ކުޅިވަރު

ދިވެހި ފުޓްބޯޅައަކީ ތަހުލީލު ކުރަން އޮތް ލެބެއް ނޫން!

Dec 30, 2017
4

އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި، 10 ޓީމު ވާދަ ކުރާ ގޮތަށް، ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމުން އިއުލާން ކުރީ އެވެ. މިއީ 2000 ވަނަ އަހަރު ތާރަފުކޮށް ލީގް ކުޅެން ފެށިފަހުން، ލީގްގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު އިތުރު ކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ ހަތް ވަރަކަށް އަހަރަކީ، ކޮންމެ އަހަރަކުވެސް، ލީގަށް ކޮންމެވެސް ކަހަލަ ބަދަލެއް ގެންނަ އަހަރެކެވެ. 'އަވަސް' އަށް ދެއްވި އިންޓަވިއު އެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ލީގްގެ ގަވާއިދު ތަކާ ފޯމެޓްތަކަކީ ދަގަނޑެއްގައި ލިޔާ އެއްޗެއް ނޫން ކަމަށާއި، އެހެންވެ ފޯރިގަދަ ކުރުމަށްޓަކައި އަހަރުން އަހަރަށް ބަދަލުތައް ގެންނަން ޖެހޭނަމަ ގެންނާނެ ކަމަށެވެ.

ލީގް ފޯރިގަދަ ކުރުމަށްޓަކައި، ބަދަލުތައް ގެނައުމަކީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ. އެކަމާ މެދު އިއުތިރާޒެއް ނެތެވެ.

ނަމަވެސް ދުނިޔޭގެ އެހެންތަންތަނުގައި، ބަދަލު ގެންނަނީ އެވިޑެންސް ބޭސްޑް ރިސާޗްތަކަށް ފަހު އެވެ. ނަމަވެސް ރާއްޖޭގައި ކަން ވަނީ އެހެނެއް ނޫނެވެ.

"އެއްފަހަރު ނިންމަފާނެ، މިއަހަރު ލީގްގައި ކުޅޭނީ ތިން ބުރަށް، އާ ދެން އެގޮތަށް އެ އަހަރު ކުޅެންވީ، ދެން އެއަހަރު އެކުރި ތަޖުރިބާ ކަމު ނުދިޔައީމަ އަނެއްކާ އަނެއް އަހަރު ދެ ބުރު ކުޅެންވީ، މިކަންވެސް މި ކުރަނީ ކުޅޭ ކުޅޭ އުސޫލަށް، މިއީ ގައުމުގެ އެންމެ ބޮޑު ފުޓްބޯޅަ ލީގް." ރާއްޖޭގެ ބޮޑު ކުލަބެއްގެ ޖެނަރަލް ސެކެޓްރީކަން ކުރިން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ވާހަކަ ދައްކާއިރު އަޅައި ކިޔައިލުމުގެ ގޮތުން އަވަށްޓެރި އިންޑިއާގެ ވާހަކަ ބުނެދެނީ އެންމެ ކައިރިގައި އޮތް ގައުމަށް ވީމައެއް ނޫނެވެ. ފުޓްބޯޅައިގައި ރަނގަޅު ނިންމުންތަކެއް ނިންމާފައި އޮތް ގައުމަކަށް ވާތީ އެވެ. އިންޑިއާގެ ފުޓްބޯޅައަށް ނަޒަރު ހިންގާއިރު، އިންޑިއާއަށް ވުރެ ފަހި ފުރުސަތެއް ރާއްޖެ އަށް އެބައޮތެވެ. އެއީ ކޮންމެ ދިވެއްސަކީ، ފުޓްބޯޅައިގެ ކޮންމެވެސް ހިސާބެއްގައި ހިއްސާވާ މީހަކަށް ވާކެމެވެ. ރާއްޖޭގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ މެދުގައިވެސް ފުޓްބޯޅައިގެ ފޯރި އޮވެ އެވެ. ދުނިޔޭގެ އެންމެ ބޮޑެތި ލީގްތަކުގެ ޓީމުތަކުގެ ސަޕޯޓަރުންގެ ވިއުގައެއް ޒުވާން އާބަދީގެ ތެރޭގައި އެބައޮތެވެ.

ނަމަވެސް، އިންޑިއާގެ ޒުވާން އާބާދީ، ފުޓްބޯޅަ އަށް ހިތް ޖައްސަން، އެ ގައުމަށް އެންމެ ފުރަތަމަ ޖެހުނީ ބޮޑެތި ކެމްޕޭން ތަކެއް ހިންގާށެވެ. އޭގެ އެއް ޕްރޮގްރާމަކީ "މިޝަން XI މިލިއަން" އެވެ.

ރާއްޖެ ކަހަލަ، މުޅި އާބާދީ ފުޓްބޯޅައިގެ ހިއްސާވާ ގައުމެއްގެ ކަންކަން ހުރީ، އެކްސްޕްރިމެންޓް ކުރާ އުސޫލުން ނެވެ. ހަމަ ކުއްލިއަކަށް، ދިވެހި ލީގް ނަމަށް "ޕްރީމިއާ" ލަފުޒު އިތުރު ކޮށްގެން ލީގް ކުޅެފާނެ އެވެ. ލީގް ނަން ބަދަލު ކުރުމަށް ކުރެވުނު ދިރާސާއެއް ނެތެވެ.

ދިރާސާ ކޮށްގެން ބަދަލު ގެންނަނަމަ، ކޮންމެ އަހަރަކު، އާ ގޮތެއް ހަދަން ނުޖެހޭނެ އެވެ. ލީގަށް ގެންނަ މިކަހަލަ ބޮޑެތި ބަދަލުތަކަކީ، ހަމައެކަނި މޭޒެއްގެ ކައިރީގައި ތިބެ މަޝްވަރާ ކޮށްލައިގެން ގަންނަން ޖެހޭނެ ބަދަލުތަކެއް ނޫނެވެ. ލީގަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭނީ، އެކުލަވާ ލެވިފައި އޮންނަ ދުރު ރާސާތާ ޕްލޭނެއްގެ މައްޗަށް ބިނާކޮށެވެ. ނުވަތަ އެކަށީގެންވާ ވަގުތު ހޭދަކޮށް، ކުރެވޭ ދިރާސާތަކާއި ސްޓަޑީ ތަކުގެ މައްޗަށް ބިނާ ކޮށް، އެ ބަދަލަކުން ހާސިލު ވާނެ މިންވަރާއި ނެރެވޭނެ ނަތީޖާ އާއި އުފެދޭނެ ބާގަނޑުތައް ހުރިހާ އޭންގަލަކުން ބަލާ ދިރާސާ ކޮށްގެންނެވެ. މިއީ ދުނިޔޭގެ ފުޓްބޯޅަ ކުރި އަރައިގެން ދިޔަ ގައުމުތަކުގައި ކަން ކޮށްފައިވާ ގޮތެވެ.

އަނެއްކާވެސް އިންޑިއާގެ މިސާލެކެވެ. އިންޑިއާގައި ލީގަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ، އެތަށް އަހަރަކުން ފެންނަ ނަތީޖާ ތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށެވެ.

އިންޑިއާގެ ސްޕަ ލީގަކީ، އިންޑިއާގެ ފުޓްބޯޅައިގެ ގިންތީގައި ޓޮޕް ލީގަށް ހެދުމަށް މަޝްވަރާތައް ކުރެވުނެވެ. މިއީ ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކާއި، ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން ތަކެއް ކުޅެމުންދާ ލީގްގެ ވާހަކަ އެވެ. ނަމަވެސް އެ ލީގަށް އެއް ވަނަ ދަރަޖައިގައި ގިންތި ނުކުރީ ކީއްވެގެންތޯ ބަލަން ޖެހެއެވެ. އޭގެ ސަބަބަކަށް އޮތީ، ގެންނަ ބަދަލުން ނިކުންނާނެ ނަތީޖާ އާއި އަދި މުޅި އިންޑިއާގެ ފުޓްބޯޅައަށް އެންމެ ފުރިހަމަ ގޮތުގައި ކުރާނެ ފައިދާ ދެނެގަނެވިފައި ނެތުމުންނެވެ.

"ލީގް ކޮމިޓީއާ އެކު އަހަރެމެން ބޭއްވި ބައްދަލުވުމުން ނިކުތް ނަތީޖާއަކީ އައިއެސްއެލް [އިންޑިއާ ސްޕަ ލީގް] ހަމަ މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށްދާން، އައި ލީގްވެސް ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަށްދާ ގޮތަށް ކުރިއަށްދާން." މަޝްވަރާތަކުގައި ބައިވެރިވި އައިލީގް ކުލަބެއްގެ އޮފިޝަލަކު އީއެސްޕީއެންގައި ބުނެފައި ވެއެވެ.

ސްޕަ ލީގްގެ ކޮމިޓީ އާއެކު އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ ކްޝާލް ޑަސް ބޭއްވި ނުރަސްމީ މަޝްވަރާތަކުގައި، އޭނާ ވަނީ ސްޕަލީގުން ކުލަބުތަކަށް ދޭ ފައިސާ، އިންޑިއާގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޓީމުތަކަށް ބެހިގެންދާ ގޮތަށް ހެދުމަށް ހުށަހަޅާފަ އެވެ. އަދި އައިއެސްއެލްގެ އިނާމު ފައިސާ ބޮޑުކޮށް މާކެޓިން އާއި ބްރޮޑްކާސްޓިންވެސް ހަރުދާނާ ކުރުމަށް މަޝްވަރާ ކުރެވުނެވެ.

އިންޑިއާގެ ފެޑްރޭޝަނުން ބޭނުން ނަމަ، ސްޕަލީގަށް، އެއް ވަނަ ދަރަޖަ ދެވިދާނެ އެވެ. ނަމަވެސް އަވަސް އަރުވާލާފައި، އަގުބޮޑު ލީގަކަށްވުމަކުން، އިންޑިއާގެ އެއް ވަނަ ލީގްގެ ދަރަޖަ ދޭކަށް، އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަނުން ބޭނުމެއް ނުވި އެވެ. އެހެންވެ، ސްޕާ ލީގްގައި ނިކުންނާނެ ނަތީޖާ ދެނެގަތުމަށް، އޭއެފްސީ އަށް އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ހުށަހެޅީ އެވެ. އަދި އޭއެފްސީ ކަޕްގެ ޕްލޭއޮފް ފުރުސަތު ސްޕަ ލީގަށް ދިނުމަށް، އިންޑިއާގެ ފެޑްރޝަންގެ މަޝްވަރާއާ އެކު އޭއެފްސީން ނިމި އެވެ. އަދި ކޮންމެ އަހަރަކުން އެ ކަމުން ނިކުންނަ ނަތީޖާ ބަލުމަށް އިންޑިއާގެ ފެޑްރޭޝަނުން ހުށަހަޅާފައި ވެއެވެ. މިއީ ސްޕަ ލީގަށް އިންޑިއާގެ އެއް ވަނަ ދަރަޖަ ދިނުމަށް ކުރެވޭ މަސައްކަތުގެ ދިރާސާގެ ފެށުމެކެވެ.

ރާއްޖޭގައި، ކޮންމެ އަހަރަކު އެއް ފަހަރު ބަދަލު ގެނެ އެވެ. ކޮންމެ ފަހަރަކު އެކްސްޕްރިމެންޓެކެވެ. ކޮންމެ ފަހަރަކު އާ ބަދަލެކެވެ. ރަނގަޅު ނޫން ނަމަ، އަނެއްކާ ބަދަލު ކުރަނީ އެވެ. އެގޮތަށް ވާން ޖެހެނީ ދިރާސާ ނުކޮށް ބަދަލު ގެންނާތީއެވެ. ހެދޭ ސްޓަޑީއެއްގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލަކުން އެ ގެންނަ ބަދަލާ އެކު، އުފެދޭނެ ބަގަނޑުތައް ވެސް އަންދާޒާ ކުރެވިފައި ހުންނާނެ އެވެ. އެ ކަމަށް ހައްލު ވެސް ހޯދޭނެ ގޮތް ހުންނާނެ އެވެ.

ދެން އޮތީ، މިފަހަރު ލީގަށް ގެނައި ބަދަލެވެ. ލީގްގެ ފޯރި ނިމިދިޔަ ސީޒަނަށް ވުރެ ގަދަ ވާނެ ކަން އެންމެންވެސް ގަބޫލު ކުރެ އެވެ. އަދި ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބޭނެ އެވެ. މިއީ މި ބަދަލުން ދޭނެ ޕޮޒެޓިވް ނަތީޖާއެކެވެ.

ނަމަވެސް، ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ވަސީލަތުގެ ގޮތުން، 10 ޓީމަށް ލީގްގައި ކޭޓާ ކުރެވިދާނެ ބާއޭ ހިތައް އަރައެވެ. ޓީމުތައް ޕްރެކްޓިސް ކުރަން މިއޮތީ އެންމެ ދެ ދަނޑެވެ. މިހާރު އަށް ޓީމު އޮންނައިރުވެސް، ދެ ދަނޑު އޮތުމުން އެކަމުގެ ދަތިކަން ޓީމުތަކުން ފާޅު ކުރެ އެވެ. މި އަހަރު އެ މައްސަލަ އިތުރަށް ބޮޑު ވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ނިމިދިޔަ ސީޒަންގައި، މޭލޭ ލީގުން، ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ދިނީ ގަދަ ހަތަރު ޓީމަށެވެ. އަންނަ އަހަރު ގަދަ ހަ ޓީމަށެވެ. އަންނަ ސީޒަންގައި ކުރާ ތަޖުރިބާ ރަނގަޅު ނުވެއްޖެނަމަ އަނެއްކާ 2019 ވަނަ އަހަރަށް އަނެއް ބަދަލު ގެންނަންވީ އެވެ. ދިވެހި ފުޓްބޯޅަ ވެފައި މިވަނީ އެކްސްޕްރިމެންޓް ކުރާ ލެބަކަށެވެ.

ކޮންމެ އަހަރަކު ލީގަށް ގެންނަ ބަދަލުން ފުޓްބޯޅައަށް ދެމެހެއްޓެނިވި ގޮތަށް ފައިދާ ކުރޭތޯ މިއީވެސް ކޮށްލަން ރަނގަޅު ދިރާސާއެކެވެ. ކަމެއް ރަނގަޅު ކުރެވޭނީ ގިނަ ދުވަސްތަކެއް ވަންދެން ރަނގަޅު އެއްގޮތަކަށް މަސައްކަތް ކޮށްގެންނެވެ. އުންމީދު ކުރަނީ މި އަހަރު ގެނައި ބަދަލުން މުޅި ފުޓްބޯޅައަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.