ކުޅިވަރު

ތާރީހީ ޝަރަފުވެރި މަގާމަކަށް އީގަލްސް ތައްޔާރުވެފައި

Dec 29, 2017

މިއަދު ހަވީރު ކުޅޭ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލު އެންމެ ހާއްސަވާ ޓީމަކީ ކުލަބު އީގަލްސް އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ކުލަބު އީގަލްސްއަށް ވުރެ، ބޮޑު ތާރީހަކާއި، ކާމިޔާބީތައް ހޯދާފައިވާ ޓީމުތައް އެބަހުއްޓެވެ. އީގަލްސްއަށް މިއަދުގެ ފައިނަލު ހާއްސަ ވަނީވެސް އެހެންވެ އެވެ. ބޮޑެތި އެހެން ކުލަބުތައް އޮތް ނަަމަވެސް އެއިން ކުލަބަކަށް ވުރެ ކުރިން އީގަލްސްއަށް އެ ފުރުސަތު ހާސިލުވާން އޮތުމުންނެވެ.

އީގަލްސްއަކީ، ޔޫތު ޗެމްޕިއަންޝިޕްގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުނެވެ. އެ ޓީމުން މިއަދުގެ ފައިނަލު މެޗު ކާމިޔާބު ކޮށްފިނަމަ، މުބާރާތް މިލުކުވީ އެވެ. މީހަތަނަށް، މި މުބާރާތް އެއްވެސް ޓީމަކަށް މިލުކު ކުރެވިފައެއް ނުވެ އެވެ. އެ ބޮޑު ޝަރަފު ހޯދުމުގެ ފުރުސަތު އޮތީ އީގަލްސް އަށެވެ.

ފައިނަލުގައި، އީގަލްސްއާ ދެކޮޅަށް ނިކުންނާނީ މާޒިޔާ އެވެ. ގުރޫޕް ސްޓޭޖުގައި، ދެ ޓީމު ކުޅުނު މެޗު ހަމަހަމަ ވެގެން ނިމުމުން، ދެ ޓީމުންވެސް ކުރަން ޖެހޭ މަސައްކަތް އިތުރު ވާނެ ކަމަށް އީގަލްސްގެ ޔޫތު ޓީމުގެ ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުންޏެވެ.

"ކުރިން ދެ ޓީމު ކުޅުނު މެޗުން އެނގިގެން ދިޔައީ، ފައިނަލު މެޗު ދެ ޓީމަށްވެސް ފަސޭހަ ނުވާނެ ކަން، މާޒިޔާވެސް ވަރަށް ވަރުގަދަ، ނަމަވެސް އަހަރެން ބުނާނީ ކުރިން މެޗުގެ ތެރެއަށް ވަދެވުނު ބަޔަކަށް މެޗު ކާމިޔާބު ކުރަން ފަސޭހަ ވާނެޔޭ،" ޝާކިއްޓޭ ބުންޏެވެ.

މުބާރާތުގެ މެޗުތައް ކައިރިކައިގައި ކުޅެން ޖެހުމުން، ބައެއް ޓީމު ތަކުން އެ ކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ. ނަމަވެސް ޝާކިއްޓޭ ބުނީ އީގަލްސް އޮތީ އެކަމަށްވެސް ތައްޔާރު ވެގެން ކަމަށެވެ.

:މުބާރާތުގެ ކުރިންވެސް އެނގޭ، މިގޮތަށް ކަން އޮންނާނީ، އެހެންވީމަ މިހާރު އެވާހަކަ ނުދައްކާ، އެކަމަށް ފޯކަސް ކޮށްގެން މަސައްކަތް ކުރަންވީ،" އޭނާ ބުންޏެވެ. "އެހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު އީގަލްސް އޮތީ މެޗު ކާމިޔާބު ކޮށް މުބާރާތް މިލުކު ކުރާ ފުރަތަމަ ޓީމުގެ ޝަރަފު ހޯދަން ތައްޔާރަށް."

މާޒިޔާ އޮތީ އީގަލްސް އެ ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. މާޒިޔާއިން އަބަދުވެސް ބުނާ ވާހަކަ އެއް އޮވެއެވެ. މުބާރާތް ކާމިޔާބު ކުރަން ނޫނީ އެއްވެސް މުބާރަތަކަށް މާޒިޔާ ނުނިކުންނާނެ އެވެ. ޔޫތު ޓީމުގެ ކޯޗް އަހްމަދު ޝުޒެއިރު ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މާޒިޔާއިން ނިކުތީ މުބާރާތް ކާމިޔާބު ކުރަން ކަމަށާއި އެންމެ ފަހުވަގުތާ ހަމަޔަށްވެސް ކުޅުންތެރިންގެ މެކްސިމަމް، އެ ޓީމުން ދޭނެ ކަމަށެވެ.

އީގަލްސް މުބާރާތަށް ތައްޔާރުވަމުން ދާތާ މަހެއް ވެއްޖެ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު، އީގަލްސް އާ އެއްވަރު ކޮށްލެވުމުންވެސް އެއީ މާޒިޔާ އަށް ލިބުނު އިތުރު ބޫސްޓެއް ކަމަށް ޝުޒެއިރު ބުންޏެވެ.