ކުޅިވަރު

މިއީ އާ ސީޒަނަށް އީގަލްސްއަށް ލިބުނު ބޮޑުހިތްވަރެއް

Dec 30, 2017

ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ފުރަތަމަ މިލުކުރި ޓީމުގެ ޝަރަފު ލިބުމަކީ، އާ ސީޒަނަށް އީގަލްސްއަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށް، އެ ޓީމުން ބުނެފި އެވެ.

ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކޮށް އީގަލްސް ކާމިޔާބު ކުރީ 8-9 ން ނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ފުރަތަމަ ލީޑް ނެގީ މަޒިޔާއިންނެވެ. އެ ޓީމުގެ ލަނޑު 43 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް އަތީގް ހަސަން އެވެ.

މެޗުގެ ފަހު ވަގުތަކާ ހަމަޔަށް، މާޒިޔާ ލީޑްގައި އޮތެވެ. އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 87 ވަނަ މިނެޓްގައި އަހްމަދު ތޮލާލް ކާމިޔާބު ކުރި ލަނޑުންނެވެ. ޕެނަލްޓީ އީގަލްސް ކާމިޔާބު ކުރީ 8-7 ންނެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ)، މުހައްމަދު ނާއިމް، އަލީ ޝާމިލް އަބްދުﷲ، ހައިޝަމް ހަސަން އަދި ތޮލާލް އެވެ.

މާޒިޔާގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ސަމޫހް އަލީ (ސަމުއްޓޭ)، އަބްދުﷲ ޖުނައިދު، މުހައްމަދު ޝަހާއު، އަތީގް އަދި އަޒްހާން ހާމިދު އެވެ.

  • މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން:
  • މުހައްމަދު އަޝްވާން (އީގަލްސް) - ގކ
  • މުހައްމަދު ނާއިމް (އީގަލްސް)
  • އަބްދުﷲ ޖުނައިދު (މާޒިޔާ)
  • އިބްރާހިމް އަތީގް ހަސަން (މާޒިޔާ)
  • އެންމެ މޮޅު ކޯޗް: އީގަލްސްގެ އަހްމަދު ޝާކިރު (ޝާކިއްޓޭ)
  • ފެއާޕްލޭ ޓީމު: ކުލަބު އީގަލްސް

ޝާކިއްޓޭ އަކީ ވޭތުވެދިޔަ ތިން އަހަރުވެސް މުބާރާތުގެ މޮޅު ކޯޗެވެ. އީގަލްސްއަށް ތަށި މިލުކު ކޮށްދިނުމަށްފަހު އޭނާ ބުނީ، ކާމިޔާބަކީ، އާ ސީޒަންގައި އީގަލްސްގެ ސީނިއާ ޓީމަށްވެސް ލިބުނު ހިތްވަރެއް ކަމަށެވެ.

"ހުރިހާ ޝުކުރެއް ހައްގު ވަނީ ޒުވާން ޓީމުގެ ކުޅުންތެރިންނަށް، އެކުޅުންތެރިން މި ހޯދައިދިނީ ސީނިއާ ޓީމަށްވެސް ބޮޑު ހިތްވަރެއް." ޝާކިއްޓޭ ބުންޏެވެ.

އޭނާ ބުނީ، އީގަލްސްގެ ކާމިޔާބުގައި، ސީނިއާ ޓީމުގެ ކުރީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ)ގެ ބޮޑު ހިއްސާއެއް އޮންނާނެ ކަމަށެވެ.

"އީގަލްސްގެ މި ވިސްނުމާއި، ޕްލޭން އަކީ ސާންތީ މުޑުވަށްކޮށް ތަރައްގީ ކުރި ޕްލޭންއެއް، މިކުޅުންތެރިން އަޅުގަނޑުގެ ދަށުން ޕްރެކްޓިސް ކުރިއަށް ގެންދިޔަ ނަމަވެސް މިއީ ސާންތީ އީގަލްސްގައި ހުރިއިރު ޕްލޭން ކޮށްފައިވާ ސްޓްރެޓަޖީއެއް،" ސާންތީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ޝާކިއްޓޭ ، ސާންތީއަށް ތައުރީފު ކުރަމުން ބުންޏެވެ.

"އަޅުގަނޑަކަށް ހީނުވޭ ކޮންމެ ކޯޗެއް އީގަލްސްއަށް އަޔަސް، ސާންތީ އީގަލްސްގައި އެކަށައަޅައިފައި އޮތް ޕްލޭން ބަދަލު ވާނެ ހެނެއް، އެ ޕްލޭން އަކީ ޒުވާން ކުޅުންތެރިން އުފެއްދުމަށް ކާމިޔާބު ޕްލޭނަކަށް ވާތީ އަދި އެ ޕްލޭނުން ނަތީޖާ ހާސިލު ކުރެވޭތީ."

އަންނަ އަހަރު، އީގަލްސްގެ ކޯޗްގެ ގޮނޑި ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ޚަބަރުތައް ލިބޭ ގޮތުން ރާއްޖޭގެ ތަޖުރިބާކާރު ދެ ކޯޗުންނާ އީގަލްސްއިން ދަނީ ވާހަކަ ދައްކަމުންނެވެ. ޝާކިއްޓޭ ވެސް އީގަލްސްގެ ބެންޗުން ނުފެނިދާނެ އިޝާރާތްތަކެއް ވަނީ ލިބިފަ އެވެ. އެކަމާ ބެހޭގޮތުން އޭނާ ބުނީ އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި ކުލަބަކުން ފެންނާނެނަމަ އޭނާ އިސްކަން ދޭނީ ކުލަބު އީގަލްސް އަށް ކަަމަށެވެ.