ހަބަރު

ލަންދޫ ދެ މަސްވެރިން މަރުވީ ސިހުރުގެ ސަބަބުންތޯ ބަލާނަން: ކައުންސިލް

އެއް ދޯންޏަކުން މަހަށް ދާ ނ. ލަންދޫގެ ދެ މަސްވެރިއަކު ގާތްގާތުގައި ކުއްލި ގޮތަކަށް މަރުވީ، ސިހުރުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާ ކަމަށާއި އެކަން ބަލާނެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާރިފް ވިދާޅުވީ، ސިހުރު ހެދުމަކީ ރާއްޖޭގައި ވަރަށް އާންމުވެފައިވާ ކަމެއް ކަމަށާއި ނަމަވެސް މީގެ ކުރިން އެރަށުގައި އެކަހަލަ ހާދިސާއެއް ހިނގާފައިނުވާ ކަމަށެވެ. ކުއްލި ދެ މަރު ގާތްގާތުގައި ވުމުން އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެހެން ކަމުން އެކަން ތަހުގީގު ޖެހޭ ހުރިހާ ގޮތަކަށް ތަހުގީގު ކުރާނެ ކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، ދެމީހުންގެ މަރަކީ ސިހުރުގެ ސަބަބުންވީ ދެ މަރު ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީވެ، އެކަން ތަހުގީގު ކުރަން ކައުންސިލުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އަދި ތަހުގީގު ފަށާފައިނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، އެދެމީހުން މަރުވެފައިވަނީ ސިހުރުގެ ކަމެއްގެ ސަބަބުންތޯ ބަލާނެ ކަމަށާއި ނަމަވެސް ސިހުރު ހަދައިގެން އެމީހުން މަރާލި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުން އެބަބުނޭ ސިހުރުގެ ސަބަބުންނޭ މަރުވީ، އެހެންވެ ކައުންސިލްގެ ތިން މެންބަރުން އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ، އެކަމަކު އަދި ތަހުގީގު ކުރާކަށް ނުފަށަން، ރައްޔިތުން މިކަމާ ގުޅިގެން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި، އެހެންވެ ތަހުގީގު ކުރާނަން ހުރިހާ ގޮތަކުންވެސް،" އާރިފް ވިދާޅުވި އެވެ.

ދެ މަސްވެރިން ކުއްލި ގޮތަކަށް މަރުވުމުގެ ހާދިސާ ހިނގާފައި ވަނީ ލަންދޫ ދޯންޏެއް ކަމަށްވާ، "މުރިގު-2" ދޯނީގަ އެވެ. މުރިގު-2 ދޯނީގައި މަސްބާނަން ހުއްޓާ 49 އަހަރުގެ މަސްވެރިއަކު އެންމެ ފުރަތަމަ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާގެ މަރަށް ހަފްތާއެއް ވީ ދުވަހު މިއަދު ވަނީ ހަމަ އެ ދޯނީގައި މަސްބާނަން ހުރި މަސްވެރިއަކު މަރުވެފަ އެވެ.

ލަންދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ފަޒީލް ހަސަން ވިދާޅުވީ މިއަދު މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަރުވި މަސްވެރިޔާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. މިއަދު މަރުވި މީހާ ވެސް މަރުވީ މަސް ބާނަން ހުއްޓާ ކުއްލިއަކަށް މެޔަށް ތަދެއް އަރާތީ ދޯނި މަތީގައި އިށީންދެ އިންދާ ވެއްޓި އަގައިން ފޮނުތަކެއް އެރުމަށް ފަހު ކަމަށެވެ. މިއަދު މަރުވި މީހާގެ އުމުރަކީ ވެސް ގާތްގަނޑަކަށް 49 އަހަރެވެ. މިދިޔަ ބުރާސްފަތި ދުވަހު މަރުވި މީހާ ވެސް މަރުވެފައި ވަނީ މަސްބާނަން ހުއްޓާ ހޮޑުލަވައި ބޯއަނބުރާތީވެ އިށީންދެ އިންދާ މެޔަށް ތަދެއް އަރައިގެން އެވެ.

ދޯނީގެ މީހުންނާ ހަވާލާދީ، ފަޒީލް ވިދާޅުވީ މަރުވި ދެ މީހުން ވެސް މަހަށްދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ދެ މީހުންނަކީ ވެސް ސިއްހީ ބޮޑު މައްސަލައެއް ހުންނަ ދެ މީހުން ނޫން ކަމަށެވެ.

ފުލުހުންވެސް އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.