(28 ޑިސެމްބަރ 2017 އާ ގުޅޭ)
އެ ދަރިފުޅަށް އަޒާން ފަސްއަޅާ ފޮރުވާފައިވާ މާޒީގެ ތަންތަންކޮޅު އެނގެންވީ ސަބަބެއް ހޯދުމަށް އަޒާންވަނީ ނުކުޅެދެވިފައެވެ. އެންމެފަހުން ދަރިފުޅު ދާތަންތަން ފާރަލާ ބަލަން ވެސް ބޭނުންވިއެވެ. އެކަމަކު އެހިސާބަށް ކަންތައް ގެންދާކަށް އޭނަގެ ޟަމީރު އެއްބަހެއްނުވިއެވެ. އޭނާގެ ފަރާތުން ޔާނާ ބޭނުންވަނީ ކޮންކަމެއްކަން ނޭނގެއެވެ. ޔާނާގެ ވާހަކަތަކަށް ރައްދެއްދޭން ބޭނުންނުވަނީ މާޒީގެ ހަނދާންތަކާ ކުރިމަތިލާން ކުޑަކޮށް ވެސް އަޒާން ނޭދޭތީއެވެ.
ހޮސްޕިޓަލުން ގެއަށް ހައިކަލް ބަދަލުކުރި ނަމަވެސް އިހު އުޅުނުހެން ހަރަކާތްތެރިކޮށް އުޅޭން ހައިކަލްއަށް އުނދަގޫވިއެވެ. ހޮސްޕިޓަލާއި ގޭގައި ޒޭންގެ އެހީގައި ކުރަމުން އަންނަ ކަސްރަތުގެ ނަތީޖާ މަޑުމަޑުން ފެންނަމުން ދިޔައެވެ. ހޮސްޕިޓަލުން ގެއަށް އައި ފުރަތަމަ ދެތިން ދުވަހު ފުރޮޅުލީ ގޮނޑީގައި ހައިކަލް އިންނަން ޖެހުނެއް ކަމަކު މިހާރު އެ ގޮނޑީގެ ބޭނުން ކެނޑިއްޖެއެވެ. ދެފައި މައްޗަށް ކޮޅަށް ހުރެވުނެއްކަމަކު ހިނގުމުގައި ދަތިތަކެއް ދިމާވެއެވެ. އެކަމުގެ ސަބަބުން ހައިކަލްއަށް އަސާގަނޑެއްގެ އެހީ ހޯދަން ޖެހުނެވެ.
"ޒޭން! ދެން އިތުރަށް މަޑުކުރާކަށް ބައްޕަ ގަސްދެއް ނުކުރަން. އިތުރު ދުވަސްތަކެއް ބޭކާރުކޮށްލުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަންކަން ނިންމަން ބޭނުންވަނީ. މާދަމާ ވާނޭ ގޮތެއް އެކަކަށް ވެސް ނޭނގޭނެ. މިއަދު ކުރެވެން ހުރި ކަމެއްވިއްޔާ ކޮށްނިންމާލުން ބުއްދިވެރީ. އަޒާންގެ ކުރިމައްޗަށް އަހަރެން ދިޔަ ނަމަވެސް އޭނާ ހިޔެއްނުވޭ އަހަންނާ ވާހަކަދައްކަފާނެހެން. ޚާއްޞަކޮށް މިންނުގެ ވާހަކަ އަޑު އަހާފާނޭހެން ހަމަ ހީނުވަނީ. އެކަމަކު ޔާނާއާއި ޒޭންއާ ދެކުދީންނަށް އެކަން ވެދާނެ. އެކަމަކު އަޒާންގެ ކުރިމައްޗަށް ދަރިފުޅު ހުއްޓޭ ވަގުތުން ފެށިގެން އޭނާއަށް ދަރިފުޅަކީ ކާކުކަން އެނގެނޭ. ހައިކަލްއަކީ ކާކުކަން ފެނިފަ ހުރި ކޮންމެ މީހަކަށް ދަރިފުޅު ވަކިކުރަން އެނގޭނެ. ބައްޕަގެ ހިތެއް ނުބުނޭ އަޒާން މަޢާފުކުރާނެއެކޭ. ބައްޕަ ކަހަލަ މީހަކަށް މަޢާފު ހައްޤެއް ވެސް ނޫން" އެނދުގައި އިށީނދެލައިގެން ކުރިމައްޗަށް ވާގޮތަށް އަސާ ބަހައްޓާލައި އޭގައި ދެއަތްތިލަ އަޅުވާލައިގެން އިނދެ ހައިކަލް ވާހަކަދެއްކިއެވެ.
"ބައްޕާ! ތިހެން ނުބުނޭ! ޔާންގެ ބައްޕައަށް އަޅުގަނޑު ފެނުމުން ޔަގީނުން ވެސް މަންމައާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވާނެ. އަޅުގަނޑު ހުރިހާ ވާހަކައެއް ކިޔައިދޭނަން. ބައްޕައަށް ސްޓެރެސްއަކީ މިހާރު ރަނގަޅު އެއްޗެއް ނޫން. ސޯ ޕްލީޒް! ޑޯންޓް ވޮރީ... އަޅުގަނޑާއި ޔާނާއާ ވެގެން ހުރިހާކަމެއް އޯކޭ ކުރާނަން. މަންމަގެ ޢާއިލާއާ އަޅުގަނޑުމެންނާ އޮންނަ ގުޅުން ރަނގަޅުވާން އަޅުގަނޑު ވެސް ބޭނުން" ހައިކަލްގެ އެނދު ކައިރީ ބަހައްޓާފައި ހުންނަ ބޮޑުގޮނޑީގައި އިށީނދެ އިން ޒޭން ބުންޏެވެ.
"މިވަގުތު އެންމެ ފުރަތަމަ ކަމަކަށް ބައްޕަ ބޭނުންވަނީ ހުސްނާއާއި ޖަމީލަށް އެއްބަސްވެފައިވާ ކަންތަކައިގެން ކުރިއަށްދާން. ދެން ދަރިފުޅު ބުނީމެއްނު ކާރުގައި މައްސަލައެއް އުޅޭ ވާހަކަ. އެހެންވީމަ ކާރު ވެސް މަރާމާތު ކުރަން މިއަދު ފޮނުވަންވާނެ" ހައިކަލް ކުރަން ބޭނުންވި ކަންކަމުގެ ލިސްޓެއް ކިޔާލިއެވެ. ފަރުވާތެރިކަމާއެކު އަޑުއަހަން އިން ޒޭން އޭނާގެ ފޯނުގައި ހައިކަލް ބޭނުންވާ ކަންކަން ނޯޓުކުރިއެވެ.
ޖެހިގެން އައި ދުވަހު ހުސްނާއާއި ޖަމީލުގެ ކައިވެނީގެ ކަންކަން އަވަސް ކުރުމަށް ހައިކަލްގެ އިރުޝާދުގެ ދަށުން ޒޭން އުޅެއެވެ. ދެ މީހުންގެ ކައިވެނި ކުރުން ހަމަޖެއްސީ ހައިކަލްގެ ގޭގައެވެ. ހުސްނާއަކީ ހައިކަލްގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ހައިކަލް ޤަބޫލުކުރެއެވެ. އެހެންވެ ކައިވެނި ކުރެވެންދެން ވެސް ހުސްނާ ހުންނާނީ ހައިކަލްމެން ގޭގައި ކަމުގައި ނިންމިއެވެ. ކައިވެނީގެ ފޯމުފުރުމާއި ރަންކިއުމާއި ހުރިހާ ކަމެއް ނިންމާލިއެވެ. ކައިވެނިކޮށްދިނުމުގައި އުޅޭ ހައިކަލްގެ ރައްޓެއްސެއް އެކަމުގައި އެހީތެރިވިއެވެ. އޭނާ ޔަގީންކަން ދިނީ ތިންދުވަސްފަހުން ކައިވެނިކޮށްދިނުމަށް ކޯޓުން މީހުން އަންނާނެކަމުގައެވެ.
ކައިވެނި ކުރާން ހަމަޖެހިފައި އޮތް ދުވަސް އައިސް ޖެހުނު އިރު ޔާނާއާއި ޒޭންގެ ސަބަބުން ގޭތެރެއަށް ވަނީ ދިރުން އައިސްފައެވެ. އެ ދެ ޒުވާނުން ވެގެން ގޭގެ ބޮޑުކޮޓަރި ތައްޔާރުކުރިއެވެ. ހަވީރު ހަތަރުގަޑި ފަނަރަ ހިނގިއިރު ބޮޑުކޮޓަރީގެ ސޯފާތަކުގައި އެންމެން ތިއްބެވެ. ކޯޓުން އައި ޤާޟީއާއި އެހީތެރިން ވެސް ތިއްބެވެ. ކައިވެނީގެ ކަންކަން ކުރިއަށް ދިޔައިރު ޒޭންއާއި ޔާނާ ވެސް ތިބީ ނިކަން ފަރުވާތެރިވެ ބަލާށެވެ. ރާއްޖޭގައި ކައިވެނި ކުރެވޭގޮތް ޒޭން ދުށް ފުރަތަމަ ފަހަރެވެ. އެހެންވެ އެންމެނަށްވުރެ އެކަމަށް ޒޭންގެ ސަމާލުކަން ބޮޑެވެ. ޤާޟީ އަނބިޤަބޫލުކުރުމަށް ޖަމީލުގެ ގާތުގައި އެހުމާއެކު އޭނާ އެކަމަށް ޖަވާބުދިނެވެ. އެހިނދު ޒޭން ވެސް ޔާނާގެ ކަންފަތްބުޑަށް ތިރިވެލާ ވައިއަޑުން އަނބިޤަބޫލުކޮށްފީމޭ ބުނެލިއެވެ. ޒޭންގެ އެ ސަމާސާ އެތަނުގައި އިން ހައިކަލްއަށް ފެނުނެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ޔާނާއިނީ ދެ ލޯބޮޑުކޮށްލައިގެންނެވެ. އެހެން އިނދެފައި ޒޭންގެ ޖިންސުގެ މަތީން އޭނާގެ ފައިގައި ވިކައިގަތުމާއެކު ތުންތަޅުވާލިއެވެ. ހިތްހަމަނުޖެހުނުކަން ދައްކާލިއެއްކަމަކު އޭނާ އިސްޖަހާލުމާއެކު ޔާނާގެ ތުންފަތަށް ވެސް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔަތަން ހައިކަލް ދުށްޓެވެ.
ހުސްނާއާއި ޖަމީލުގެ ކައިވެންޏަށް ކުޑަ ސަޔައެއް ތައްޔާރުކޮށްފައި އޮތެވެ. ހުސްނާގެ ޢާއިލާއިން އެކަކު ވެސް އެ ކައިވެނީގައި ބައިވެރިވާން ނާދެއެވެ. އެ މީހުން ހުސްނާއަކީ އެ ޢާއިލާގެ މެންބަރެއްގެ ގޮތުގައި ވެސް ނުދެކެނީއެވެ. ހުސްނާ މާލެ ބަދަލުވީއްސުރެން އޭނާ ދުވަހަކު ވެސް ޢާއިލާގެ ކައިރިއަށް ރަށަކަށް ނުދެއެވެ. އެމީހުން އޭނާ އެނބުރި އަންނާން ވެސް ބޭނުންނުވަނީއެވެ. މިއަދު ހުސްނާގެ ތިބި ބަޔަކީ ވެސް ހައިކަލްގެ ޢާއިލާއެވެ. ހުސްނާގެ ކައިވެންޏަށް އަގުހުރި ހަދިޔާއެއް ހައިކަލް ދިނެވެ. އެ ދެމަފިރިންނަށް ހަމަޖެހިގެން އުޅެވޭނޭ މަގު ތަނަވަސްކޮށްދިނެވެ. ހުސްނާގެ އޯގާތެރިކަމާއި އޭނާ އެގޭގައި ހުރެގެން ކޮށްދިން މަސައްކަތްތަކުގެ އަގު އަދާނުކުރެވޭނެކަން ހައިކަލް ހާމަކުރިއެވެ. އެވަގުތު ހުސްނާގެ ލޮލުން ކަރުނަ ނިރާލިއެވެ.
"ހައިކަލް އެދެނީ އަޅުގަނޑު ކައިވެނިކޮށްގެން މިގެއިން ނުކުމެގެން ދާން ކަމުގައިވާނަމަ އަޅުގަނޑު ނުކުމެގެން ހިނގައިދާނަން. އެކަމަކު ހިތުން ރުހުމުންނެއްނޫން. މިއަދު މިންނުގެ މަތީން ވަރަށް ހަނދާންވޭ. ޖަމީލުއަކީ ރަނގަޅު ހަރުދަނާ މީހެއްކަން ފުރަތަމަ ވެސް ފާހަގަކުރީ މިންނު. މި ޢާއިލާއަށް ޚިދުމަތްކޮށްދިނުމަކީ އަޅުގަނޑު އުފަލުން ކުރާކަމެއް. އެހެންމީހެއްގެ އަތްމައްޗަށް މި ޢާއިލާގެ ކަންކަން ދޫކޮށްލާފައި ދާން އެއްގޮތަކަށް އަޅުގަނޑުގެ ހިތެއް ނޭދޭ. އަޅުގަނޑު މީހަކާ އިނަސް ގޭގެ ހުރިހާ ކަމެއް ބަލަހައްޓައިދޭނަން. ޖަމީލު ވެސް އަޅުގަނޑާ ކައިވެނިކުރީ މިގެއިން ނެރެގެން އެހެންތަނަކަށް ގެންދިއުމުގެ ނިޔަތަކުނޫން" ހުސްނާގެ ދެ ލޮލުން އާދޭސްކުރާކަމުގެ އަސަރުތައް ފާޅުވިއެވެ.
"ބައްޕާ! މި ބޮޑު ގޭގައި ހުސްނައްތަ ހުރުމަކުން އަޅުގަނޑުމެންނަށް ދައްޗެއް ނުވާނެއެއްނު. ހުސްނައްތަމެން ދެމަފިރިންނަށް މިހާރު ވެސް ހުސްނައްތަ ހުންނަ ކޮޓަރީގައި ތިބުން ކިހިނެއްވާނެ" ޒޭންއަށް ވެސް އިހުސާސް ކުރެވެނީ ހުސްނާއަކީ އެ ޢާއިލާގެ މީހެއް ކަމުގައެވެ. ހުސްނާގެ އުމުރުގެ ބޮޑުބައި އޭނާ ހޭދަކޮށްފައިވަނީ އެ ގޭގައެވެ. ހުސްނާ ވަކިވާން ބޭނުންނުވާއިރު އެ ގުޅުން ކަނޑާލަން ޒޭންއާއި ހައިކަލް ވެސް ބޭނުމެއްނުވެއެވެ. ޒޭންގެ ޚިޔާލަށް ހައިކަލް އެއްބަސްވިއެވެ. ހުސްނާ ބޭނުން ދުވަހަކު އެގޭގައި ހުރުމުގެ ހުއްދަ ހައިކަލް ދިނެވެ.
އެރޭގެ ކެއުމުގައި ހައިކަލްމެންނާއެކު ޔާނާ ވެސް ބައިވެރިވިއެވެ. ހައިކަލް އެދުނީ ޒޭންގެ ގާތުން ރޭގަނޑުގެ ކެއުމަށްފަހު ޔާނާ ގެއަށް ގެންދިއުމަށެވެ. އެހެންވެ ޔާނާއާއެކު ގެއިން ނުކުންނަން ހިނގައިގަތް ޒޭން ހުއްޓުނީ ހައިކަލް ގޮވާލީމައެވެ. އޭރު ހައިކަލް އިނީ އޭނާގެ އަތުގައި އޮތް ކާރުގެ ތަޅުދަނޑި ދިއްކޮށްލައިގެންނެވެ. ނިކަން ބޮޑަށް ހިނިއައިސްފައި ހުރި ޒޭން އަވަހަށް އައިސް ހައިކަލްގެ އަތުން ތަޅުދަނޑި ނެގިއެވެ. ފޮނިގޮތަކަށް ޔާނާއަށް އަތުގައި އޮތް ތަޅުގަނޑި ޒޭން ދައްކާލިއެވެ. އެތަން ފެނި ހައިކަލްއާއި ޔާނާ ވެސް ހީނގަތެވެ.
* * * * *
އާ ދުވަހަކަށް ދުނިޔެ ތައްޔާރުވަމުންދިޔައެވެ. އުޑުމަތީ ވިލާ ގިނަވެ ވައިބާރުވެފައި ވިޔަސް އިރުގެ އަލި ދުނިޔެމައްޗަށް ފެތުރެމުންދިޔައެވެ. ކޮފީތަށްޓެއް ހިފައިގެން ކޮޓަރީގެ ބެލްކަނީގައި ހުރި ގޮނޑީގައި ހައިކަލް އިށީނދެލައިގެން އިނެވެ. އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ދޭތެރެއަކުން ދެ ލޯ މަރާލާ ފުންނޭވާއެއް ދޫކޮށްލައެވެ. ލަސްލަހުން ކޮފީ ބޮމުން ދާއިރު އިރުއިރުކޮޅަކުން އިންނަ ގޮތް ބަދަލުކޮށްލައެވެ. އަރިއަކަށް ގޮނޑީގެ އަތްގަނޑުގައި ލެނގިލައި ވައަތުފައިމައްޗަށް ކަނާތު ފައި އަރުވާލިއެވެ. ވައިރޯޅިތަކުގެ ގޯނާއާއެކު ފަން އިސްތަށިގަނޑު ހޭވުމާއެކު ވައަތުން އަތްފުނާ އަޅާލާ ރީތިކޮށްލައެވެ.
ހެނދުނުގެ ކުރީގެ ވަގުތުތައް ހައިކަލް ހޭދަކުރީ ވިޔަފާރީގެ ކަންކަން އޮޅުންފިލުވުމުގައެވެ. އޭނާ ނެތްއިރު ވިޔަފާރިއަށް އެއްވެސް އަސަރެއް ކުރިތޯއާއި ކުންފުނީގެ ލިޔެކިޔުންތައް ބެލުމުގައި އިނެވެ. ވިޔަފާރީގެ ކަންކަން ބެލެހެއްޓުމަށް ހުންނަ އެންމެ އިސް މުވައްޒަފާއި ހައިކަލްއާ ދެ މީހުން ތިބީ ގޭގެ ސްޓަޑީގައެވެ. އެކަމުގައި އިން ހައިކަލްއަށް ޒޭންގެ ހިލަންވުމުން މިއަދު އޭނާ ކުރަން ހަމަޖެހިފައި އޮތް ވަރަށް މުހިންމު ކަމެއްގެ މަތީން ހަނދާންވިއެވެ. އެގާރަޖަހަންވާއިރަށް މަސައްކަތްތައް ނިންމާލާ ކުންފުނިން އައިސް އިން ސްޓާފު އެނބުރި އޮފީހަށް ފޮނުވާލިއެވެ.
ހައިކަލް ފެންވަރާ ތައްޔާރުވެލިއެވެ. އަދި ކޮޓަރީގައި ހުރި އިސްކޮޅުވަރުގެ ބޮޑު ލޯގަނޑު ކުރިމަތީ އެއްއަތުން އަސާގައި ހިފަހައްޓާލައިގެން ހައިކަލް އޭނާގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރިއިރު އެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ހައިކަލްއަށް ލޯގަނޑުގެތެރެއިން އޭނާގެ ހަނދާނުގައި ރައްކާކޮށްފައިވާ މަންޒަރުތައް ސިފަކުރެވެމުންދިޔައެވެ. އެ މަންޒަރުތަކުގައިވަނީ މިންނު އާއިއެކު ހޭދަކުރި ދުވަސްތަކެވެ. މަޑުމަޑުން ލައްޕާލި ދެ ލޮލަލާއެކު ނޭވާ އެތެރެ ހަށްޓަށް ހައިކަލް ދަމާލީ މިންނުގެ ހަށިގަނޑުން ދުވާ މީރު ވަސް އެ ނޭފަތުގައި ހަރުލާފާނޭކަމުގެ އުންމީދުގައެވެ. އެހިނދު ހުޅުވާފައި ހުރި ބެލްކަނިން ކޮޓަރިތެރެއަށް ދެމިގަތް ވައިރޯޅިއާއެކު ފަރުދާގެ ބައެއް ވިހުރުވި ހައިކަލްގެ މޫނުގައި ބީހިލާފައި ދިޔައެވެ. އެއާއެކު އިހުނަށްވުރެ ބޮޑަށް ހައިކަލް ހިނިތުންވެލިއެވެ. ހީވީ މިންނުގެ ދިގު އިސްތަށިގަނޑު އެ މޫނުގައި ހޭކިލާފައި ދިޔައީ ހެންނެވެ. ކޮޓަރީގެ ދޮރުހުޅުނު ކަމެއް ވެސް ހައިކަލް ނުދެނަހުއްޓެވެ. ހުރި ފިޔަވަޅުމަތީގައި ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހައިކަލް ހުއްޓާ އޭނާގެ ދެ ލޯ ހުޅުވާލަން މަޖުބޫރު ކުރީ ޒޭނެވެ.
"ބައްޕާ!" ޒޭން ގޮވާލިއެވެ.
ހައިކަލް ލޯ ހުޅުވާލި އިރު އޭނާގެ ފުރަގަހުން ކަހަލަ ގޮތަކަށް ޒޭން އައިސް މަޑުކޮށްލަނީއެވެ. އެހިނދު ހައިކަލްއަށް ފެނުނީ އޭނާގެ އެންމެ ޒުވާން ދުވަސްވަރެވެ. ފުރަތަމަ މިންނުއާ ދިމާވި ދުވަސްތަކުގެ ހަނދާން އަލުން އާވެގެންދިޔައެވެ. ލޯގަނޑުން ފެންނަން ހުރީ ހައިކަލްއާއި މިންނުގެ ފުރިހަމަ ލޯތްބެވެ. ހާލަތު ކޮންމެ ގޮތަކަށް ނިޔާކުރި ކަމުގައި ވިޔަސް އެ ލޯބީގެ މޭވާ ފޮންޏެވެ. ފުރިހަމައެވެ. ފެންނަ ކޮންމެ މީހަކުމެ ހީކުރާނީ ހައިކަލްއަކީ މުސްކުޅި ނުވާ އިންސާނެއްގެ ގޮތުގައެވެ.
"މައި ގޯޑް! ޔޫ ލުކް ސްމާރޓް ސަން" ހައިކަލް ޒޭންގެ ކޮނޑުގައި އަތުން ޖަހާލަމުން ބުނެލިއެވެ.
"ޔާ!، ލައިކް ޑޭޑް.... ބަޓް އައިމް ހެންޑްސަމާ.... ހެ ހެ ހެ ހެ...." ޒޭން ހޭންފެށިއެވެ. އެއާއެކު ހައިކަލް ވެސް ހޭންފެށިއެވެ. ޒުވާންކަމުގައި އަބަދަކު އިންސާނާއަކަށް ނުހުރެވޭނެއެވެ. އެކަން ހައިކަލް ޤަބޫލުކުރެއެވެ. މިއަދު އޭނާގެ ހަށިގަނޑުގައި ކުރިން ހުރި ޖޯރެއް ނެތެވެ. ޅަދުވަހު ތިމާގެ ބިންގާ ސިދާ ކުރުން މުހިންމުކަމުގައި ހައިކަލްއަށް މިހާރު ވިސްނެއެވެ. އެންމެ ފަސޭހައިން މަގުން ކައްސާލަނީ މީހާގެ ޒުވާން އުމުރުގައެވެ. ހުރިހާ ކަމެއް ކުރާން އެ އުމުރުގައި ބޭނުންވެއެވެ. ހިތް އެދެއެވެ. އެ ޖޯޝުގައި ހައިކަލްއަށް ކޮށްގެން ނުވާނޭ އެތައްކަމެއް ކުރެވުނީއެވެ. ފަހަރެއްގައި އެ ދުވަހު އޭނާއަށް މަގުދައްކައިދޭން މައިންބަފައިން ނެތުމުންވީގޮތެއް ކަމަށްވެދާނެއެވެ. އަތްމައްޗަށް އެހާ ގިނަ ފައިސާ އެރުމާއިއެކު އެ ފައިސާގެ އަގު ވަޒަން ކުރަން ނޭނގުނީއެވެ. އެހެންވެ ހިތްއެދޭ ކޮންމެ ކަމެއް އެ ފައިސާގެ އެހީގައި ހޯދިދާނޭކަމުގައި ހީކުރެވުނީއެވެ. ހައިކަލްގެ އަމިއްލަ ތަޖުރިބާއާއެކު އޭނާ ފިލާވަޅު ލިބިގަނެއްޖައެވެ. ދަރިފުޅު ޒޭނަށް މަގުދައްކައިދޭން ހައިކަލް ހުންނާނެއެވެ. އޭނާ އެ ދަރިފުޅު ކުށަކަށް އަރައިގަތުމުގެ ކުރީން ސަލާމަތް ކުރާނެއެވެ.
"ލެޓްސް ގޯ" ހައިކަލްގެ ކޮނޑުގައި އަތްބާއްވާލަމުން ޒޭން ބުނެލިއެވެ. އެއާއެކު ހިނިތުންވެލައިގެން ހުރި ހައިކަލް ބޯޖަހާލިއެވެ. އަދި ދެބަފައިން އެކުގައި ގެއިން ނުކުމެގެން އައިސް އެރީ ހައިކަލްގެ ޚާއްޞަ ކާރަށެވެ. އެހެންނަމަވެސް މިފަހަރު ހުންގާނުގައި ހިފަހައްޓާލީ ހައިކަލްއެއްނޫނެވެ. އޭނަގެ ލޯބިވާ ދަރިފުޅު ޒޭންއެވެ.
މަގުތަކުގައި ހަރުކޮއްފައިވާ ޓްރެފިކް ލައިޓު ތަކަށް މަޑު ކުރަމުން ޒޭން ކާރު ދުއްވަމުން ދިޔައެވެ. މަގުތަކަށް އައިސްފައިވާ ބޮޑެތި ބަދަލު ތަކާއި ގުޅިގެން ދާންބޭނުންވި މަންޒިލަށް ދިއުން އެހާ ފަސޭހަކަމަށް ނުވިއެވެ. ނަމަވެސް ޒޭންގެ ކާރު ދުއްވުމުގެ ހުނަރާމެދު ހައިކަލް ފަހުރުވެރިވާހާ ވެއެވެ. އާދައިގެ ދުވެއްޔެއްގައި ދުއްވަމުން ދިޔަ ކާރު މަޑުކުރީ ހައިކަލްގެ އިޝާރާތަށެވެ. ނަމަވެސް އެ މަގުގައި ކާރު ޕާކުކުރާނެ ޒޯނެއް ނެތުމާއިއެކު އަނެއްކާ ވެސް ކާރުދުއްވާލީއެވެ.
ބޭނުންވި މަންޒިލާ ދުރުނޫން ހިސާބެއްގައި ކާރު ޕާކު ކުރުމަށްފަހު ޒޭން އަވަސްވެގަތީ ބައްޕަ ހައިކަލްއަށް އެހީތެރިވުމަށެވެ. ކާރުން ފައިބާ އަސާގަނޑުގެ އެހީގައި ލަސް ފިޔަވަޅުތަކެއް އަޅަމުން ޒޭންއާއިއެކު ހައިކަލް ހިނގައިގަތެވެ. އެ ގެއެއްގެ ދޮރޯށި ފެނުމުން ހިތް އަވަސްވާ ގޮތް ހައިކަލް ވިއެވެ. މިއަދު ހައިކަލް ހުއްޓިގެން އެ ހުރީ މިލްނާ އުޅެ ބޮޑުވި ގޭގެ ދޮރުމަތީއެވެ.
"ބައްޕާ! ނުވަންނާނަންތަ" ހައިކަލް ދޮރުގެ ތަޅުގައި ހިފިގޮތަށް ހުއްޓުން އަރާފައި ހުންނަން ފެށުމުން ޒޭން އަހާލިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރުވާލާފައި ހައިކަލް ދޮރޯށި ހުޅުވާލިއެވެ. އަދި ގޭތެރެއަށް ފިޔަވަޅު އަޅާލިއެވެ. ޒޭންއަށް ވަށައިގެން ހޯދާލެވުނެވެ. އޭނައަށް މިންނުގެ ޑައިރީއިން ސިފަވިކަހަލަ މަންޒަރުތަކެއް އެ ގެއިން ފެނޭތޯއެވެ. ނަމަވެސް އިމާރާތަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ނޫކުލައާއި ހުދުކުލައިން ބޭރުފާރު ރީތިކޮއްލާފައިވާއިރު އިމާރާތްވަނީ ތިންބުރިއަށް ހިއްލާލާފައެވެ. ގޯތިތެރޭގައި ހުސްތަންނެތް ކަމުގައިވިޔަސް ދެފަރާތުގައި ގަސްއިންދާފައި ހުރި މުށިގަނޑުތަކެއް ބަހައްޓާފައި ހުއްޓެވެ. މިންނު ސިފަކޮށްދިން ބޮޑު އަނބުގަހެއް ވެސް މިހާރަކުނެތެވެ. ބޭރު ދޮރުންވަންނައިރު ސިޓިންރޫމާދޭތެރޭ ހީވާގޮތުން ހުންނާނީ ދިހަވަރަކަށްފިޔުވަޅުކަން ޒޭންއަށް ހީވިއެވެ. ހައިކަލް އާއި ޒޭން އެކަކު އަނެކަކަށް ބަލާލީ އެ ގެއަށް އައިސްފައިވާ ބަދަލުތަކުންކަން ގައިމެވެ.
ދޮރުގައި ހަރުކުރެވިފައިވާ މަޑުނޫކުލައިގެ ބެލްގެ ސުވިޗަށް އޮބާލީ ޒޭންއެވެ. ދެފަހަރަކު ފިއްތާލިފަހުން ދޮރުހުޅުވީ އަންހެން ކުއްޖެކެވެ. ޒޭން އަވަސް އަވަހަށް ސުހައްތަ އެބޫޅޭތޯ އަހާލިއެވެ. އެއާއެކު ދޮރުމަތީ ހުރި އަންހެންކުއްޖާގެ މޫނުން ފެނުނީ ހައިރާންކަމެވެ. އަދި އެ އަންހެން ކުއްޖާ ސުހައްތައަކީ ސުހާތޯ އަހާލީ ޔަގީންނުވެފައި ހުރެއެވެ. އެ އަންހެން ކުއްޖާގެ ކިބައިގައިވަނީ މަޑުމައިތިރިކަމާއިއެކު ހިތްހެޔޮ ހިނިތުންވުމެކެވެ. އެކަމުން ހައިކަލްއާއި ޒޭންގެ ޖެހިލުންވުން ކުޑަވިއެވެ.
"ސުހާ! ސުހާ އެބައުޅޭތަ؟" އަންހެންކުއްޖާއަށް އެރި އޮޅުން ރަނގަޅުކޮށްދިނީ ހައިކަލްއެވެ.
"އެބައުޅޭ! ވަންނަންވީނު އެތެރެއަށް. އަޅުގަނޑު އަންނާނަން ގޮވާލާފައި" ހައިކަލްއާއި ޒޭން ގޭތެރެއަށް ވެއްދުމަށްފަހު ސިޓިންރޫމުގައި ހުރި ބޮޑު ސޯފާތަކަށް އިޝާރާތްކޮށް މަޑުކޮށްލަން އެ އަންހެންކުއްޖާ އެދުނެވެ. އޭނާ އެދުނު ފަދައިން ސޯފާގައި ހައިކަލްއާއި ޒޭން އިށީނެވެ. އެމީހުން މާދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ސިޑިން މައްޗަށް އެރި އަންހެންކުއްޖާގެ އެހީގައި ފައިބައިގެން އަންނަ ސުހާ ސޯފާގައި ތިބި ހައިކަލްއާއި ޒޭނަށް ފެނުނެވެ.
ސޯފާތައް ކައިރިއަށް އައި ސުހާ އަށް ލިބުނީ ހައިރާންކަމެވެ. ލޮލުގައި އަޅާފައިވި ނަންބަރު އައިނު ވެސް އޭނައަށް އޮޅުވާލަނީބާއޭ ހީވީއެވެ. އައިނު ނަގާ އަޅައިގެން ހުރި ބުރުގާގެ ކަންގަނޑުން ފޮހެލުމަށްފަހު އަނެއްކާ ވެސް ލޮލުގައި އަޅާލިއެވެ. ޒޭންއާއި ހައިކަލް ތެދުވީ ސުހާއަށް އިޚްތިރާމް ކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް އޭނާ އެސްފިޔަ ވެސް ޖަހާނުލާ ބަލަމުން ދިޔައީ އެ ދެމީހުންނަށެވެ. ސުހާއަށް އެ ދެމީހުން ފެންނަނީ ހައިކަލްގެ ސިފައިގައެވެ. ގާތުގައި ހުއްޓިލައިގެން ދެ މީހުން ތިބިއިރު އެކަކުގެ ފަރާތުން ފެންނަނީ ހައިކަލްގެ ޒުވާން އުމުރެވެ. ދެން ހުރި މީހާގެ ފަރާތުން ފެންނަނީ އުމުރުން ދުވަސްވެ ބޮލުގެ ބައެއް އިސްތަށި ނުރަވެފައި ހުރި ހައިކަލްއެވެ.
"ތީ ހައިކަލްތަ؟ ނޫނީ ތީތަ ހައިކަލްއަކީ؟" އެއްފަހަރު ޒޭނަށް އަނެއްފަހަރު ހައިކަލްއަށް އިޝާރާތްކޮށް ސުހާ އަހާލިއެވެ. އެތަނުން ހައިކަލްއަކީ ކޮބާކަމެއް ސުހާއަށް ޔަޤީނެއްނުވިއެވެ. ސުހާގެ އުމުރުން މިހާރު ފަސްދޮޅަހހަށް އަރައިފިއެވެ. ކުރި އަލަތު ކައިވެނީގައި ލޯބިވާ ފިރިމީހާއާއިއެކު ދެ ފިރިހެން ކުދީން ލިބުނެވެ. ދޮށީދަރިފުޅު މާކިން މިހާރު މީހަކާ ވެސް އިނދެފިއެވެ. ނަމަވެސް ހަގުދަރިފުޅު މާތިން ހުރީ އަދިވެސް ހުސްހަށިބައިކޮންނެވެ. (ނުނިމޭ)