ބޮލީވުޑް

މަންމައިންގެ ރޯލު ކުޅެން މާދުރީ ބޭނުމެއް ނުވޭ

Dec 30, 2017
1

ބަތަލާ މާދުރީ ޑިކްޝިޓަކީ އޭނާގެ އެކްޓިންގެ ހުނަރާއި ޑާންސްކުރުމުގެ މޮޅު ހުނަރުގެ ސަބަބުން، އޭނާ އަކީ ނުވަދިހައިގެ އަހަރުތަކުގައި އެންމެ ވިދާލި އެއް ތަރި އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅުނު މާދުރީ ފިލްމީ ދާއިރާއާ ދުރަށް ޖެހުނީ ކައިވެނިކުރި ފަހުންނެވެ. ކައިވެނިކޮށް ދެ ކުދިން ލިބުނު ފަހުން އަލުން ފިލްމު ކުޅެން ފެށި ނަމަވެސް މާދުރީ ފިލްމުތަކުން ފެނިގެން ގޮސްފައިވަނީ ވަރަށް މަދުންނެވެ.

ހަތަރު އަހަރުވަންދެން ފިލްމެއް ނުކުޅެ ހުރުމަށްފަހު މާދުރީ އަލުން އަންނަނީ ފިލްމެއް ކުޅެން ތައްޔާރުވަމުންނެވެ. "ޓޯޓަލް ދަމާލް" ނަމަކަށް ކިޔާ އެ ފިލްމުގައި އޭނާ އާއެކު ފެނިގެންދަނީ އަނިލް ކަޕޫރެވެ. މިއީ 18 އަހަރުފަހުން އަނިލް އާއި މާދުރީ އެކުގައި ފެނިގެންދާ ފިލްމެކެވެ.

ހަތަރު އަހަރުވީއިރު މާދުރީގެ ފިލްމެއް ރިލީޒްނުވާތީ އޭނާ ފިލްމީ ދާއިރާއާ ދުރަށް ދިޔައީ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ހަގީގަތުގައި މިފަހުން އޭނާ އަށް ވަރަށް ގިނަ ފިލްމުތަކުން ފުރުސަތުތައް ލިބެމުންދާ ކަމަށްވެ އެވެ.

މާދުރީގެ ގާތްފަރާތަކުން ބުނެފައިވާ ގޮތުގައި ފިލްމުތަކުން ހުށަހެޅުން ކިތަންމެ ވަރަކަށް ލިބެމުން އައި ނަމަވެސް މަންމައިންގެ ރޯލު ކުޅެން ޖެހޭތީ އޭނާ އެ ފިލްމުތައް ދޫކޮށްލަނީ އެވެ. މާދުރީ ދެކޭ ގޮތުގައި އޭނާގެ ފޭނުން އަދިވެސް ބޭނުންވަނީ އޭނާ ތިން ޚާނުންނާ އެކު ފިލްމު ކުޅޭށެވެ. މަންމައެއްގެ ރޯލު ކުޅެން އޭނާ މުސްކުޅިއެއް ނުވެ އެވެ.

މީގެ އަހަރުތަކެއް ކުރިން އަނިލް ވެސް ވަނީ އޭނާ އުފައްދަން ނިންމި ފިލްމެއްގައި ސޯނަމް ކަޕޫރުގެ މަންމަގެ ރޯލު ކުޅެން މާދުރީ އަށް ހުށަހަޅާފަ އެވެ. އެ ރޯލާ އޭނާއާ ނުގުޅޭ ކަމަށް ބުނެ މާދުރީ އެ ފިލްމު ދޫކޮށްލިއިރު، އޭނާ ވަނީ ކުޅެން ބޭނުންވަނީ ޒުވާން ބަތަލާއިން ކުޅޭ ކަހަލަ ރޯލުތައް ކަމަށް އޭރު ބުނެފަ އެވެ.

ނުވަދިހައިގެ ތެރޭގައި އެންމެ ގަދަޔަށް ވިދާލި ބަތަލާއިންގެ ތެރެއިން ޖޫހީ ޗާވްލާ އާއި ކަރިޝްމާ ކަޕޫރު ފަދަ ބަތަލާއިން ވެސް މި ފަހަކަށް އައިސް އެއްވެސް ފިލްމަކުން ފެނިގެން ނުދެ އެވެ. އެމީހުންނަށް މިހާރު ގިނައިން ލިބެނީ މަންމައިންގެ ރޯލު ކުޅޭށެވެ. އަދި މަންމައެއްގެ ރޯލު ކުޅޭކަށް އުމުރުން 50 އަހަރުގެ މާދުރީއެއް ބޭނުމެއްނުވެ އެވެ. ނަމަވެސް މާދުރީއާ އެއް އުމުރެއްގެ ތަރިންގެ ތެރެއިން ސްރީދޭވީ އާއި ރަވީނާ ތަންޑަން މިހާރު ވެސް މަންމައިގެ ރޯލުތައް ކުޅެ އެވެ.

މާދޫރީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނިކުތް "ދޭޅް އިޝްގް" އާއި "ގުލާބް ގޭންގް" އިންނެވެ. އެ ދެ ފިލްމު ވެސް ބޮކްސް އޮފީހުގައި ވަނީ ފްލޮޕްވެފަ އެވެ.