ބޮލީވުޑް

ރިތިކްގެ ބަތަލާ އަކަށް ޓީވީ ތަރި މުރްނާލް

Dec 30, 2017

ޓީވީ ޝޯތައް ކުޅެގެން މަގުބޫލު ތަރިންނަށްވެ، ޓީވީ ތަރިން ދެން މިސްރާބު ޖަހަނީ ބޮލީވުޑަށެވެ. އަންނަ އަހަރުގެ ތެރޭގައި މަޝްހޫރު ދެ ޓީވީ ބަތަލާއިން ކަމަށްވާ އަންކިތާ ލޯކަންޑޭ އާއި މޯނީ ރޯއި ބޮލީވުޑަށް ނިކުންނާނެ އެވެ.

އެ ދެތަރިންގެ އިތުރުން ޒީ ޓީވީއިން ދައްކަމުން އަންނަ ކުމްކުމް ބާގްޔާ ގައި ބުލްބުލްގެ ރޯލުން ފެނިގެންދިޔަ މުރްނާލް ތާކުރަށް ވެސް ވަނީ ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފަ އެވެ.

ސުޕަސްޓާ ރިތިކް ރޯޝަން ކުޅޭ ފުރަތަމަ ބައޮޕިކް "ސުޕަ 30" ގައި އޭނާގެ އަންހެނުންގެ ރޯލު ކުޅެން މުރްނާލް އަށް ވަނީ ލިބިފަ އެވެ.

ވިކާސް ބަލް ޑައިރެކްޓްކުރާ މި ފިލްމުގައި ރިތިކްގެ ފެނިގެންދާނީ މެތަމެޓީޝިއަން އާނަންދް ކުމާރުގެ ރޯލުންނެވެ. މި ފިލްމަކީ އައިޓީ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ކުދިންގެ ތެރެއިން މާލީ ހާލަތު ތަން ނުދޭތީ ނުކިޔެވި ތިބި ކުދިންނަށް އާނަންދް އުފެއްދި "ސުޕަ 30" ޕްރޮގްރާމްގެ ވާހަކަ އެވެ.

ކުރިން މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހެޅީ ކެޓްރީނާ ކައިފަށެވެ. ނަމަވެސް އޭނާގެ ރޯލު މާ ކުޑަވުމުން ފިލްމު ދޫކޮށްލީ އެވެ.

މުރްނާލް މިހާރު މި ފިލްމު ކުޅެން ސޮއިކޮށްފައިވާއިރު، ފިލްމުގައި އޭނާ ރޯލު ކުޑަޔަސް ރިތިކް ފަދަ މަޝްހޫރު އެކްޓަރަކާ އެކު ބޮލީވުޑަށް ނިކުންނަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލާކަށް ބޭނުމެއްނުވި އެވެ.

މި ފިލްމުގެ އިތުރުން މުރްނާލަށް ވަނީ މިދިޔަ އަހަރު ނިކުތް ސަލްމާން ޚާންގެ "ސުލްތާން" އާއި މިހާރު ޝޫޓްކުރަމުންދާ "ތަގްސް އޮފް ހިންދުސްތާން" އިން ވެސް ހުށަހެޅުން ލިބިފަ އެވެ. ނަމަވެސް އެ ރޯލުތައް އޭނާ ވަނީ ދޫކޮށްލާފަ އެވެ.