ހަބަރު

މަޖިލީހުން ކުރަންޖެހޭ ކަންކަން ސާބިތުކަމާއެކު ކުރާނަން: މަސީހު

ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުުރުމުގައި މަޖިލިސް ދެމި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތާ ގުޅިގެން ދެއްވި މެސެޖްގައި މަސީހު ވިދާޅުވީ އާ އަހަރު ފެށޭއިރު ކޮންމެ ދިވެއްސަކު ވެސް ގައުމާމެދު ހެޔޮގޮތުގައި އަމަލު ކުރުމުގެ އަޒުމް އާކުރަން ޖެހޭ ކަމަށެވެ. ގައުމުދެކެ ލޯބިވެ ގައުމަށް ހެޔޮ އެދި، މާތްވެގެންވާ އިސްލާމް ދީނަށް ނަސްރު ދީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ބޭއްވުމަށް ގުޅިގެން މަސައްކަތް ކުރަން އަޒުމް އާ ކުރަން ޖެހޭ ކަމަށެވެ.

ގައުމު ތަރައްގީކޮށް ރައްޔިތުންގެ ދިިރިއުޅުން އުޖާލާކުރަން ފަރުދީ ޒިންމާ އަދާކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ އަޒުމް އާކުރަން ޖެހޭ ކަމަށް މަސީހުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

އަދި އެކަންކަން އަމަލީ މައިދާނަށް ތިރިކޮށް ތަންފީޒުކުރުމުގައި އިތުރަށް ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމަށްވެސް މަސީހު ވިދާޅުވި އެވެ.