ވިދާޅެއް ނުވެއެވެ.

އދ. އަށް އެމެރިކާއިން ކުރާ ހޭދަ ކުޑަކުރާނެކަމުގެ އިޝާރާތްތައް އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމާ އެކުގައި ވަނީ ކުރައްވަން ފައްޓަވާފައެވެ. ނަމަވެސް އެވާހަކައިގެ އަޑު މިހާރު ވަކިން ގަދަވެގެން އުޅެނީ އެމެރިކާއާ ދެކޮޅަށް ގަރާރެއް ފާސްކުރީމައެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައި ގަތުމުން ބައެއް ގައުމުތަކުން އެކަމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅިއެވެ. އެ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން އެމެރިކާ ފިޔަވާ ހުރިހާ ގައުމަކުން ވެސް އެގަރާރަށް ތާއީދު ކުރިއެވެ. ނަމަވެސް އެމެރިކާއިން ވީޓޯކޮށް އެ ގަރާރު ވަނީ ބޭކާރުކޮށްލާފައެވެ. އެ މައްސަލައިގައި ދެން ގަރާރެއް ހުށަހެޅީ އދ.ގެ އާއްމު މަޖިލީހަށެވެ. އެގަރާރަށް ވޯޓަށް އެހުމުގެ ކުރިން އެމެރިކާއިން އިންޒާރު ކުރީ އެމެރިކާއާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށްދޭ އެހީ ކަނޑައިިލާނެ ކަމަށެވެ.