ކުޅިވަރު

ޓީސީ ދޫކޮށް ދާދު މާޒިޔާއަށް

Dec 30, 2017
  • އޭނާ ގެންދަން ނިއު އިންވެސް މަސައްކަތް ކުރި
  • ޓީސީ ދޫކޮށްލީ ހަތަރު އަހަރު އެ ޓީމަށް ކުޅުމަށްފަހު

ޓީސީ ސްޕޯޓްސް ކުލަބުން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަން ފެށި، ޒުވާން ފޯވަޑް ނާއިޒު ހަސަން (ދާދު)، ޓީސީ ދޫކޮށް އަންނަ ސީޒަނަށް މާޒިޔާއަށް ބަދަލު ވެއްޖެ އެވެ.

ދާދު، މާޒިޔާއަށް ބަދަލުވީ އޭނާ ގެންދަން، ނިއު ރޭޑިއަންޓުންވެސް މަސައްކަތް ކޮށްފައި ވަނިކޮށެވެ. ނިމިދިޔަ ސީޒަންގެ ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި، ނިއު އާ ދެކޮޅަށް ޓީސީ ކުޅުނު މެޗުގައި، ދާދު ބަދަލު ކުރަން އޭނާ ދަނޑުން ފައިބައިން ފެށުމުން، ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ތިބި ސަރަހައްދުން ވަނީ ދާދު އަކީ އަންނަ ސިޒަންގައި ނިއުގެ ކުޅުންތެރިޔެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

"އެއީ އަހަރުމެންގެ މީހެކޭ." ދާދު އަށް ނިސްބަތްކޮށް އޭނާ ދަނޑުން ފައިބަން އަންނަން ފެށުމުން ނިއުގެ ސަޕޯޓަރުންގެ ސަރަހައްދުން ގޮވަން ފެށި އެވެ.

މާޒިޔާއަށް ބަދަލުވުމަށްފަހު، ދާދު ބުނެފައި ވަނީ މާޒިޔާއަށް ބަދަލުވެވުމުން އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި އަންނަ ސީޒަންގައި އެ ކުލަބުގެ ޓާގެޓްތައް ހާސިލު ކޮށްދިނުމަށް އޭނާ އެހީތެރިވެ ދޭނެ ކަމަށެވެ.

މާޒިޔާގެ ޗެއާމަން އަހްމަދު ސަޖިދު ވިދާޅުވީ، ދާދު އެ ޓީމަށް ބަދަލުވުމަކީ އޭނާ އަށާއި މުޅި މާޒިޔާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ދާދު މާޒިޔާއާ ގުޅުމުން ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

"ދާދު އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް، އަހަރެމެން ވަރަށް އުފާ ކުރަން އޭނާ މާޒިޔާއާ ގުޅެން ނިންމީތީ،" ސާޖިދު ވިދަޅުވި އެވެ. "ވޭތުވެދިޔަ ތިން ސީޒަންގައި ދާދު ސާބިތު ކޮށްދީފި އޭނާ އަކީ ކިހާ ހުނަރުވެރި ކުޅުންތެރިޔެއް ކަން، އޭނާ އައުމުން މާޒިޔާ އިތުރަށް ވަރުގަދަ ވާނެ ކަަމަށް އަޅުގަނޑު އުންމިދު ކުރަން."

މި ތިން އަހަރު، ދާދު ވަނީ ޓީސީ އާއި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާގެ ސީނިއާ ކެރިއާ ފެށީ، 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގައި ޓީސީންނެވެ. އެ އަހަރު ދެ ވަނަ ޑިވިޝަން މުބާރާތް ޓީސީއަށް ކާމިޔާބު ކޮށްދިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފުރަތަމަ އަހަރު ދިވެހި ޕްރިމިއާ ލީގްގެ މޮޅު ކުޅުންތެރިޔާގެ މާގަމު އޭނާ ހޯދި އެވެ.

ގައުމީ ޓީމުގައި، ދާދު އެންމެ ފުރަތަމަ ވިދާލީ 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައެވެ. ގުރޫޕް ސްޓޭޖުގައި ބަންގުލަދޭޝްއާ ދެކޮޅަށް، ދާދު ލަނޑު ޖަހައި، ގައުމީ ޓީމަށް އޭނާގެ ފުރަތަމަ ލަނޑު ރެކޯޑް ކުރި އެވެ.

ދާދު އަކީ އަންނަ ސީޒަނަށް އެހެން ޓީމަކުން މާޒިޔާއަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. މިދިޔަ ތިން ސީޒަންގައި މާޒިޔާއަށް ކުޅުނު މުހައްމަދު އުމޭރު ވަނީ އަންނަ ސީޒަންގައި، ނިއު އަށް ކުޅެން އެ ޓީމަށް ބަދަލުވެފައެވެ.

ދާދު ޓީސީ ދޫކޮށްލި ނަމަވެސް، އެތަން ފޫބެއްދުމަށް ޓީސީން ގެނެސްފައި ވަނީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ށ. މިލަންދޫ ޓީމުގައި މޮޅުކުޅުމެއް ދެއްކި، ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ގެނެސްފަ އެވެ.