ވާހަކަ

މިންނުގެ ޑައިރީ

(26 ޑިސެމްބަރ 2017 އާ ގުޅޭ)
"ނޫން! އަދި މިއުޅެނީ ޔާންއަށް ނުގުޅިގެން، އޭނަގެ ޚަބަރެއް ވެސް ނުވޭ" ޒޭން އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

"ދަރިފުޅު ޔާނާއަށް ގުޅާލައްޗޭ. މި ހުރިހާ ކަމެއް އެނގުނީމަ ޔާނާގެ ޚިޔާލު ހުރި ގޮތެއް ނޭގޭ. ރޭގައި ނުކުމެގެން ދިޔައިރު ހީވަނީ ހާސްވެ ކަންބޮޑުވެފައި ހުރިހެން. މިވަގުތު ޔާނާ ވެސް ހުންނާނީ ދެންކަންތައް ކުރަންވީ ގޮތެއް ނޭގިފައިހެން ބައްޕައަށް ހީވަނީ... ޒޭން! މިތާ އިށީނދެބަލަ" ކޮޅަށް ހުރި ޒޭނަށް ގޮވާލާފައި އެނދުކައިރީ ހުރި ގޮނޑިއަށް ހައިކަލް ބޮލުން އިޝާރާތްކޮށްލިއެވެ.

"ކިހިނެއްވީ ބައްޕާ" ގޮނޑީގައި އިށީނދެ އެނދާ ކައިރިއަށް ގޮނޑި ދަމާލަމުން ޒޭން ވާހަކަދެއްކިއެވެ.

"ދަރިފުޅު ގާތު ވާހަކައެއް އަހާލަންވެގެން" ހައިކަލްގެ މޫނުމަތިން ކުއްލިއަކަށް ސީރިއަސްކަން ފެނިގެންދިޔައެވެ.

"ޔެސް ބައްޕާ؟ އަވަހަށް އަހާ" ޒޭން މިހެން ބުނުމާއެކު ހައިކަލް އުނދަގުލާއެކު މަޑުމަޑުން އޭނާގެ ވައަތް އުފުލާލާ ޒޭންގެ ކޮނޑުގައި ބާއްވާލިއެވެ.

"ޔާނާއާއި ޒޭން ހަޤީޤަތުގަ ވެސް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ؟ ދަރިފުޅު ޔާނާއާ ސަމާސާއެއް ނުކުރައްޗޭ. އެނގޭ ދަރިފުޅު ބޮޑުވީ އެފަދަ ހައްދުތަކެއް ނެތް ސަޤާފަތެއްގެ ތެރޭގައި ހުރެގެންކަން. އަންހެނުންނާއި ފިރިހެނުން ގައިގޯޅިވުމަކީ އެ ތަންތަނުގައި އެއްވެސް މައްސަލައެއްނޫންކަން. ޒޭން! ބައްޕައަށް ހެދުނު ފަދަ ގޯހެއް ދަރިފުޅު ނުހައްދައްޗޭ! މަންމަ ކުރި ފަދަ ހިތާމައެއް އަންހެންކުއްޖަކު ކުރާން ނުޖައްސާތި"

"ބައްޕާ! އަޅުގަނޑަށް އެނގެޔޭ މީ ލަންޑަނެއްނޫންކަން. ޔާނާ! ޝީ އިޒް ޑިފަރެންޓް... އައި އޭމް އިން ލިވް. އަޅުގަނޑު ޔާނާދެކެ ލޯބިވޭ. އެކަހަލަ ގޯސްކަމެއް ނުކުރާނަން. ބައްޕަ ހާސްނުވޭ. ޔާންއަށް އަޅުގަނޑު އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރަން. ޔާން ބޭނުންވާނަމަ އަޅުގަނޑު ގަޞްދުކުރަން މިހާރު އޮތް ގުޅުން ކައިވެންޏަކާ ހަމައަށް ގެންދަން. ޔާނާ ވެސް އަޅުގަނޑުދެކެ ލޯބިވާކަން އެނގޭ" ހައިކަލްގެ ވާހަކަތައް މެދުކަނޑާލާފައި ޒޭން ވާހަކަދެއްކީއެވެ. އޭނާގެ ވާހަކަތަކުން ހައިކަލްއަށް އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ދަރިފުޅުގެ ނިޔަތް ރަނގަޅުކަން އެނގުމުން އޭނާ އުފާވިއެވެ.

"ހިތަށް އަރަނީ އަޒާނަށް ހުރިހާ ކަމެއް އެނގުނީމާ ދެން ވާނީ ކިހިނެއްބާއޭ" ހައިކަލް ދޫކޮށްލި ފުންނޭވާއާއެކު އޭނާއަށް ލިބިފައިވާ ނުތަނަވަސްކަން ޒޭނަށް ނަގައިގަންނަން އުނދަގުލެއްނުވިއެވެ.

"ބައްޕަ ހުރިހާ ކަމަކާ ފިކުރުކުރާކަށް މިވަގުތު ސިއްޙަތު ތަނެއް ނުދޭ. ސޯ ޕްލީޒް! ސްޓޮޕް ވޮރީއިން. އަޅުގަނޑު ޔާން ބައްޕަގެ ރުހުމާއި އިތުބާރު ހޯދާނަން. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދެންވާނީ ރަނގަޅަށޭ ހީކުރޭ" ޒޭން ބުންޏެވެ.

ހައިކަލް އޮތް ކޮޓަރިއަށް ހުސްނާއާއި ޖަމީލު އައިސް ވަނީ ދެބަފައިން ވާހަކައިގައި ތިއްބައެވެ. އެ މީހުންނަށް ހައިކަލް ފެނުމާއެކު މޫނުމަތީގައިވާ ހިނިތުންވުން އެތަށްގުނައަކަށް އިތުރުވެގެންދިޔައެވެ. ހުސްނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. އޭނަގެ ދުޢާ އިޖާބަށްކުރެއްވީތީ ހަމްދުއެޅިއެވެ. ހުސްނާގެ ހަޔާތުގައި ހައިކަލް ފަދަ މާތް އިންސާނެއް ފެނިފައި ނުވެއެވެ. މިލްނާއަކީ ހައިކަލްއަށް އެންމެ އެކަށީގެންވާ އަންހެނާކަން ހުސްނާ އަބަދުވެސް ޤަބޫލުކުރެއެވެ. އެ ދެމީހުންގެ ހިޔަލުގައި ހުސްނާގެ ހަޔާތް އާބާދުވުމަށް އެހީތެރިވިއެވެ. ރޯވާނެކަމުގެ އުއްމީދު ގެއްލިފައިވާ ކުރި މިއަދު ވަނީ ހެދި ބޮޑުވެ ގަހަކަށްވެފައެވެ. ހައިކަލްއާއި މިންނުއާ ދެމެދުގައި ކަޅިއަނދިރި ސަފުހާތަކެއްވާކަން ހުސްނާ ނުދެނަ ހުއްޓެވެ. އޭނާގެ ނަޒަރުގައި ހައިކަލްއާއި މިލްނާއަކީ އެންމެ ގުޅޭ ޖޯޑެވެ.

"ޖަމީލު! ހުސްނާ!... އަހަންނަށް މާފުކުރޭ، އަހަރެން ތި ދެމީހުންނަށް ވީ ވަޢުދު ފުއްދާދިނުމުގައި މިހާ ގިނަދުވަސްނެގީތީ" ހައިކަލް ބުނެލިއެވެ. ޒޭންއަށް ހައިކަލްގެ ޖުމްލަތައް އިވިފައި ހައިރާންކަން ލިބުނެއެވެ. އޭނާ ހުސްނާއާއި ޖަމީލުގެ އިތުރުން ހައިކަލްއަށް ބަލާލިއެވެ.

"އަދިވެސް އަޅުގަނޑަށް ނޭގޭ ކަމެއް އޮތީތަ ބައްޕާ؟" ޒޭންއަށް އަހާލެވުނެވެ.

"ދަރިފުޅާ! ޖަމީލު ވަނީ ހުސްނާގެ ކައިވެންޏަށް އެދިފައި، ހުސްނާ ވެސް ރުހި ޤަބޫލުވީތީ އެކަން ކޮއްދޭނަން ކަމުގައި ބައްޕަ ބުނިން.... ހުސްނާގެ ޢާއިލާގެ ރުހުން ވެސް ހޯދިން، ހަމައެކަނި ނުކުރެވުނު ކަމަކީ އެ ދެމީހުން ކައިވެންޏެއްގެ ގޮށްޖަހާނުދެވި އޮތްކަން" ހައިކަލް ބުނެލިއެވެ.

ޒޭންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ބޮލުގައި އަތްހާކާލެވުނީ ވާހަކައިގެ ބާވަތުންނެވެ. މަންމައެއްގެ ދަރިޖައިގައި ދުށް ހުސްނާއަށް ބަލާލީ ކަތިނަޒަރަކުންނެވެ. ސީދާ ސީދާ ބަލާލަން ނުކެރުނީތީއެވެ. ހުސްނާގެ ކައިވެނީގެ ވާހަކަކަން އެނގުނީމާ އެކަމަށް ބަހެއް ބުނުން ލަދުވެތި ކަމަކަށް ޒޭނަށްވީއެވެ. ޒޭނަށް ވީގޮތް ފެނި ހައިކަލް ހޭންފެށިއެވެ. ހައިކަލްގެ ހުނުމުގެ އަޑުއިވުމާއިއެކު ޒޭނަށް ވަރަށް ފުންއަސަރުތަކެއްކުރިއެވެ. އޭނާގެ ބައްޕަ އެފަދަ އުފާވެރި ގޮތަކަށް ހީނލި އަޑު އެ އިވުނީ އެތައް އަހަރުތަކަކަށް ފަހުއެވެ. އެކަމަށް ޒޭން އެދިއެދި ހުއްޓައެވެ. ހައިކަލްއަށް ބަލާލުމާއެކު ޒޭން ހިނިތުންވެލިއެވެ.

ޑޮކްޓަރު އައިސް ހައިކަލްގެ ހާލު ބެލުމަށްފަހު ގުޅާފައިވާ އައިވީ ނައްޓާލިއެވެ. ނަމަވެސް ގެއަށް ފޮނުވާލެވޭނީ އެއްދުވަސް ފަހުންކަމުގައި ބުންޏެވެ. ހައިކަލް ބަލަން އައިސް ހުރީ ޒޭންއާ ކުރީން ވާހަކަދެއްކި ޑަކްޓަރެއް ނޫނެވެ. ދެ ޑަކްޓަރުންގެ ޚިޔާލު ތަފާތުވީތީ އެކަމާ ގަޔާނުވިއެއްކަމަކު ޑަކްޓަރުގެ ނިންމުމަށް ޒޭން އިހްތިރާމް ކުރިއެވެ.

"އަޅުގަނޑު އަންނާނަން ގެއަށް ގޮސް ބައްޕައަށް ހެދުމަކާ އެއްޗެހި ހިފައިގެން" ޑަކްޓަރު ނުކުމެގެން ދިއުމުން ޒޭން ބުނެލިއެވެ.

"ބައްޕަ ވެސް ބޭނުން ފެންވަރާލައި ހެދުން ބަދަލުކޮށްލަން. ބޮޑަށް ބޭނުންވަނީ ގެއަށް ދާން" ހައިކަލްގެ ޚިޔާލު ފާޅުކުރިއެވެ.

"މާދަމާ ދޫކޮށްލާނެއޭ ޑަކްޓަރު ބުނެފައެއްނު އެ ދިޔައީ" ހުސްނާ ބުނެލިއެވެ.

"ހުސްނައްތާ! އަޅުގަނޑު ގެއަށް ގޮސްފައި އަންނަންދެން ޖަމީލުބެއާ ދެ މީހުން މަޑުކޮށްލާ" ޒޭން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ހުސްނާ ގޮވާލިއެވެ.

"ދައްތަ ވެސް ދާނަން. ޖަމީލު މަޑުކޮށްލަފާނެ ހައިކަލްގެ ގާތުގައި. ކާން ހުއްދަދިނީމާ މިއަދު ވާނެ ރަނގަޅު އެއްޗެއް ކާން. މެންދުރު ކާއެއްޗެހި ތައްޔާރުކޮށްގެން އަންނާނީ" ހުސްނާ ބޭނުންވާ ގޮތް ހާމަކުރިއެވެ. ޒޭނަށް އެގޮތް ވެސް ކަމުދިޔައެވެ. ހައިކަލްގެ ގާތުގައި ޖަމީލު ބައިންދާފައި ހުސްނާ ގޮވައިގެން ޒޭން ހިނގައިގަތީ ހޮސްޕިޓަލުން ނުކުންނާށެވެ.

ގެއަށް އާދެވުމާއެކު ހެނދުނު ސައިނުބޮއެ ހުރީތީ ޒޭނަށް ކާއެއްޗެއް ދިނުމަށް ހުސްނާ އަވަސްވެގަތެވެ. ސައިބޮއެގެން ޒޭން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. މެންދުރު ކާންތައްޔާރު ކުރެވުނީމާ ޒޭނަށް ގޮވާނަން ކަމަށް ހުސްނާ ބުންޏެވެ. އެނދުގެ ހުރަހަށް ޒޭން އޮށޯވެލުމާއެކު ފޯނު ނަގާ ޔާނާގެ ނަންބަރަށް ގުޅާލިއެވެ. ޔާނާގެ އަޑު އިވިގެން ދިޔައީ ހީކުރި ވަރަށްވުރެ އަވަހަށެވެ. ހީވީ ޒޭން ގުޅާނޭކަން އެނގޭތީ އެ ކޯލުގެ އިންތިޒާރުގައި އޭނާ އިންހެނެވެ.

"ޔާން! ކީއްކުރަނީ؟ ކީއްވެތަ ގެއަށް ދަމުން ރޭގައި އަންގާނުލީ. ފަހުން ގުޅާނެކަމަށް އަހަރެން ހީކުރީ" ޒޭން ވަގުތުން ވާހަކަދައްކަންފެށިއެވެ.

"ޒޭންއަށް ބައްޕައާއިއެކު ވަގުތުކޮޅެއް ދޭންވެގެން އަންގާނުލާ ދިޔައީ" ޔާނާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އޭނައަށް ކޮންމެވެސް ކަމެއް އުނދަގޫކުރާކަމުގެ އިހްސާސް ޒޭންއަށް ވީ ކީއްވެކަމެއްނޭގެއެވެ.

"ނިދުމުގެ ކުރީން ގުޅާލިނަމަ. ކީއްވެތަ ނުގުޅީ؟" ޒޭން އަހާލިއެވެ.

އަހަރެން ހީކުރީ ޒޭން ގުޅާނެކަމަށް، އެހެންނޫނަސް އަހަންނަކީ އަޒާންގެ ދަރިފުޅުކަން އެނގުމުން....ހީ...ހީކުރެވުނީ..." ޔާނާ އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ.

"ޔާންއަކީ އަޒާންގެ ދަރިއަކަށް ވީ ފަދައިން އަހަންނަކީ ހައިކަލް އާއި މިންނުގެ ދަރިއެއް، އެއީ އެކަކަށް ވެސް އޮޅުވާލެވޭނެކަމެއްނޫން، ޔާންގެ ބައްޕައަކީ އަޒާންކަން އެނގުނަސް އަހަރެން ޔާންއާ ދޭތެރޭ ދެކޭގޮތެއް ބަދަލެއްނުވޭ، ހިނގިކަމެއް ހިނގާފައި އެ ވަނީ މާޒީގައި. އަހަރެންގެ ޢަމަލުތަކަކީ އަހަރެންގެ އަމިއްލަ އިހުތިޔާރު އެކަމުގައިވާ ކަންކަން. ޔާން ނުރުހޭ ކަމެއް އަހަރެން ނުކުރާނަން. އައި ރިއަލީ ލައިކް ޔޫ އަލޮޓް... އަހަރެން ބޭނުމެއްނޫން އެއްވެސް ކަމަކުން އަހަރެމެންގެ ގުޅުމަށް ހުރަސްއެޅޭކަށް. އައި ލަވް ޔޫ. ޔާން ލޯބިވޭތަ އަހަރެންދެކެ" ޒޭން ބުންޏެވެ. ޒޭންގެ ދުލުން ސީދާ ލޯބިވާކަން ހާމަކުރުމުން ޔާނާ ހުރީ ބަސްހުއްޓިފައެވެ. އަނގައިން ނުބުނެ ޔާނާ ހުންނަން ފެށުމުން ޒޭން ގޮވާލިއެވެ.

"އަހަރެންވެސް ލޯބިވޭ" ޔާނާގެ ޖަވާބު ކުރެވެ.

"ދެން ކޮންއިރަކުން އަހަންނަށް ފެންނާނީ...މިއަދު އޮފްދުވަހެއްކަން އެނގޭ" ޒޭން ކެތްތެރިކަން ކުޑަ ރާގެއްގައި އަހާލިއެވެ.

"ހަވީރު ދާނަން، މިހާރު ބައްޕަގެ ހާލު ކިހިނެއްތަ؟" ޔާނާގެ އަޑު ބަދަލުވަމުން ދާކަން ޒޭނަށް ފާހަގަވިއެވެ. އިހު ހުރި ކަންބޮޑުވުން އެ އަޑުން ފިލައިފައިވެއެވެ.

"ތޭންކް ގޯޑް! މިހާރު ވަރަށް ރަނގަޅު، މާދަމާ ދޫކޮއްލާނަން ކަމުގައި ޑަކްޓަރު ބުނި، މިހާރު ކާންދޭން ވެސް ހުއްދަދީފި، އެހެންވެ މިއައީ ގެއަށް ބައްޕައަށް ބޭނުންވާނެ ބައެއް އެއްޗެހި ބަލާ" ޒޭން ކިޔާދިނެވެ.

"އެހެންތަ! ޒޭން! އެބައޮތް ޒޭންއާ ޑިސްކޮށްލަން ބޭނުންވާ ކަމެއް. ދެމީހުން އެކަނި ތިބެ... ކޮންއިރަކުން ޓައިމެއް ވާނީ" ޔާނާ އަހާލިއެވެ.

"މިގަޑި ވެސް އޯކޭ... ފްރީކޮށް މި ހުރީ" ޒޭން ވަގުތުން ބުނެލިއެވެ.

"މިވަގުތަކު ނޫން! އެހެން ގަޑިއެއް ހަމަޖައްސާނީ ދޯ، ޒޭން! ދެން ބާއްވަނީ އިނގޭ. ސީ ޔޫ" ޔާނާ ކޯލު ކުރުކޮށްލަން ބޭނުންވީއެވެ.

"އޯކޭ މައްސަލައެއްނެތް، ހަވީރު ހޮސްޕިޓަލްއިން ދިމާވެފައި ގަޑިއެއް ހަމަޖައްސާނީ ދޯ، އަހަރެން އުޅޭނަން އެގަޑީގަ. ރެމެމްބަރ އަހަރެން ޔާންދެކެ ލޯބިވާކަން. މިހާރު ތީ އަހަރެންގެ މީހެއް އިނގޭ" ސަމާސާ ގޮތަކަށް ޒޭން ބުނެލިއެވެ. ފޯނުކޯލު ކަނޑާލުމުގެ ކުރީން ޔާނާ ހީނލިއަޑު އިވުނެވެ.

ހަވީރު ހަތަރެއްޖަހާ ދިޔަފަހުން ޔާނާ އައިސް ހައިކަލްގެ ކޮޓަރިއަށްވަނެވެ. އޭރު ހައިކަލް އެނދުގައި އޮށޯތުމަށް ޒޭން އެހީތެރިވާން އުޅެއެވެ. އެމީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެދުކައިރީ ހުރި ފުރޮޅުލީ ގޮނޑި ޔާނާ އައިސް ދުރަށް ޖައްސާލިއެވެ. ހައިކަލް އެނދުގައި ހަމަޖެހިލާފައި ޔާނާއަށް ގޮވާލަމުން އޭނާގެ ގާތައަށް އައުމަށް އެދުނެވެ. ޒޭންގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލިއެވެ. ހައިކަލް ޔާނާގެ ގާތުން އަޒާންގެ ވާހަކަ އޮޅުން ފިލުވުމަށް އަވަސްވެގަތެވެ. ޔާނާގެ ޅައުމުރުންފެށިގެން އޭނާއަށް އަޒާން ސިފަވެފައިވާ އޮތްގޮތް ކިޔާދިނެވެ. އަޒާންގެ ވިސްނުމާއި ހަރަކާތްތައް ހުންނަ ގޮތުގެ ވާހަކައެވެ. އަޒާންގެ މިޒާޖުގެ ވާހަކައެވެ. އެހެންނަމަވެސް މިންނުގެ ވާހަކަ އަޒާންގެ ގާތުގައި އެހިކަން ހައިކަލްގެ ގާތުގައި ޔާނާ ނުބުނެއެވެ. އެންމެ ފުރަތަމަ އަޒާންއާ ބައްދަލުވި ގޮތާއި އޭރު އަޒާން ސިފަކުރެވިފައި އޮތް ގޮތް ޔާނާއާއި ޒޭނަށް ހައިކަލް ކިޔާދިނެވެ. ހައިކަލްގެ ޒުވާން އުމުރުގައި މިލްނާގެ ލޯބީގައި އާވާރާވެފައިވާ ވަރުން އަޒާންއާ މެދު ހިތުގައި އުފެދިފައިވާ ހަސަދައިގެ އިހުސާސްތައް ވެސް ހައިކަލް ހާމަކުރަމުންދިޔައެވެ. އޭރު އޭނާއަށް ކުރެވިފައި ހުރި މޮޔަ ކަންތައްތަކުގެ ވާހަކަތައް ކިޔާދެމުން ދޭތެރެއަކުން ހައިކަލް ހީނގަނެއެވެ. އޭނަ އާއިއެކު ޔާނާއާއި ޒޭން ވެސް ބައިވެރިވެއެވެ.

އިރުއޮއްސުމާއި ގާތްވެފައިވަނިކޮށް ޔާނާ އާއި ޒޭން ކޮޓަރިން ބޭރަށް ނުކުތީ ދެ މީހުން ވާހަކަދައްކާލުމަށެވެ. އޭރު ހައިކަލް ޓީވީ ބަލަން އޮތެވެ. ކޮޓަރީގެ ކުރިމަތީ ހުރި ގޮނޑިސެޓުގައި ޔާނާއާއި ޒޭން އައިސް އިށީނެވެ. އެވަގުތު އެތަނުގައި އެ ދެޒުވާނުން ފިޔަވައި އިތުރު ބަޔަކު ނެތެވެ. ޔާނާ ރޭގައި ކަންތައް ކުރި ގޮތުގެ ވާހަކަ ޒޭންއާ ޚިއްޞާ ކުރިއެވެ. މިލްނާގެ ނަން ހާމަކުރުމުން އަޒާންގެ ފަރާތުން ފެނުނު އަސަރުތައް ޔާނާ ކިޔާދިނެވެ. އަދި ޔާނާގެ މައިންބަފައިން ޒޭންއާ ބައްދަލު ކުރަން އެދޭ ވާހަކައެވެ.

"އަހަރެން މީ ހައިކަލްގެ ދަރިއެއްކަން ޔާންގެ ބައްޕަ އެނގޭތަ؟" ޒޭން އަވަސް އަވަހަށް އަހާލީއެވެ.

"ނޭނގޭނެ. އަހަރެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން ބައްޕައަށް ކޮންމެވެސް ގޮތަކުން އެނގެނީ. އެހެންވެ ބޭނުންވަނީ އެއީ ކާކުކަން ބަލަން" ޔާނާ އިތުރަށް ބުނެދިނެވެ.

"އަހަންނަށް ފެންނަނީ ބައްޕައަށް ތި ވާހަކަތައް ކިޔައިދޭން. އޭގެ ފަހުގައި ޔާންގެ ބައްޕައާ މީޓުކުރަން. މަންމަގެ ހަޤީޤަތް ނޭނގި އޮތިއްޔާ އެކަން އަންގަން ވެސް ބޭނުން" ޒޭންގެ ޚިޔާލު ހުރި ގޮތް ހާމަކުރިއެވެ. އެކަމާ ޔާނާ ވެސް ޤަބޫލުވިއެވެ. ޔާނާ ވެސް ބޭނުންވަނީ އަޒާންއާއި މިލްނާ ވަކިވާން ޖެހުނު ހިތި ހަޤީޤަތް އަޒާނަށް އެނގިފައި އޮންނާށެވެ.

ހައިކަލްއަށް ހުރިހާ ވާހަކަތަކެއް ޒޭންއާއި ޔާނާ ކިޔާދެމުންދިޔައެވެ. އެ ދެކުދިންނަށް ދިމާވާނެ ހުރަސްތައް ނައްތާލުމުގައި ހައިކަލްގެ އެހީތެރިކަމަށް ބޭނުންވެގެންނެވެ. އަޒާންއާ މާޒީގެ ވާހަކަދައްކަން އުޅެފިނަމަ އެ އަޑު ނާހާނޭކަން ޔާނާއަށް ޔަގީންވެއެވެ. ޚާއްޞަކޮށް މިލްނާއާ ގުޅުން ހުރި އެއްވެސް ވާހަކައެއް އެނގޭކަށް އަޒާން ބޭނުމެއްނުވާނެއެވެ. އެހެންނޫންނަމަ ޔާނާގެ ދުލުން މިލްނާގެ ނަން އިވިފައި އެއްވެސް ސުވާލެއް ނުކޮށް ޔާނާގެ ކުރިމަތިން ނުފިލީހެވެ.

ޔާނާއާއި ޒޭންގެ ޚިޔާލާ ވެސް އެއްކޮށް ހައިކަލް މޮޅު ރޭވުމެއް ރާވާލިއެވެ. އަޒާންއަށް ހަޤީޤަތާ ކުރިމަތިލުމަށް މަޖުބޫރުވާފަދަ ވަރުގަދަ ރޭވުމެވެ. އެމީހުން އެކަން ކުރާނެ ދުވަހަކާއި، ކޮންމެ މީހަކު ކުޅެންވީ ރޯލު ދެނެގަތެވެ. އެކަމަކު އެކަން ކުރެވެން އަންނަނީ ހައިކަލް ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ.

* * * *

ހަފްތާއެއް ވޭތުވެގެން ދިޔައީ އަޒާންގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބިއެވެ. މީގެ ކުރިން އޭނާ ނުކުރާފަދަ ކަންތައްތައް ކުރަން މަޖުބޫރުކުރުވަމުން ދިޔައީ ޔާނާގެ ދުލުން އޭނައަށް ރައްދުކުރަމުން ދިޔައެކިއެކި ޖުމްލަތަކެވެ. އެއިންކޮންމެ ލަފްޒަކީ އޭނަގެ މާޒީއާ ގުޅިފައިވާ ކަންކަމަށް ވީކަމެވެ. ދަރިފުޅު ޔާނާގެ ކޮޓަރި އެފުއްމިފުށަށް ޖެހިއިރު ވެސް ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ނުފެނުނެވެ. އެ ދަރިފުޅަށް އަޒާން ފަސްއަޅާ ފޮރުވާފައިވާ މާޒީގެ ތަންތަންކޮޅު އެނގެންވީ ސަބަބެއް ހޯދުމަށް އަޒާންވަނީ ނުކުޅެދެވިފައެވެ. އެންމެފަހުން ދަރިފުޅު ދާތަންތަން ފާރަލާ ބަލަން ވެސް ބޭނުންވިއެވެ. އެކަމަކު އެހިސާބަށް ކަންތައް ގެންދާކަށް އޭނަގެ ޟަމީރު އެއްބަހެއްނުވިއެވެ. އޭނާގެ ފަރާތުން ޔާނާ ބޭނުންވަނީ ކޮންކަމެއްކަން ނޭނގެއެވެ. ޔާނާގެ ވާހަކަތަކަށް ރައްދެއްދޭން ބޭނުންނުވަނީ މާޒީގެ ހަނދާންތަކާ ކުރިމަތިލާން ކުޑަކޮށް ވެސް އަޒާން ނޭދޭތީއެވެ. (ނުނިމޭ)