ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގައި ދެން ވާދަ ކުރެވޭނީ ރަޖިސްޓާޑް ޓިމުތަކަށް

Dec 27, 2017

އަންނަ އަހަރުން ފެށިގެން މިނިވަން ޗެމްޕިއަންޝިޕްގައި ވާދަ ކުރެވޭނީ، ސްޕޯޓްސް ކޮމިޝަންގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކަށް ކަމަށް އެފްއޭއެމުން އިއުލާންކޮށްފި އެވެ.

މުބާރާތުގެ ތާރީހް އިއުލާން ކުރުމަށް، މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރަޖިސްޓްރީ ކޮށްފައިވާ ރަށްރަށުގެ ޓީމުތަކުން އެފްއޭއެމް އަށް، މުބާރާތުގައި ބައިވެރި ވުމަށް އެދި ލިޔުމުން ހުށަހަޅަން އެދޭ ކަމަށެވެ. އަންނަ އަހަރު މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރި ވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހު 31 ވަނަ ދުވަހު އެވެ. މުބާރާތުގެ އަތޮޅު ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަތޮޅެއްގައިވެސް، މުބާރާތް ހޯސްޓް ކުރާ ރަށެއްގައެވެ. ދެ ޓީމު ބައިވެރިވާނަމަ، ހޯމް އެންޑް އަވޭސް އުސޫލުންނެވެ. ޒޯން ބުރުވެސް ކުޅުމަށް ހަމަޖެހިފައި އެ ޒޯންގައި ހިމެނޭ ރަށްރަށުގެ ތެރެއިން ރަށެއްގަ އެވެ. އަތޮޅު ބުރު ހޯސްޓް ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދުމުގެ ފުރުސަތުވެސް އެފްްއޭއެމުން ވަނީ ހުޅުވާލާފަ އެވެ.

  • މިނިވަން ޗެމްޕިއަންޝިޕް ފަށާނީ ފެބްރުއަރީ 27 ގައި
  • މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ގަޑީ: ޖަނަވަރީ 31 ވަނަ ދުވަހު 15:00ގެ ކުރިން
  • ހޯސްޓް ކުރަން ބޭނުންވާ ރަށްރަށުން ޕްރަޕޯސަލް ހުށަހެޅުމުގެ ފަހު ތާރީހަކީވެސް މިއެވެ.

ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ، މުބާރާތުގެ ސެމީ ފައިނަލަށް ދާ ހަތަރު ޓީމަށެވެ. ރަޖިސްޓްރީ ކޮށްފައިވާ ޓީމުތައް މުބާރާތުގައި ބައިވެރިވާ އުސޫލު އޮތުމުން، އަތޮޅު ތެރޭގެ ޓީމެއް ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދިމުން، އޭއެފްސީ ކަޕަށް ދިއުމުގެ ހުރަހެއް އެ ޓީމަކަށް ކުރިމަތި ނުވާނެ އެވެ. މިއީ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ޓީމުތައް، މިނިވަން ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.

އަވަސް އަށް ދިން އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލިލް ވަނީ ރަށްރަށަށް ނިސްބަތްވާ ޓީމުތައް، ރަޖިސްޓްރީ ކޮށްގެން ކުރިއަށް ގެންދިއުމުން، އެ ޓީމުތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އޭރުން [ކޮމިޝަން އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމުން] ރަށްރަށު ޓީމުތަކުގައިވެސް އޮންނާނީ އިންތީހާބީ ބޮޑީ އެއް، މި ބަދަލާއެކީގައި އަތޮޅުތެރޭގެ ޓީމުތައް މިހާރަށްވުރެ ވަރުގަދަޔަށް ފުޓްބޯޅައިން ފެނިގެންދާނެ، އަދި އެކަމަށް ޝައުގުވެރިވާ ބަޔަކު އެ ޓީމެއްގެ އެކްސްކޯއަށް ކުރިމަތިލައި އެ ޓީމަށް ރަނގަޅު ގޮތްތައް ހޯދުމަށް ކުރާ މަސައްކަތް ފެނިގެންދާނެ." ބައްސާމް ވިދާޅުވި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ. ދ. ކުޑަހުވަދޫ އެވެ. މުބާރާތުގެ އެންމެ ފުރަތަމަ ޗެމްޕިއަނަކީ، ސ. ފޭދޫ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށީ ޓީމެވެ.