ކުޅިވަރު

ގޯމޭޒްގެ އިންޓަވިއު: އަހަރެންގެ ހިތްވަނީ ރާއްޖޭގައި!

ދިވެހި ސަޕޯޓަރުންގެ އަޑާއި ފޯރިއާއެކު މުޅި ގަލޮޅު ދަނޑު ވަނީ އެއް އަޑަކަށް ކައްކާލާފަ އެވެ. ރާއްޖެއާ ދެކޮޅަށް ކުޅެމުން ދިޔައީ، އޭގެ ކުރިން ބޭއްވި ވޯލްޑްކަޕްގެ ހަތަރު ވަނަ މަގާމު ހޯދި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ދެކުނު ކޮރެއާ އެވެ. ލަނޑެއް ޖެހިޔަ ނުދީ ރާއްޖެއިން ކޮރެއާ ލަދުގަންނަވާލި އެވެ. އެ ޓީމު އެނބުރި ގައުމަށް ދިއުމުން، މާލާމާތާއި ފާޑު ކިޔުން އަމާޒުވީ އިމެއް ނެތް މިންވަރަށެވެ. ގައުމީ ޓީވީގައިވެސް، އަމިއްލަ ގައުމުގެ ޓީމަށް ފާޑު ކިޔުންތައް އޮއްސާލި އެވެ. އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ހަމްބާޓޯ ކޮއޭލޫގެ ވަޒީފާ ވެސް އެފަހަރު ގެއްލުނެވެ.

ދެކުނު ކޮރެއާ ދެކޮޅަށް ރާއްޖެއިން ހޯދި އެ ބޮޑު ކާމިޔާބީއަކީ، ފުޓްބޯޅައިގައި އެހާތަނަށް ދިވެހިންނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އެ ކާމިޔާބުގެ މާސްޓާ މައިންޑަކީ، އޭރު ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރި ޕޯޗްގަލްގެ މެނައުލް ގޯމޭޒް އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ކޯޗެވެ. ދިވެހި ފުޓްބޯޅައިގެ ރަން އަކުރުން ފަވާލެވޭނެ އަގު ހުރި ހިދުމަތްތެރިޔެކެވެ. ދިވެހިންގެ ލޯތްބާއި އިހްތިރާމް އޭނާއަށްޓަކައި އޮންނާނެ އެވެ.

އޭގެ ފަހުން 14 ވަރަކަށް އަހަރު ފާއިތު ވާން ދަނީ އެވެ. ގޯމޭޒްގެ ހިތުގައިވެސް އަދި ވެސް ރާއްޖެއާ މެދު ހާއްސަ ޖާގައެއް އެބައޮތެވެ. 'އަވަސް' އިން އޭނާގެ އިންޓަވިއުއަކަށް އެދުމުން، އެ ފުރުސަތު އޭނާ ދިނީ ވެސް ދިވެހިންނާއި ރާއްޖެއާމެދު އޭނާގެ ހިތުގައި ހާއްސަ ޖާގައެއް އޮތީމަ އެވެ.

"ގާތް އެކުވެރިޔާ! ދިވެހިރާއްޖެއާ މެދު އަހަރެންގެ ހިތުގައި ވަރަށް ހާއްސަ ޖާގައެއް އެބައޮތް،" އޭނާގެ ވާހަކަ ފަށަމުން ގޯމޭޒް ބުންޏެވެ. "ރާއްޖޭގެ ހިތްގައިމު ކަމާއި މީހުންގެ ހިތްހެޔޮ ކަމަކީ އަހަރެންގެ ޝައުގުވެރިކަން ދަމައިގަތް ކަމެއް، އަދި އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ފުޓްބޯޅައާ މެދު އަހަރެންގެ ހިތުގައި އުފެދުނު ޝައުގުވެރިކަން."

މިއީ ދިވެހިންނަށް އޭނާ ރައްދު ކުރި މެސެޖެކެވެ. ކިތަންމެ އަހަރެއް ހޭދަވިޔަސް އަދި ކިތަންމެ ދުރުގައި ހުއްޓަސް ރާއްޖެއާ މެދު އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން ބަދަލު ނުވާ ކަމުގެ ހެއްކެކެވެ. އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ ޓީމާއެކު ވަރަށް ދުރަށް ދާން އޭނާ ބޭނުންވި ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅައަށް އޭނާ ކަނޑައެޅީ، ދިވެހިންނަށް ގަބޫލު ކުރަން އުނދަގޫ ވިޔަސް މަސައްކަތް ކޮށްފިނަމަ ވާސިލު ވެވިދާނެ މަރުހަލާއެއްކަން މިއަދުވެސް އޭނާ ގަބޫލު ކުރެ އެވެ.

"ރާއްޖޭގެ ފުޓްބޯޅައާ މެދު ދެކެން ބޭނުންވާ ހުވަފެންތަކެއް އަހަރެން ތަސައްވަރު ކުރިން، އަހަރެން ކަނޑައެޅީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް ރާއްޖެ ގެންގޮސްދިނުމަށް، މިހެން ބުނީމަ ގަބޫލު ކުރަންވެސް އުނދަގޫ ވެދާނެ،" އޭނާގެ އެ ވާހަކަތައް ތިލަ ކޮށްލި އެވެ.

"އޭރު ރާއްޖޭގެ ފުޓްބޯޅައިން އަހަންނަށް ފެނުނު މަންޒަރާ ބަލާފައި އެއީ ނުކުރެވޭނެ ކަމެއް ނޫން، އަހަރެމެންނަށް [ރާއްޖެ އަށް] ވުރެ މާ ކުދި ގައުމުތައް އެދަނީ ވޯލްޑްކަޕަށް، ކީއްވެ ނުވާންވީ، އަހަރެން އަބަދުވެސް ގަބޫލު ކުރަނީ ވާނެ ކަމަށް."

ރާއްޖެއިން އޭނާ އަށް ފެނުނު މަންޒަރު ކަމަށް، އެ ސިފަ ކުރީ ރާއްޖޭގައި އޮތް ފުޓްބޯޅައިގެ ހުނަރާއި އޭރު ސީނިއާ ޓީމަށް އަންނަން ތައްޔާރަށް ތިބި ޒުވާން ކުޅުންތެރިންނަށް ނިސްބަތް ކޮށެވެ. ގޯމޭޒް ބުނީ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ލިބުނު "ޓާނިން ޕޮއިންޓް" ކަމަށެވެ.

"އަހަންނަށް ފާހަގަ ކުރެވުނު ވަރަށް ގިނަ ކުޅުންތެރިން މިހާރުވެސް އަހަރެން ހަދާން އެބަހުރި [ގޯލްކީޕަރު] އިމްރާން [މުހައްމަދު]، ސަމްޕަތު [އަޝްރަފް ލުތުފީ]، އައްސަދު [އަބްދުލް ގަނީ] އަދި އޭރުގެ ޒުވާން ކުޅުންތެރިން ސޮބާ [ސޮބާހް މުހައްމަދު އިބްރާހިމް] އަންވަރު [އަބްދުލް ގަނީ]، [މުހައްމަދު] ޖަމީލް، އަދި ލުއްޑަ [ހުސައިން ލުތުފީ]، އުމަރު [އަލީ އުމަރު]، އޮއްޕޮ [އިބްރާހިމް ފަޒީލް]، އިލްޔާސް [އިބްރާހިމް]، [މުހައްމަދު] ނިޒާމް [ތޮއްޑޫ]،" އިންޓަވިއު އަށް ވާހަކަ ދައްކަމުން ދިޔައިރު ހަނދާނަށް އައި ބައެއް ކުޅުންތެރިންގެ ނަން ގޯމޭޒް ހިއްސާ ކުރި އެވެ.

އެހުރިހާ ކުޅުންތެރިންގެ ތެރެއިންވެސް، އޭނާ އަށް އެންމެ ފާހަގަ ކުރެވުނީ ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެދުވަސް ވަރަކީ އަޝްފާގް ކެރިއަރު ފެށި ދުވަސްވަރެވެ. ގޯމޭޒް ބުނީ އަޝްފާގަކީ އާދަޔާ ހިލާފު ކުޅުންތެރިޔެއް ކަމަށެވެ. އޭރު ފުރާވަރުގެ އުމުރު ގުނަމުން ދިޔަ އަޝްފާގަށް ތަނަވަސް ފުރުސަތެއް ހޯދައިދޭން ގޯމޭޒް ބޭނުންވި އެވެ. އެހެންވެ އޭނާގެ އަމިއްލަ ގައުމު، ޕޯޗްގަލްގެ ބެންފީކާގެ ބީ ޓީމުން އަޝްފާގަށް ފުރުސަތު ތަނަވަސް ކޮށްދިނެވެ.

"އެ ފުރުސަތުގައި އަޝްފާގް ދިޔަ ނަމަ އޭނާ މިހާރު ވާނެ އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް."

ރާއްޖެ އެނބުރި ދިއުމަކީ އުންމީދެއް

ގޯމޭޒް ރާއްޖެ ދޫކޮށްލި ނަމަވެސް، އޭނާ ވަނީ އަލުން ރާއްޖެ އައުމަށް މަސައްކަތް ކޮށްފަ އެވެ. އޭނާ ބުނީ ރާއްޖެއަށް އަލުން އަންނަ ގޮތަށް ހަމަޖެހުނު ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސްނާމީ ކާރިސާއާ ގުޅިގެން އޭނާ ދިއުން ކެންސަލްވީ ކަަމަށް ގޯމޭޒް ބުންޏެވެ.

"އަދިވެސް އަހަރެން އަތުގައި އެބައޮތް، ފެބްރުއަރީ 20، 2005 ގައި ރާއްޖެއަށް ފުރުމަށް އޮތް ޕްލޭން ޓިކެޓްވެސް." ރާއްޖޭގެ ކޯޗް ކަމަށް އަލުން އެނބުރި އައުމަށް ކުރި ޕްލޭން ގޯމޭޒް ހިއްސާ ކުރި އެވެ. ފަހުން އެނބުރި ރާއްޖެއަށް ނާދެވުނަސް އޭނާގެ އުންމިދެއް އެބައޮތެވެ. ކޮންމެވެސް ދުވަހަކުން އެނބުރި ރާއްޖެ އައިސް ރާއްޖޭގައި މަސައްކަތް ކުރުމުގެ އުންމީދެވެ.

"އަހަރެން އުންމިދު ކުރަން އެއްދުވަހަކުން އަހަންނަށް ރާއްޖެ ދެވޭނެ ކަމަށް، އަދި އަހަރެން އެ ކުޅުންތެރިންތަކެއް ދެކެ ވަރަށް ބޮޑަށް ޝައުވެރިވި ކުޅުންތެރިންނާއެކު ވަގުތު ހޭދަ ކޮށްލަން ލިބޭނެ ކަމަށް އަހަރެން އުންމީދު ކުރަން، އަދި ރާއްޖޭގެ ހިތްގައިމު މާހައުލުގަޔާއި މީހުންނާއެކު ވަގުތު ހޭދަ ކޮށްލަން ލިބޭނެ ކަމަށްވެސް އަހަރެން އުންމިދު ކުރަން،" މަޝްހޫރު ލުއިސް ފީގޯގެ ދުވަސްވަރު ޕޯޗްގަލްގެ އެސިސްޓެންޓް ކޯޗުކަން ކުރި ގޯމޭޒް ބުންޏެވެ.

"އަހަރެން ބޭނުން ވަރަށް ގާތުން ބަލާލަން ރާއްޖޭގެ ގޭމް ސްޓައިލަށް މިހާރު އައިސްފައި އޮތް ބަދަލު އަދި ފުޓްބޯޅައަށް އައި ކުރިއެރުން ބަލާލަން."

މިވަގުތު އޭނާ ހުރި ބޮޑު ޒިންމާއެއްގައެވެ. ޕޯޗްގަލްގެ އެއް ވަނަ ލީގް ޕްރިމޭރާ ލީގްގެ 14 ވަނައިގައި އޮތް ޑިސްޕޯޓިވޯ ޑަސް އަވިސްގެ ޓެކްނިކަލް ހެޑްގެ ގޮތުގައެވެ. އޭނާ ބުނީ، އެ ކުލަބުގައި ޓީމުގެ ޓްރެއިނިންއަށް ނިކުތުމުގެ އިތުރަށް އޭނާ ކުރާ މަސައްކަތަކީ ޓީމުގެ ޒުވާން ހެޑް ކޯޗް ލީޓޯ ވިޑްގާލްއަށް ލަފާ ދިނުން ކަމަށެވެ. ލީޓޯ ވިޑްގާލް އަކީ އެންގޯލާ ނެޝަނަލް ޓީމަށް ގޯމޭޒް ކޯޗް ކޮށްދިންއިރު، އޭނާގެ ކޯޗް ކަމުގެ ދަށުން އެންގޯލާ ޓީމަށް ކުޅުނު ކުޅުންތެރިޔެކެވެ. އެވެ.

"އެއީ [ލީޓޯ ވިޑްގާލް] އަހަރެންގެ ކޯޗް ކަމުގެ ދަށުން އެންގޯލާ ޓީމަށް ކުޅުނު ކުޅުންތެރިޔެއް، ކާމިޔާބު ކޯޗަކަށް އޭނާ ހެދުމަށް އަހަރެން ބޭނުން އެހީތެރިވާން، މިހާރުވެސް ޕޯޗްގަލްގެ ލީގްގައި ތިބި އެންމެ ރަނގަޅު ކޯޗުންގެ ތެރޭގައި އޭނާ ހިމެނޭނެ، އެހެންވެ އެ މަސައްކަތުގައި އުޅޭތީ އެހާ އަވަހަށް ރާއްޖެ ދާނަމޭ ބުނާކަށް އަހަންނަކަށް ނޭންގެ، އެކަމަކު ކޮންމެވެސް ދުވަހަކުން އެނބުރި ދާން އުންމިދު ކުރަން."