ދުނިޔެ

10 ގައުމެއްގެ އެމްބަސީ ގުދުސަށް ބަދަލުކުރަން އިޒްރޭލުން ބާރު އަޅަނީ

ގުދުސުއް ޝަރީފަށް 10 ގައުމެއްގެ އެމްބަސީ ބަދަލުކުރަން ވާހަކަ ދައްކަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރުގެ ނައިބު ޒިއްޕީ ހޮޓޮވިލީ ވިދާޅުވީ އެމްބަސީ ބަދަލުކުރަން އިޒްރޭލުން ސީދާ ގޮތެއްގައި ވާހަކަ ދައްކަމުން އަންނަނީ އެކަން އެގޮތަށް ކޮށްފާނެ ފަދަ 10 ގައުމަކާ އެކު ކަމަށެވެ.

އިޒްރޭލު ސަރުކާރުން ހިންގާ ރޭޑިއޯ އެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންނި ނިންމަކީ ފެށުމެއް ކަމަށެވެ. އަދި އެކަމަށް ގިނަ ގައުމުތަކަކުން ތަބާވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އިޒްރޭލުން އެކަމުގައި ވާހަކަަ ދައްކަނީ ކޮން ގައުމުތަކަކާ ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ގިނަ ގައުމުތަކެއްގެ އެމްބަސީ ގުދުސަށް ބަދަލުކުރާނެ ކަމަށް އިޒްރޭލުން ބުނެފައި މިވަނީ މެދުތެރޭ އެމެރިކާގެ ފަގީރު ގައުމެއް ކަމަަށްވާ ގުއާޓެމާލާގެ އެމްބަސީ ބަދަލުކުރާނެކަންް އެގައުމުން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އެމެރިކާއިން ނިންމި ނިންމުމަށް ތަބާވި ގުއާޓެމާލާއަކީ އެމެރިކާގެ އެހީއަށް ވަރަށް ބޮޑަށް ބަރޯސާ ކުރާ ގައުމެކެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަނެ، އެރަށަށް އެމްބަސީ ބަދަލުކުރަން އެމެރިކާއިން ނިންމުމުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެފަދަ ކޮންމެ ނިންމުމެއް ވާނީ ބާތިލު ނިންމުމަކަށް ކަމަށް ބުނެ އދ.ގެ އާއްމު މަޖިލީހުން މިހާރު ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ. އެ މައްސަލައިގައި އދ. ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސް ނުކުރެވުނީ އެމެރިކާއިން ވީޓޯ ކުރުމުންނެވެ.