ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި އީގަލްސް، މާޒިޔާ

Dec 28, 2017

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސް އާއި މާޒިޔާ ވާދަ ކުރަން ޖެހިއްޖެ އެވެ.

މުބާރާތް، އެފްއޭއެމުން ރާވާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. މާޒިޔާ އާއި އީގަލްސް އަށް ވެސް ޕޮއިންޓް ލިބުނީ އެއްވަރަކަށެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން އެއް ވަނައިގައި ފައިނަލަށް ދިޔައީ މާޒިޔާ އެވެ.

މާޒިޔާ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ގދ. ތިނަދޫގެ މައްޗަށް 5-1 ގެ ނަތީޖާ އަކުން މޮޅުވި މެޗުންނެވެ. މެޗުގައި މާޒިޔާގެ އިބްރާހިމް އަތީގް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފަ އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 22 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 27 ވަނަ މިނެޓްގައެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު 62 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހުސައިން ފުވާދު އެވެ. އަތީގް ހެޓްރިކް ހެދީ އޭގެ ދިހަ މިނެޓް ފަހުންނެވެ. ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޝަހާއު އެވެ. ތިނަދޫގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޒިލާލް މުހައްމަދުވެ. އޭނާ ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނެޓްގައެވެ.

މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް މިލުކު ކުރަން ނިކުންނަ، އީގަލްސް ފައިނަލުގެ ޖާގަ ޔަގީން ކުރީ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު، 3-0 ން ކާމިޔާބު ހޯދައިގެންނެވެ. އެޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރާހުލް އަބްދުސޮމަދު އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ 49 ވަނަ މިނެޓާއި 59 ވަނަ މިނެޓްގައެވެ. ތިން ވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ކާމިޔާބު ކުރީ އީލާފް އަހްމަދެވެ.

މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މާދަމާ ހަވިރު އެވެ. ފައިނަލުގައި ވާދަ ކުރާ ދެ ޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޔޫތު ޗެމްޕިއަންޝިޕަކީ، ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަން (ޖޭއެފްއޭ) ގެ އެހީތެރި ކަމާއެކު އެފްއޭއެމުން ބާއްވަމުން އަންނަ މުބާރަތެކެވެ.