ދުނިޔެ

ޗައިނާއިން ލަންކާއަށް 292 މިލިޔަން ޑޮލަރު ދީފި

ސްރީލަންކާގައިވާ ސްޓްރެޓެޖިކް ގޮތުން މުހިއްމު ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް ވީ އެއްބަސްވުމުގެ ދަށުން އެކުންފުނިން ދޭން ޖެހޭ 292 މިލިޔަން ޑޮލަރު ޗައިނާއިން ލަންކާއަށް ދީފިއެވެ،

ލަންކާގެ ސެންޓްރަލް ބޭންކާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންސް އިން ދިން ފައިސާ ލަންކާ ސަރުކާރުގެ ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކަމާ ބެހޭ އިތުރު ތަފުސީލެއް ލަންކާ ސެންޓްރަލް ބޭންކަކުން ނުދެއެވެ.

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ސޮއިކުރީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. އެކަމާ އެންމެ ބޮޑަށް ކަންބޮޑުވީ އެއް ގައުމަކީ އިންޑިއާ އެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް (ސީއެމްޕޯޓްސް) އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެ އެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެ ކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މައިގަނޑު ހިއްސާ، 70 ޕަސެންޓް އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެ ކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ.