ހަބަރު

ރާއްޖޭން ތެޔޮ ހޯދުމުގައި ޗައިނާގެ އެހީ ހޯދަނީ

ރާއްޖޭގެ ސަރަހައްދުން ތެޔޮ ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުމަށް ޗައިނާ ސަރުކާރާ އެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

ޗައިނާއާ އެކު ރާއްޖެއިން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިހާރު ޗައިނާއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފުދުގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު "އަވަސް" އަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އަޑީގެ ދިރާސާތަކެއް ކުރުމާއި އޭގެ ތެރެއިން ތެޔޮ ހޯދުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް މަޝްވަރާ ކުރީ ޗައިނާ ސަރުކާރުގެ، "އޯޝިއޮނޮގްރެފިކް އިންސްޓިޓިއުޓާ" އެކުގައި ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި އެއްބަސްވެފައި ވަނީ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެ ދާއިރާއިން އެއްބާރުލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަނޑައެޅުމަށް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ތެރޭގައި ދެން އޮތް މަރުހަލާ އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވޭނެ. އެއީ ޗޮއިންޓް ކޮމިޓީއެއް ކަނޑައަޅައި ޕްރޮގްރާމްސްތަކެއް ކަނޑައެޅުން. އޭރުން ޗައިނާގެ އެހީތެރިކަމާ އެކު މި މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

ރައީސް ޝީ ޗިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ކަނޑުގެ އަޑީގެ ދިރާސާތައް ކުރުމަށް އެ ގައުމުން އެހީތެރިވުމަށް އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ މިއީ އެ އެމްއޯޔޫއަށް އަމަލީ ސިފަ ގެނައުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ރާއްޖޭން ތެޔޮ ހޯދުމަށް މަސައްކަތް ކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. އެކަމާ ގުޅޭ ދިރާސާތައް މިއަހަރުގެ ކުރީކޮޅު ޖަރުމަނުގެ ކުންފުންޏެއްގެ އެހީގައި ރާއްޖޭން ވަނީ ކޮށްފަ އެވެ. އެ ދިރާސާގެ ނަތީޖާތައް ލިބޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ޝައިނީ ވިދާޅުވެފައިވާ ގޮތުގައި ތެޔޮ ހޯދުމުގެ މަސައްކަތުގައި ރާއްޖެއިން އަވަށްޓެރި ގައުމުތަކާ އެކު ގުޅިގެން މަސައްކަތް ކުރާނެ އެވެ. އަދި އެކަމަށް ޓަކައި ބޭރުގެ އެކި ފަރާތްތަކާ އެކު އަންނަ އަހަރުގެ ތެރޭގައި މަޝްވަރާތައް ބާއްވަވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެޔޮ ފެންނާނެ ކަމުގެ ނިޝާންތައް ވަރަށް ބޮޑަށް ފެނިފައިވާ ކަމަށެވެ. ނަަމަވެސް އެކަން ޔަގީން ކުރަން ދިރާސާތައް ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޗައިނާއާ އެކު ރާއްޖެ އިން މިހާރު ވަނީ ސިލްކް ރޫޓްގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ޖޮއިންޓް ކޮމިޓީ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ ފުރަތަމަ ބައްދަލުވުމުގައި ދެ ގައުމުން އެއްބަސްވެފައި ވަނީ ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމް ކުރުމަށެވެ. އެ އެއްބަސްވުމުގެ ދަށުން މަސް އެކްސްޕޯޓް ކުރުމަށް ރާއްޖެއަށް އިނާޔަތްތައް ލިބުމާއި އެއް ގައުމުން އަނެއް ގައުމަށް މުދާ ބޭރު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.